ޗެލްސީގެ ކުރީގެ ވެރިޔާ، ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗް، ނެދަލޭންޑްސްގެ ކްލަބެއް ކަމަށްވާ ވިޓޭސްއަށް ސިއްރުން ފައިސާ ހަރަދުކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޗެލްސީގެ ވެރިއެއްގެ ގޮތުގައި 19 އަހަރު ހޭދަކޮށްފައިވާ އަބްރަމޮވިޗް އަތުން އެ ކްލަބު ގެއްލުނީ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ތެރެއިން އިނގިރޭސި ވިލާތުގެ ސަރުކާރުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުންނެވެ. ޔޫރަޕްގެ އެހެން ގައުމުތަކުންވެސް ރަޝިއާގެ ވިޔަފާރިތައް އެ ގައުމުތަކުން ބޭރުކޮށްފައިވާ އިރު، އަބްރަމޮވިޗް ވެފައިވަނީ އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ވިޔަފާރިވެރިޔާއަށެވެ.

އިނގިރޭސި ނޫސްތަކުން ދާދިފަހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުޓުބޯޅައިގެ އުސޫލުން ބޭރުން އަބްރަމޮވިޗް ވަނީ 103 މިލިއަން ޕައުންޑް ވިޓޭސްއަށް ހަރަދުކޮށްފައެވެ. އޭނާ އެކަން ކޮށްފައިވަނީ ކްލަބުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފައި، އެ ކްލަބަކީ އޭނާގެ ކޮންޓްރޯލު ދަށުގައި އޮންނަ ކްލަބަކަށް ހެދުމަށް ކަމަށާއި ވިޓޭސްގެ އާވެރިން 2010 ވަނަ އަހަރު ކްލަބާ ހަވާލުވިއިރު، އެކަމުގެ ފަންޑިން ކަންތަކުގައިވެސް އަބްރަމޮވިޗް ސިއްރުން ހަރަކާތްތެރިވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ވިޓޭސްގެ ކުރީގެ ވެރިޔާ ކަމަށްވާ ޖޯޖިއާގެ މެރާބް ޖޯޑާބީއަށް އަބްރަމޮވިޗް ރިޝްވަތު ދީ، އެ ކްލަބަކީ ޗެލްސީގެ 'ޕާޓްނާ"އަކަށް ހަދަން އަބްރަމޮވިޗް މަސައްކަތް ކޮށްފައިވާ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އަދި ވިޓޭސްއަށް އެކި ސީޒަންތަކުގައި ޗެލްސީގެ ގިނަ ކުޅުންތެރިންތަކެއް ލޯނު އުސޫލުން ދޫކުރީވެސް އެ އެއްބަސްވުންތަކުގެ ތެރެއިން ކަމަށް ނޫސްތައް ބުނެއެވެ.

އިނގިރޭސި ނޫސް ގާޑިއަން އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަބްރަމޮވިޗް ވިޓޭސް ގަތުމަށް ރަސްމީކޮށް ހަރަދުނުކުރީ ޓެކްސް އިން މަކަރު ހެދުމަށެވެ. ނަމަވެސް އެ ކްލަބަކީ އޭނާގެ ކޮންޓްރޯލް ދަށުގައި ފައިސާ ހަދަމުންދިޔަ ކްލަބެއް ކަމަށް ގާޑިއަން އިން ބުންޏެވެ. ހާއްސަކޮށް 2014-15 ވަނަ އަހަރު އެކަނިވެސް ވިޓޭސްއަށް 15.2 މިލިއަން ޕައުންޑް ފައިދާވި ފައިދާވުމަކީ ސުވާލުތަކެއް އުފެދުނު ކަމެއް ކަމަށް ރިޕޯޓުތައް ބުންޏެވެ. އެއީ ކްލަބަކީ ނެދަލޭންޑްސްގެ އެންމެ މަތީ ފަންތީގެ ކްލަބަކަށް ނުވާތީއެވެ.

ޗެލްސީގެ ފުރަތަމަ ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންތަކެއް މީގެ ކުރިން ވިޓޭސް އިން ލޯނުގައި ފެނިފައިވެއެވެ. އޭގެ ތެރޭގައި މޭސަން މައުންޓާއި ނެމަންޖާއީ މަޓިޗް ފަދަ މުހިންމު ކުޅުންތެރިންވެސް ހިމެނެއެވެ.