ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިސްތިއުފާދެއްވައިފިއެވެ.
އާޒިމް، ގާސިމަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރިޔާސީ ދެވަނަ ދައުވަރަކަށް ރާއީސް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަކީ މިވަގުތު ރާއްޖެއަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މުސްތަގުބަލަށް އެންމެ ފައިދާ ކުރަނިވި ގޮތް ކަމަށެވެ. އަދި ގައުމުގައި ހަމަހުން ދެމެހެއްޓުވޭނެ ވެރިއަކީ ރައީސް ސޯލިހު ކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެ، ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ކޯލިން ހެދުމަށް ޖުމްރޫހީ ޕާޓީގެ ކައުންސިލުން ނިންމުމާ ގުޅިގެން، މަނިކުފާނުގެ އެޑްވައިޒަރުގެ މަގާމުގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލު ނުކުރާތީވެ، އެމަގާމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާދީޕިން،" ސިޓީގައިވެއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ގާސިމާއެކު ވޭތުވެ ދިޔަ އަހަރުތަކުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތުގައި، ބެހެއްޓެވި ގާތްކަމާއި ކުރެއްވި އިތުބާރަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.
ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާދެއްވި އާޒިމަކީ ޖުމްހޫރީ ޕާޓީގެ ދަފުތަރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިި ކުރެއްވި ނަމަވެސް އެޕާޓީގެ ދަފުތަރުގައި ހިމެނިވަޑައެއް ނުގަންނަވައެވެ.
އާޒިމް ވަނީ މީގެ ކުރިންވެސް ރައީސް ސޯލިިހަށް ދެވަނަ ދައުރެއް ދިނުމަށް ގޮވާލައި، ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރައްވާނެކަން ހާމަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު