އިނގިރޭސި ޕްރިމިއާ ލީގުގެ 11 ވަނައިގައި އޮތް ޗެލްސީގެ ކޯޗުކަމުން ގްރަހަމް ޕޮޓާ ވަކިކޮށްފިއެވެ.

ޕޮޓާ ވަކިކުރިން އެ ކްލަބުން މިރޭ އިއުލާނު ކޮށްފައިވާ އިރު، ޗެލްސީން ޕޮޓާ މަގާމުން ދުރުކޮށްފައި ވަނީ ހަވާލުވިތާ ހަތް މަސް ފަހުންނެވެ. ޕޮޓާ، ޗެލްސީއާ މި ސީޒަނުގެ ކުރީކޮޅުގައި ހަވާލުވީ ކުރިން ހުރި ކޯޗު ތޯމަސް ޓުޗެލް ވަކިކުރުމުންނެވެ. ޓުޗެލް މިހާރު ބަޔާންއާ ހަވާލުވެފައިވާ އިރު، ޓުޗެލް ބަޔާނާ ހަވާލުވީ ކުރިން އެ ކްލަބުގައި ހުރި ކޯޗު ޖޫލިއަން ނާގެލްސްމަން އެމަގާމުން ވަކިކުރުމުންނެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޗެލްސީގެ ވެރިޔާ ޓޮޑް ބޯލީ އާއި އޭނާއާއެކު އެންމެ އިސްކޮށް މަސައްކަތް ކުރަމުންދާ ބެހްދާދު އެގްބާލީ ބޭނުންވެ، ޗެލްސީގެ ސްޕޯޓިން ޑިރެކްޓަރު ކްރިސްޓޮޕާ ވިވެލް އިސްވެ މިހާރު ނާގެލްސްމަންއާ ވާހަކަ ދައްކައިފިއެވެ. އެ މަޝްވަރާތައް ކުރިއަށްދާ ކަމަށް މަޝްހޫރު ފުޓުބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯވެސް ވަނީ ޔަގީންކޮށްދީފައެވެ.

ޕޮޓާ ފޮނުވާލިކަން އިއުލާނުކުރަން ޗެލްސީގެ ވެރިން ބުނީ ޕޮޓާ ކްލަބަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށާއި އަލަށް ޓީމާ ހަވާލުވާ ކޯޗަށް ފަސޭހަކޮށްދީ މައުލޫމާތުތައް ހިއްސާ ކުރުމުގައި ޕޮޓާ މަސައްކަތްކޮށްދޭން އެއްބަސްވެފައިވާ ކަމަށެވެ. ޗެލްސީގެ ބޯޑުން ވަގުތީ ގޮތުން ޓީމު ހަވާލުކޮށްފައި ވަނީ ޕޮޓާގެ އެސިސްޓެންޓަކަށް ހުރި ބްރޫނޯ ސަލްޓޯއެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ޗެލްސީއާ ހަވާލުވި ޕޮޓާގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު 31 މެޗުގެ ތެރެއިން 11 މެޗުން ވަނީ ބަލިވެފައެވެ. އާ ވެރިން ކްލަބާ ހަވާލުވެ މިހާތަނަށް 550 މިލިއަން ޕައުންޑް ކުޅުންތެރިން ގަތުމަށް ހޭދަކޮށްފައިވާ އިރު، އެ ކުޅުންތެރިންގެ ފަރާތުން ނަތީޖާ ނުފެނުންވީ ޕޮޓާ ވަކިކުރުމަށް މެދުވެރިވި މައިގަނޑު ސަބަބަށެވެ.

ރޭ ޗެލްސީން ލީގުގައި ކުޅުނު މެޗުގައި އެސްޓޮން ވިލާ އަތުން ބަލިވެފައިވާ އިރު، އެ މެޗަށްފަހު ޕޮޓާ ވަނީ ބަލިވުމުގެ ޒިންމާ ނަގައިފައެވެ. މިވަގުތު އިނގިރޭސި ލީގު ތާވަލުގެ 11 ވަނައިގައި ޗެލްސީ އޮތީ 28 މެޗުން 38 ޕޮއިންޓާ އެކުގައެވެ. ޗެލްސީއާ ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ 12 ޕޮއިންޓްގެ ފަރަގެއް އޮތް އިރު، އަލަށް ހަވާލުވާ ކޯޗަށް ދޭނެ އެންމެ ބޮޑު ޓާގެޓަކަށް ވާނީ ގަދަ ހަތަރެއް ހޯދުމެވެ.

ޗެލްސީން ކުރިއަށް އޮތް މެޗުގައި ލިވަޕޫލާ ދެކޮޅަށް ލީގުގައި ނުކުންނަ އިރު، އޭގެ ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ނުކުންނާނީ ވަރުގަދަ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ޓީމު ގެންދިޔުމަކީ ޕޮޓާއަށް ޗެލްސީގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ.