އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ޗެލްސީން ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެއްޖެއެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެފައިވާ އިރު، ޗެލްސީއާއި ލިވަޕޫލުން އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ނަތީޖާއަކީވެސް 0-0 އެކެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ޗެލްސީ އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ. އެއީ 29 މެޗުން ލިބުނު 39 ޕޮއިންޓާއެކުގައެވެ. ލިވަޕޫލުން ގަދަ ހަތަރަކަށް މިސްރާބު ހިފާފައި އޮތްއިރު، އެ ޓީމު މި ވަގުތު އޮތީ ތާވަލުގެ އަށް ވަނައިގައެވެ. އެއީ 28 މެޗުން 43 ޕޮއިންޓާ އެކުގައެވެ.
ރޭގެ މެޗަކީ ޗެލްސީގެ ކޯޗުކަމުން ގްރަހަމް ޕޮޓާ ވަކިކުރި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗުގައި ޓީމަށް އިރުޝާދު ދީފައިވަނީ ޕޮޓާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ބްރޫނޯ ސަލްޓޯއެވެ. ސަލްޓޯ ރޭގެ މެޗަށް ނެރުނު ފުރަތަމަ 11ގައި އެންގޯލޯ ކަންޓޭ ފެނިގެން ގޮސްފައިވާ އިރު، ލިވަޕޫލްގެ ފުރަތަމަ 11 އަށް ޔާގަން ކްލޮޕް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އާންމުކޮށް ކްލޮޕްގެ ފުރަތަމަ 11 އިން ފެންނަ މުހައްމަދު ސަލާހްވެސް ރޭ ބެންޗުން ފަށާފައިވާ އިރު، ފަހަތުން ވާޖިލް ވެން ޑައިކްވެސް ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑްވެސް ރޭގެ މެޗުގައި ކްލޮޕް ބޭނުން ކޮށްފައެއް ނުވެއެވެ.
މެޗު ފެށިގެން ރަނގަޅު ހަމަލާތައް އުފައްދާ، ރަނގަޅަށް ކުޅެމުން ދިޔައީ ޗެލްސީންނެވެ. ކައި ހަވާޓްސްއަށް ފުރަތަމަ ހާފުގައި ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔައިރު، ކަންޓޭގެ ބޯޅައަކުން މަޓެއޯ ކޮވަސިޗަށް ލިބުނު ބޯޅަ އޭނާ ފޮނުވާލީ މާމަތިންނެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ ރީސް ޖޭމްސް ޖެހި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ނިންމީ އެ ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި އެންޒޯ ފެނާންޑޭޒް އޮފްސައިޑްގައި ކަމަށެވެ.
ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ލިވަޕޫލުން ނުރައްކާކޮށް، ފަބީނިއޯ ފޮނުވާލި ބޯޅަ ރޮނގުމަތިން ކަހަލަ ގޮތަކަށް ސާފު ކޮށްލީ ޗެލްސީގެ ޑިފެންޑަރި ވެސްލޭ ފޮފާނާއެވެ.
ދެވަނަ ހާފަށް ނުކުމެ ހަވާޓްސް ފޮނުވާލި ބޯޅައެއްވެސް ޗެލްސީން ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. އެ ބޯޅަ ގޯލެއް ނޫން ކަމަށް ރެފްރީ ނިންމީ، ބޯޅަ ކުރިއަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ހަވާޓްސް އަތުގައި ބޯޅައިން ޖެހުމުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލެސްޓާ ސިޓީ ދަނޑުގައި އެސްޓަން ވިލާ ވަނީ 2-1 އިން މޮޅުވެފައެވެ. ލީޑްސް ޔުނައިޓެޑުން ފަހަތުން އަރައި، 2-1 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރި އިރު، ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ ބްރައިޓަން ވަނީ 2-0 އިން ބޯންމައުތުގެ މައްޗަށް ކުރި ހޯދައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު