އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީން ފަހަތުން އަރައި ލިވަޕޫލް ބަލިކޮށްފިއެވެ.
ސިޓީން އަމިއްލަ ދަނޑުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކުރި 4-1 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން މެޗުގެ ލީޑު ނަގާފައި ވަނިކޮށް ސިޓީން ފަހަތުން އަރައި ހަތަރު ގޯލު ޖެހި އިރު، ސިޓީން މޮޅަށް ކުޅެ މޮޅުވީ އެޓީމުގެ ނުރައްކާތެރި ފޯވަޑް އާލިން ބްރައުޓް ހާލަންޑް ނުލައެވެ. ހާލަންޑް މިއަދުގެ މެޗަށް ނުކުމެފައި ނުވަނީ ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކް ކުރިން ނޯވޭއާއެކު ކުރި ތަމްރީނުތަކުގައި ލިބުނު އަނިޔާގެ ސަބަބުންނެވެ. ހާލަންޑްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކޯޗު ޕެޕް ގާޑިއޯލާ އޭނާ ބޭނުން ނުކުރަން ނިންމީ، ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ރިސްކެއް ނުނެގުމަށެވެ.
ސިޓީން މިއަދު ހޯދި މޮޅާއެކު އެޓީމުން ވަނީ އަނެއްކާވެސް ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލާ ގާތަށް ޖެހިލައިފައެވެ. ސިޓީން މިހާތަނަށް ލީގުގައި ކުޅުނު 28 މެޗުން 64 ޕޮއިންޓް ހޯދާފައިވާ އިރު، އާސެނަލުން 28 މެޗުން އޮތީ 69 ޕޮއިންޓް ހޯދައިފައެވެ. މިރޭ އާސެނަލުން ލީގުގައި ކުޅޭ މެޗުގައި މިހާރު ދަނީ ލީޑްސް ޔުނައިޓެޑާ ވާދަކުރަމުންނެވެ.
ލިވަޕޫލް އޮތީ ލީގު ތާވަލުގެ ހަތް ވަނައިގައެވެ. އެއީ 27 މެޗުން 42 ޕޮއިންޓާ އެކުގައެވެ.
މެޗު ފެށިގެން ސިޓީގެ ފަރާތުން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ އިރު، ލިވަޕޫލުން ވިސްނަމުން ދިޔައީ ކައުންޓާ އެޓޭކިން ފުރުސަތަކަށެވެ. ލިވަޕޫލުން ކުރިއަށްދާ ބޯޅަ ތަކުގައި އަވަސް އެޓޭކްތަކެއް އުފައްދަން މަސައްކަތް ކުރި އިރު، 17 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ކައުންޓާ އެޓޭކެއްގައި ޑިއޭގޯ ޖޮޓާ ކުރިއަށް ދުވި ބޯޅައެއް ހުރަސްކޮށްލުމުން މެޗުގެ ފުރަތަމަ ގޯލު ޖެހީ މުހައްމަދު ސަލާހެވެ.
ސިޓީން މެޗުގެ ނަތީޖާ އެއްވަރުކޮށް ރައްދުނީ 27 ވަނަ މިނެޓުގައި ގޯލު ޖަހައިގެންނެވެ. މެޗުގައި މޮޅަށް ކުޅެ، ތަފާތު ދެއްކި އިންގްލެންޑްގެ ޖެކް ގްރީލިޝް އަރިމަތިން ކަނޑާލި ހުރަސް ފަސޭހަކަމާއެކު ގޯލަށް ވައްދާލައި ސިޓީއަށް ނަތީޖާ އެއްވަރުކޮށްދިނީ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒެވެ.
ސިޓީން ރަނގަޅު ފޯމުގައި ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފު ފެށިގެން 53 ސިކުންތު ތެރޭގައި ލީޑު ނެގިއެވެ. މެދުތެރެއިން އަލްވަރޭޒް ހޯދި ބޯޅައިގައި އޭނާ ކުރިއަށް ދިން ބޯޅައިން ގޯލަށް އެސިސްޓް ކޮށްދިނީ ރިޔާދު މަހަރޭޒެވެ. މަހަރޭޒްގެ ޕާހަށް ކުރިއަށް ޖެހި ފުރިހަމަ އެޓޭކް ނިންމާލީ ކެވިން ޑި ބްރޭނާއެވެ.
ދެވަނަ ހާފުގައި ޓެކްޓިކަލީވެސް ސިޓީ ފެނުނީ މާ ބޮޑަށްވެސް ރަނގަޅަށެވެ. ޖޯން ސްޓޯންވެސް ގިނަ ވަގުތު މެދު ތެރެއަށް ވަދެގެން ކުޅެމުން ދިޔަ އިރު، އެ ފޯމޭޝަނާއެކު އިލްކާއީ ގުންޑޮގަންއަށްވެސް ކުރިއަށް ޖެހެން ޖާގަ ލިބުނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 53 ވަނަ މިނެޓުގައި އޭނާ ގޯލު ޖަހައި ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކުރިއެވެ.
ސިޓީގެ ފަހު ގޯލަކީ ގްރީލިޝް ކާމިޔާބުކޮށްދިން ގޯލެކެވެ. ގްރީލިޝްގެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑި ބްރޭނާއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު