އުރީދޫ މޯލްޑިވްސްއިން ބާއްވާ ފަން ރަން މިފަހަރު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫން މިއަދު ބުނީ ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. އަދި ފަން ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް http://ore.do/funrunkit މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ ކަމަށެވެ.
ފަން ރަންގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އުރީދޫން ބުންޏެވެ.
ފަން ރަން އަކީ އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވޭނެ ހަރަކާތެއް ކަމަށާއި މިއަހަރުގެ ފަން ރަން އަކީ ހދ. އަތޮޅުގައި ބާއްވާނެ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަކަށް ވެގެންދާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.
"އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓާ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަ ޖެހުމުގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ،" އުރީދޫން ބުންޏެވެ.
ފަން ރަންގެ ކިޓް ދެ ކެޓަގަރީ އަކުން ލިބެން ހުންނަ އިރު، 100 ރުފިޔާއަށް ލިބޭ ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭނެއެވެ. އަދި 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ ގިނަ ފަރާތްތަކަކުން އިންތިޒާރުކުރާ ފަން ރަން ކުޅުދުއްފުށީގައި ބާއްވައި ހދ. އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަމާއި މަޖާ ތަޖުރިބާތަކެއް ގެނެސްދިނުމަކީ އުރީދުއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ފަން ރަން ގެ އަމާޒަކީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް ހާސިލްކުރުމަށްޓަކައި ދުވުމަކީ މަޖާ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، އުފާވެރި އަދި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް މީހުން އެއްތަނަކަށް ގެނައުން" ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އުރީދޫން އެންމެ ފަހުން ފަން ރަން ބާއްވާފައިވަނީ ހުޅުމާލޭގައެވެ. އެ ދުވުމުގައި 5،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު