ރޭ ކުޅުނު އެފްއޭއެމް ސީޒަން ހުޅުވި ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކައިރިން ކްލަބު އީގަލްސް ބަލިވި ނަމަވެސް، ކްލަބު އީގަލްސްގެ ކުޅުންތެރިންނަށް އޮތް އިތުބާރު ބޮޑުވެއްޖެ ކަމަށް ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ބުނެފިއެވެ.
ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ޝީލްޑް މެޗުގައި މާޒިޔާއިން އީގަލްސް ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. މާޒިޔާއިން ރެކޯޑު ފަސްވަނަ ފަހަރަށް ޝީލްޑް އުފުލާލި އިރު، މެޗުގެ ކުރިންވެސް ފެވަރިޓުންނަކީ މާޒިޔާއެވެ. ވަރުގަދަ ސްކޮޑަކާއެކު ސީޒަނަށް ވަރުގަދައަށް ތައްޔާރުވި މާޒިޔާއިން ރޭގެ މެޗު ރަނގަޅަށް ފަށައި، މެޗުގެ ކުރީކޮޅުގައި ދެ ގޯލު ޖެހި އިރު، ދެވަނަ ހާފަށް ނުކުމެ އީގަލްސް އިން ވަނީ ކުޅުން ރަނގަޅުކޮށް، ހަމަލާތައްވެސް އުފައްދައިފައެވެ. ހާއްސަކޮށް އީގަލްސް އިން ވަނީ މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި ގޯލެއްވެސް ޖަހައިފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު ސާންތި ބުނީ "މާޒިޔާއިން ތަފާތު ތަފާތެއް،" މާ ބޮޑަކަށް ނުފެންނެ ކަމަށާއި ރޭގެ މެޗުން އީގަލްސް ސްކޮޑަށް އޮތް އިތުބާރު ބޮޑުވެއްޖެ ކަމަށެވެ.
"ތަފާތެއް މާ ބޮޑަށް ނުފެނުނު. ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު މާޒިޔާގެ ތަފާތު ފެނުނީ. ފޯވަޑްގެ ތަފާތު އެހެން އިންޑިވިޖުއަލީ ފެނުނު. އެކަމަކު މާބޮޑަށް އޯގަނައިޒް ވެގެން ޖަހާފަ އިން ދެ ގޯލެއް ނޫން ފެނުނީއެއް. އަޅުގަނޑުމެންގެ ސިލީ މިސްޓޭކްތަކެއް ފެނުނު. އީގަލްސްގެ ޑިފެންސް ރަނގަޅު ކުރަންވެސްޖެހޭ. އެކަމަކުވެސް މި ބުނިހެން މާބޮޑު ތަފާތު ތަފާތެއް ނުފެނޭ. މި މެޗުން އީގަލްސްގެ ކުޅުންތެރިންނަށް އިތުބާރު ބޮޑުވެއްޖެ އަޅުގަނޑަށް،" ސާންތި ބުންޏެވެ.
ސާންތި ބުނީ ރޭގެ މެޗުން ބަލިވި ނަމަވެސް ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި މާޒިޔާއަކީ ތައްޔާރީތަކުގައި އީގަލްސްއަށްވުރެ ކުރީގައި އުޅުނު ކްލަބެއް ކަމަށެވެ.
"ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހޭ. ނަތީޖާއަކީ ގޯސްކޮށް ނޫން. ފުރަތަމަ ތައްޔާރުވާން ފެށީވެސް އެ މީހުން (މާޒިޔާ). ރަނގަޅު ވާދަވެރި މެޗުތަކެއްވެސް (ޕްރެކްޓިސްގައި) ލިބުނީ މާޒިޔާއަށް. ފެށިއިރު ޕްރެސްގައިވެސް ބުނިން އީގަލްސްއަށް އިންނާނެ ހަމައެކަނި އުނދަގުލަކީ ވަރުގަދަ މެޗެއް ކުއްލިއަކަށް ކުޅެން ޖެހުމޭ. އެކަން އެ ފެނުނީ ފުރަތަމަ 15 ވަރަކަށް މިނެޓުގައި. ކުރީކޮޅުގައި ދެ ގޯލު މާޒިޔާގެ ފަރާތުން ފެނިގެން ދިޔުން އެއީ އޭގެ ނަތީޖާ. ކޯޗެއްގެ ހައިސިއްޔަތުން އީގަލްސް ކުޅުންތެރިން ކުރި ހިތްވަރު ވަރަށް ބޮޑަށް ފާހަގަކޮށްލަން. ރަނގަޅު މެސެޖެއް އެ ދެވުނީ. އިރާދަކުރެއްވިއްޔާ ސީޒަން އޮތީ ކުރިއަށް. އަޅުގަނޑުމެން މިއަށްވުރެ މާބޮޑުތަންވެސް ތައްޔާރުވާނެ،" ސާންތި ބުންޏެވެ.
ރާއްޖޭގެ ފުޓުބޯޅަ ހަތް މަހަށް ބްރޭކްވެފައި އޮތުމަށްފަހު ރޭ ޗެރިޓީ ޝީލްޑް މެޗު ކުޅެފައިވާ އިރު، ސީޒަނުގައި ދެން އޮތް މުބާރާތް ކަމަށްވާ ޕްރެސިޑެންޓްސް ކަޕް ބާއްވަން އެފްއޭއެމުން ތާވަލުކޮށްފައި އޮތީ މި މަހުގެ އަށްވަނަ ދުވަހަށެވެ. މި ވަގުތު ފުރަތަމަ ޑިވިޝަން ކްލަބުތަކުގެ ތެރެއިން ތަމްރީނު ކުރަމުންދަނީ މާޒިޔާއާއި ކްލަބު އީގަލްސްގެ އިތުރުން ބުރު ސްޕޯޓްސް ކްލަބު ކަމަށްވީ އިރު، އިތުރު ޓީމުތަކުން ތަމްރީނުތައް ނުފެށުމަކީ އެ މުބާރާތް ފަސްވެދާނެ ކަމަށް ބެލެވޭ ސަބަބެކެވެ.
ސާންތި ރޭ ބުނީ އެ މުބާރާތް ތާވަލަށް ބާއްވާނެ ކަމަށް އުންމީދުކުރާ ކަމަށާއި ލަސްވެއްޖެނަމަ އެކަމުގެ ގެއްލުން ކްލަބަށް ކުރާނެ ކަމަށެވެ.
"ޕްރެސިޑެންޓްސް ކަޕް މިހާރު ތާވަލުކޮށްފައިވާ ތާރީހަށް ފަށާނެ ކަމަށް ބެލެވެނީ. ލަސްވެއްޖެނަމަ އީގަލްސްއަށް އެކަންޏެއް ނޫން، މާޒިޔާ ފަދަ ކްލަބުތަކަށްވެސް އުނދަގޫތަކާ ކުރިމަތިވާނެ. އަށެއްގައި ނޫނަސް، މާ ބޮޑުތަން ލަސްނުވެ ފެށިއްޖެއްޔާ ހަމަ ރަނގަޅީ. ނުފެށި ދިގުލައިގެން ގޮސްފިނަމަ ވަރަށް ބޮޑު ގެއްލުމަކަށް ވެގެންދާނެ،" ކްލަބު އީގަލްސްއާއެކު 2016 ވަނަ އަހަރުގެ ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރި ކޯޗު ސާންތި ބުންޏެވެ.
ކްލަބު އީގަލްސް
ކްލަބު އީގަލްސް
ކްލަބު އީގަލްސް
ކްލަބު އީގަލްސް