ބަންގުލަދޭޝްގައި ތައުލީމު ހާސިލުކުރަމުން އަންނަ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދޭން އެ ގައުމުން ނިންމައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަކަށް ވިސާ ދިނުމަށް ނިންމާފައިވާތީ ބަންގުލަދޭޝް ސަރުކާރާއި އެގައުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެންއާ ޝުކުރު އަދާކުރައްވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިގު މުއްދަތަކަށް ވިސާ ދޭނީ ބަންގުލަދޭޝް ސަރުކާރުން ގަބޫލުކުރާ ތައުލީމު ދޭ ތަންތަނުގައި ކިޔަވާ އަދި އިންޓާންޝިޕްތައް ފުރިހަމަ ކުރާ ދަރިވަރުންނަށް އެކަނި ކަމަށެވެ.

ބަންގުލަދޭޝްއަކީ މިހާރު ވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ގައުމެކެވެ.