މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގެ އިހުލާސްތެރިކަން ނެތްކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި ގާސިމް ސަރުކާރަށް ފާޑު ވިދާޅުވީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ވާހަކަދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ، ދައުލަތުން ކަމެއް ރަނގަޅު ކުރަންވީމަ އަދި އެކަމެއް ކުރުމުގެ ޝައުގުވެރިކަން ހުރި ކަންތައް ކުރިއަށްދާތަން ފެންނަމުންދާ ކަމަށެވެ.

އެގޮތުން "ބަޔަކަށް ވަޒީފާދޭންވީމާ، ފެނަކަ އާއި ރޯޑް ކޯޕަރޭޝަނުން ވަޒީފާތައް އެތުރެމުން އުތުރި އަރައިގެން އަންނަގޮތް އަޅުގަނޑުމެންނަށް އެބަފެނޭ،" ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައިގައި ތިބި ކުދިން ސަލާމަތް ކުރުމުގެ ވާހަކަދައްކާ އިރު، އެކަމަށް ކުރަންޖެހޭ ކަންތައްތައް އިތުރަށް ރަނގަޅުކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެކަމަށްޓަކައި ކުރަންޖެހޭ ކަންތައްތައް މިހާރަށްވުރެ މާ ރަނގަޅަށް، މިހާރަށްވުރެ މާ ބެލުންތެރިކަމާއެކު ކަންކަން ހިނގައިގެން ދާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަގައިމުވެސް ގަބޫލުކުރާ ހިތް އޮތީ، އެއަށްވުރެ މާ ރަނގަޅަށް އެކަންކަން ކުރެވެން ޖެހޭނެ ކަމަށާއި، އަދި އެއަށްވުރެން މާ ބެލުންތެރިކަމާއެކީ އެކަންކަން ހިނގައިގެންދާން ޖެހޭނެ، ދެން ހަމަ އެހެންމެ މިތަނަށް ޑްރަގް ހިފައިގެން އަންނަ މީހަކު އައިސް ޓްރާންސިޓް ކޮށްގެން އެމީހަކު ސަލާމަތްވެގެން އަނެއް ދޮރޯށިންލާފައި ނުކުމެގެން ދެވޭގޮތަށްވަންޏާ ދެން ދުވަހަކުވެސް މިތިބަ ޑްރަގް ހިފައިގެން އަންނަ މީހަކު ހައްޔަރެއް ނުކުރެވޭނެ،" ރާއްޖެއަށް ޑްރަގް އެތެރެކުރަން މަސައްކަތްކުރާ ފަރާތްތަކާ މެދު އަމަލުކުރަން އޮންނަ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގަނެ، ފާޑު ކިޔުއްވައި ގާސިމް ވިދާޅުވިއެވެ.