ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަމުންގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކެއް ބަަލައިނުގަތުމަށް އެ ކޯޓުން ނިންމި މައްސަލައިގައި އިސްތިއުނާފުގައި ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭވަރުގެ ނުކުތާތަކެއް ނޫން ކަމަށް ދައުލަތުން ބުނެފިއެވެ.
މި މައްސަލައަކީ ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ބައެއް ދިފާއީ ހެކި ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ހައިކޯޓުގައި މިއަދު އޮތް މި މައްސަލައިގެ އަޑުއެހުމުގައި، ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފަށް ރައްދު ދިނުމަށް ދައުލަތަށް ދިން ފުރުސަތުގައި ވާހަކަދައްކަވަމުން، ޕީޖީ އޮފީހުގެ ޕަބްލިކް ޕްރިސިކިއުޓާ ހައްވާ ނާހިމް ވިދާޅުވީ، ހެކި ބަލައިގަތުމަށް ނިންމުމާއި ބަލައިނުގަތުމަށް ނިންމުމަކީ، ފަނޑިޔާރުގެ ތަގުދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމެއްގައި ބުނެފައިވާ ކަމަށެވެ. އަދި ދަށުކޯޓުގެ ފަނޑިޔާރު، އިހުތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް ވަނުމަކީ މަދު ހާލަތެއްގައި މެނުވީ އިސްތިއުނާފީ ކޯޓުން ކުރާނެ ކަމެއް ނޫން ކަމަށް އެ ކޯޓުގެ ނިންމުމެއްގައި ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެފަދަ އިހުތިޔާރެއްގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަންނާނީ އިސްތިސްނާ ހަތަރު ހާލަތެއްގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އަދުލުއިންސާފު ގެއްލުނު ގޮތް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްދޭނެ ކަމަށް އެ ގަޒިއްޔާގައި ބަޔާންކޮށްފައި އޮތް ނަމަވެސް ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާ ހުށަހެޅި އިރު، އެފަދަ އެއްވެސް ސަބަބެއް ފާހަގަކޮށްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ހެކި ބަލައިގަތުމަށް ދަށު ކޯޓުން ނިންމާ ނިންމުންތަކަކީ ޝަރީއަތުގެ ތެރެއިންވެސް އެކަންކަމާ މެދު އިތުރަށް ބަހުސްކޮށް ގޮތް ނިންމޭނެ ކަންތައްތަކަށްވާ އިރު، ޝަރީއަތުގައި އެފަދަ ކަންކަން ހުށަހެޅުމުގެ ބަދަލުގައި އިސްތިއުނާފަށް ހުށަހެޅުމަކީ ދަށުކޯޓުގައި ހިނގާ މައްސަލަ މަޑުޖެހި ޝަރީއަތްތައް ނުނިމި ދިގުލައިގެންދާނެ ސަބަބެއް ކަމަށް ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދަށު ކޯޓުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުން ތަންދެނީ މައްސަލައިގެ ޝަރީއަތުގެ ތެރެއިން އެކަންކަމާ މެދު ވާހަކަދައްކައި އެކަންކަން ނިންމުމުގެ ފުރުސަތު ނުލިބޭ ނިންމުންތައް ކަަަމަށް ވެސް ވިދާޅުވިއެވެ.
ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ އެ މައްސަލައިގައި އިސްތިއުނާފީ މިންގަނޑަށް ވާސިލުނުވެވޭނެ ކަމަށް ބުނުން ފިޔަވައި އިތުރު ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ. ހެކިތަކެއް ބަލައިނުގަންނަން ހުށަހެޅީ މައްސަލައާ ގުޅުމެއް ނެތް ހެކިތައް ހުށަހަޅައިގެން ކަންކަން ސާބިތުކުރަން އުޅޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފައެވެ.
މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި، ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ، ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.
ގާނޫނުގައި ބުނަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން އިސްތިއުނާފު ކުރާ މައްސަލައެއްނަމަ ހަތް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށެވެ. އެހެންކަމުން މި މައްސަލައަކީ އެ މުއްދަތުގައި ނިންމަންޖެހޭ މައްސަލައެކެވެ.
ފުއްގިރީގެ މައްސަލަ ކުރިއަށްދާ އިރު، ވ. އާރަށް ކުއްޔަށް ދިނުމުގައި، މަނީލޯންޑާ ކުރުމާއި ރިޝްވަތުގެ މައްސަލަ ސާބިތުވެ ރައީސް ޔާމީން މާފުށީ ޖަލުގައި މިހާރުވެސް ގެންދަވަނީ 11 އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު