ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގު 2023ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ސްޓެލްކޯ ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.

އިއްޔެ ހަވީރު ޓާފް އެކެއްގައި ނިއުއާއި ސްޓެލްކޯ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ދެ ގޯލުވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި މަދު ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، ސްޓެލްކޯއަށް ފުރަތަމަ ހާފުގައި ނިއުގެ ގޯލު ބަލަހައްޓަމުންދިޔަ އިސްމާއީލް ޒަރިޔަންދު ޓެސްޓް ކޮށްލެވޭ ގޮތެއް ނުވިއެވެ. އަނެއްކޮޅުން ފުރަތަމަ ހާފުގައި ނިއުގެ އަލީ ޝަމީމް (ކޮޔަރު އައްޔަ) އަށް ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުގައި ކުރިއަށް ޖެހި ފޮނުވާލި ހަމަލާ ހުއްޓުވީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސްޓެލްކޯގެ ގޯލްކީޕަރު ހުސައިން ހަބީބެވެ.

ދެވަނަ ހާފުގައި ނިއުގެ މުހައްމަދު ނިޒާމް (ތޮއްޑޫ) ފޮނުވާލި ހަމަލާއެއް ބޭރަށް ގޮސްފައިވާ އިރު، އޭނާ ދުރުން ފޮނުވާލި ހަމަލާވެސް މަތަކުރީ ސްޓެލްކޯގެ ގޯލްކީޕަރު ހަބީބެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ނިއުއިންނެވެ. އެ ގޯލަކީ އަބްދުﷲ ޝުޖާއުގެ ފަރާތުން ފެނުނު ހިތްގައިމު ގޯލެކެވެ.

އެ ގޯލާއެކު ނިއު މޮޅުވާން ދަނިކޮށް، މެޗުގެ ފަހު ވަގުތު ކޮޅުގައި ސްޓެލްކޯއިން ނަތީޖާ ހަމަހަމަކުރީ އަހުމަދު ނިޒާމް ޖަހައިގެން ގޯލުންނެވެ. އަރިމަތިން ނެގި ހުރަހަކަށް ކުރިއަށްޖެހި ނިޒާމް ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ދާގަނޑަށެވެ.

މި ފަހަރުގެ ވެޓެރަންސް ލީގުގައި ކުޅޭ 11 ޓީމު ބަހާލެވިފައިވަނީ ތިން ގްރޫޕް އަކަށެވެ. އެގޮތުން ފުރަތަމަ ގްރޫޕްގައި ތިން ޓީމު އޮތްއިރު، އަނެއް ދެ ގުރޫޕްވެސް އެކުލެވިފައިއޮތީ ހަތަރު ޓީމު ކުޅޭ ގޮތަށެވެ. ގްރޫޕް އޭގައި އީގަލްސްއާއި ދަ ގްރާންޑޭގެ އިތުރުން ދެން އޮތީ މުޅިން އަލަށް ވެޓެރަންސް މުބާރާތެއްގައި ކުޅޭ ބުރު ސްޕޯޓްސް ކްލަބެވެ. ދެވަނަ ގުރޫޕްގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް، ސްޓެލްކޯ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއެވެ. އަދި ތިން ވަނަ ގްރޫޕްގައި އޮތީ ސޮކަ މޭޓްސް އާއި ހުރިއްޔާ، ގްރީން ސްޓްރީޓްސް އަދި ޕޮލިސް ކްލަބްއެވެ.

މިއަދު ހަވީރު އޮންނަ ވެޓެރަންސް މެޗުގައި ވާދަކުރާނީ ޕޮލިސް ކްލަބާއި ގްރީން ސްޓްރީޓްސްއެވެ. މެޗު ފަށާނީ 4:30 ގައެވެ.