Close
ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރަކަށް އިބުރޭ ހަމަޖައްސައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ)، މ. ބަނަފްސާވިލާ, އިބްރާހީމް ވަހީދުު (އިބުރޭ) މިއަދު އައްޔަން ކުރައްވައިފިއެވެ.

އިބްރާހީމް ވަހީދު އެ މަގާމަށް އައްޔަންކުރައްވައި އެކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާއަށް ދެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިބްރާހިމް ވަހީދަކީ 2009 އިން 2012 އަށް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ހެލްތް އެންޑް ފެމިލީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަގާމު އޭނާ ފުރުއްވިއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމާއި އެ ކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ.

އޭގެ އިތުރުން 2007 އިން 2018 އަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުވެސް އިބްރާހިމް ވަހީދު ފުރުއްވާފައިވެއެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އިބްރާހިމް ވަހީދު އައްޔަންކުރެއްވި އިރު، ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) މިއަދު ވަނީ އެ މަގާމުން ވަކިކުރައްވައިފައެވެ. ޝިއްޕެއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ ބޭފުޅެކެވެ.