ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރެއިން ސިއްރުކުރަން އެދުނު ހެކިތައް އެ ކޯޓުން ދައުލަތަށް ދިން މައްސަލައިގެ އިސްތިއުނާފު މިއަދު ހައިކޯޓުގައި ފަށައިފިއެވެ.
އެ މައްސަލއާ ބެހޭގޮތުން ހައި ކޯޓުގައި ވާހަކަދައްކަވަމުން އެ ކުންފުނިތަކުގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ވަކީލު އަލީ ޝާހު ވިދާޅުވީ، އެފަރާތުން ކޯޓަށް ހެކި ހުށަހެޅީ ޝަރީއަތަށް ވަކި ސެޓެއް، ދައުލަތަށް ވަކި ސެޓެއް އެގޮތަށް ކަމަށެވެ. ދައުލަތަށް ފޯރުކޮށްދޭންޖެހޭ ބައި ވަކިިން އެނގޭގޮތަށް ހުށަހެޅީ އެ މައްސަލައާ ގުޅިގެން ކުންފުނީގެ އެތެރޭގައި ހިންގި މުޅި އިންވެސްޓިގޭޝަންގެ ބައެއް ލިޔެކިއުންތައް ކަމަށެވެ. ހެކީގެ އަނެއް ބަޔަކީ ރައްކާތެރިކުރަންޖެހޭ ގޮތަށް ހުށަހެޅި ބައެއް ކަމަށާއި އެ ބައި ރައްކާތެރިކުރަންޖެހޭ ސަބަބަކީ، އެތަކެތި ހާމަވެއްޖެނަމަ އެ ކުންފުނިތަކަށް އިގުތިސާދީ ގެއްލުންތަކެއް ލިބި، އެ ކުންފުނިތަކުގެ މުވައްޒަފުންނަށް އޮތް ބިރުވެރިކަމަކުން ކަމަށް ވިދާޅުވިއެވެ.
އެ ވާހަކަަތައް ދަށުކޯޓުގައި ކިޔައިދީފައިވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ދީބާނާޒް ފަހުމީ, ފަނޑިޔާރު ހުސައިން ޝަހީދު, ފަނޑިޔާރު ފާތިމަތު ފަރްހީޒާ ތިއްބެވި ބެންޗުން ކުރިއަށްގެންދިޔަ މި އަޑުއެހުމުގައި ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝާހު ވިދާޅުވީ އެ ހެކިތަކުގެ ތެރޭގައި، ސަން ސިޔާމް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ސްޓޭޓްމެންޓްތައް ހިމެނޭ ކަމަށާއި އެ ސްޓޭޓްމެންތްތައް ބެލުމުން، އެ ކުންފުންޏާ މުއާމަލާތްކޮށްފައި ހުރި ކުންފުނިތަކާއި، މުއާމަލާތުގެ ފައިސާގެ ތަފްސީލުތައް ވެސް ހިމެނޭނެ ކަމަށެވެ.
އެ ހެކިތައް ޕީޖީއަށް ދިނުމުން ޕީޖީގެ ފަރާތުން އެ މައުލޫމާތު ޕޮލިހަށް، ނުވަތަ ބޭރަށް ލީކުވުމުގެ ބިރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ހެކިންގެ ގޮތުގައި ތިބި އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ހުރި ބިރުވެރިކަމަކީ އެކި ފަރާތްތަކުން ގުޅައި މައްސަލައިގެ މައުލޫމާތު ސާފުކުރަމުންދިއުން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެފަރާތުން ހުށަހެޅި ހެކި ރައްކާތެރިކުރުމުގެ ފޯމާމެދު ކުރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށްދެއްވައި، ހެކި ރައްކާތެރިކުރުމުގެ ފޯމުގައި އެފަރާތުން އެދިފައިވާގޮތަށް، އެ ފޯމުގައި ބަޔާންކުރާ ހެކިތައް ރައްކާތެރި ލކުރުމުގެ އަމުރެއް ނެރެދިނުމަށް އެފަރާތުން ވަނީ ހައިކޯޓުގައި އެދިފައެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ނިންމި ނިންމުން ދިފާއުކުރައްވައި ވާހަކަދައްކަަވަމުން ދައުލަތުގެ ވަކީލު ނިޝާނާ ނަސީރު ވިދާޅުވީ، އެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ އިސްތިއުނާފީ ނުކުތާއެއް ކަމަށާއި، އެ ނުކުތާގައި ހަވާލާދީފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ނ) އަށް ކަމަށެވެ.
"ޖިނާއީ އިޖުރާއަތުގެ 134 ވަނަ މާއްދާގެ (ނ) ގައި ބުނަނީ އަންނަނިވި ސަބަބުތަކަށްޓަކައި ހެކި ހާމަކުރުމަކީ އިންސާފުވެރިގޮތް ކަމަށް ނުފެންނަ ނަމަ ހެކި ހާމަނުކުރުމަށް ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް ނުވަތަ ކަނޑައެޅޭ ވަކި ޝަރުތުތަކެއްގެ މަތިން ހެކި ހާމަކުރަން އެންގުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވޭ، ދައުލަތުން ހައިލައިޓް ކޮށްލަން ބޭނުންވާ ކީ ވާޑަކީ އިހުތިޔާރު،" ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
އެހެންކަމުން އެފަރާތުން ހުށަހެޅި އިސްތިއުނާފަކީ، ކޯޓުތަކުގެ ގާނޫނުގައި ބުނާގޮތުން، އިސްތިއުނާފީ ކޯޓަކަށް ހުށަހަޅޭނެ މައްސަލައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭވަރުގެ ނުކުތާތަކެއް ނޫން ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެހެންކަމުން ކުރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދެއްވުމަށް ދައުލަތުން ވަނީ ހައިކޯޓުގައި އެދިފައެވެ.
މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ދީބާނާޒް ފަހުމީ ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި، އިތުރުކަމެއް އޮޅުންފިލުވަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.
ފުއްގިރި މައްސަލައިގައި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އާއި މަނީލޯންޑަރިންގެ ދައުވާކޮށްފައެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ. އެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ދައުވާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު