(24 މާޗުގެ އަދަދާ ގުޅޭ)

ތުއްތު ބިސްތާނުގެ ގޮތުގައި މިހާރު މާއެނބޫދޫގައި މަޝްހޫރުވެފައިވާ ބިސްތާނު އެހެރީ އެރަށު ހުކުރުމިސްކިތުގެ ހަރިންމަތެރޭގައެވެ. މި މިސްކިތަށްކިޔާ އަރަބި ނަމަކީ މަސްޖިދުއްޒިކުރާއެވެ. ފަހަރުގައި އެއީ ޝައިޚު ޖަމާލުއްދީނުގެ ޒިކުރާއަށް ނިސްބަތްކޮށްފައި ދީފައިވާ ނަމަކަށް ވެދާނެއެވެ. މި މިސްކިތުގެ ވަށައިގެންވެސް އޮތީ އެ ރަށުގެ ބޮޑު ގަބުރުސްތާނެވެ. ފަހުން އެ ގަބުރުސްތާނުގެ މެދުން މަގެއް ހަދައި އެމަގުގެ އިރު އުތުރުން ބައެއް ރަސްމީ ގަބުރުސްތާނު ކަމަށްވަނީ ކަނޑައަޅައިފައެވެ. ތުއްތު ބިސްތާނު އެހެރީ މިސްކިތުގެ އިރުމަތީ ފަރާތުގައެވެ. މި ގަބުރުސްތާނުގައިވާ އާސާރުތަކަށް ބެލީމާ މިއީ ގާތްގަނޑަކަށް ހާސްއަހަރުވާން ކައިރިވެފައިވާ ގަބުރުސްތާނެއްކަމަށް ބެލެވެއެވެ. ހުރިހާ ޒަމާނެއްގައިވެސް އެރަށުގައި މީހުން ވަޅުލީ މިތާގައި ކަމަށް ބެލެވެއެވެ.

މާއެނބޫދޫން ފެންނަ އާސާރީ ދެވަނަ މިސްކިތަކީ އެރަށު ކުޑަ މިސްކިތެވެ. މި މިސްކިތުގެ އަރަބި ނަމަކީ މަސްޖިދުއްތަޒުކިރާއެވެ. މިއީ އަނެއްކާވެސް ޝައިޚު ޖަމާލުއްދީނުގެ ހަނދާންތަކާއި ގުޅުވައިގެން ދީފައިވާ ނަމަކަށްވެދާނެއެވެ. މި މިސްކިތް ހުރީ ޝައިޚު ޖަމާލުއްދީނު އެރަށުގައި ހުންނެވި ދަހަރާގެއާ ޖެހިގެންނެވެ. މިހާރު އެދޭތެރެއިން ހަނިމަގެއް ހަދައިފައި އޮތަސް ޝައިޚު ޖަމާލުއްދީނު އެރަށުގައި ހުންނެވި ޒަމާނުގައި އެއީ ދަހަރާގޭ ގޯތިން ބައެއްކަމަށް ވެދާނެއެވެ. ކުރީޒަމާނުގައި ރަށްރަށުގައި މިސްކިތްއެޅުމުގެ އާދަކާދައަށް ބަލާއިރު ބޮޑެތި އާލިމުން ދިރިއުޅުއްވާ ގޭގޭގެ ކައިރީގައި ނުވަތަ ހަމަސީދާ އެގެއެއްގައި މިސްކިތް އަޅައިފައި ހުރެއެވެ. އެހެންވީމާ މާއެނބޫދޫ ކުޑަ މިސްކިތަކީ ޝައިޚު ޖަމާލުއްދީނުގެ ހަނދާނަށްޓަކައި ހަމަ ސީދާ ދަހަރާގޭ ގޯތިތެރޭގައި އެޅި މިސްކިތަކަށް ވެދާނެއެވެ.

މިހާރު އެ މިސްކިތް އެހެރީ މާއެނބޫދޫ އަހުމަދު އާދަނުގެ އަމިއްލަ ޚަރަދުގައި ނުހަނު ޒަމާނީކޮށް ރީތިކޮށް އައުކޮށްފައެވެ. އެހެންނަމަވެސް ކުރީގެ މަތިވަޑާންގަނޑާއެކުގައެވެ. އެ މަތިވަޑާންގަނޑުގައި ލިޔެފައިވާ ތާރީޚަކީ 22 ރަބީއުލްއާޚިރާ 1334 އެވެ. މީލާދީގޮތުން އެއީ 1916 އެވެ. އެހެންކަމަށްވަނީވިއްޔާ އެއީ ޝައިޚު ޖަމާލުއްދީނު އަވަހާރަވިތާ 9 އަހަރު ފަހެވެ. މިސްކިތް ބިނާކުރި ތާރީޚަކީ އެއީ ކަމަށްވަންޏާ ގަބޫލުކުރެވެނީ އެއީ އޭނާ ހުންނެވި ގޭގެ ގޯތިތެރޭގައި އޭނާގެ ހަނދާނުގައި މާއެނބޫދޫ ރައްޔިތުން ފަހުން ބިނާކުރި މިސްކިތެއް ކަމުގައެވެ. މިސްކިތުގެ ނަމުންވެސް ބޮޑަށް ބާރުލިބެނީ މިކަމަށެވެ. މަސްޖިދުއްތަޒުކިރާއެވެ. މި މިސްކިތުން އަދި ފާހަގަކުރެވޭ އެހެންކަމެއް އެބަފެނެއެވެ. އެއީ ކުރީޒަމާނުގެ ވަގުތުބަލާ ގަލެކެވެ.

މިގަލަކީ ހިރިގަލެކެވެ. އޭގެމަތީގައި ހަރުކޮށްފައިވާ މައުދަނުގެ ކަށްޓަކީ ރާއްޖޭގެ އެއްވެސް މިސްކިތަކުން އަޅުގަނޑަށް ފެނިފައިވާ އެފަދަ އެންމެ ބޮޑު ކަށްޓެވެ. އޭގައި އަލްގާޒީ އިބްރާހިމް ސިރާޖުއްދީނުގެ ނަންފުޅު ލިޔެފައިވެއެވެ. މިހިސާބުން އުފެދޭ ސުވާލުތައް ބައިވަރެވެ. ސިރާޖުއްދީނާއި މިގައު ގުޅޭ ގޮތެކެވެ. މި މިސްކިތް އޭނާގެ ހަނދާނާއި ގުޅޭ ގޮތެކެވެ. މި ލިޔުމުގައި ކުރިން އެބޭފުޅެއްގެ ވާހަކަ ތަކުރާރުކޮށް ގެނެވިފައިވާ ދަނބުގޭ އައްނާއިބު އަހުމަދުދީދީއަކީ ގާޒީ ސިރާޖުއްދީނުގެ ދޮށީ ދަރިކަލުންނެވެ. ސިރާޖުއްދީނު ފަނޑިޔާރުކަން ކުރެއްވީ ދޮންބަންޑާރައިންގެ ދަރިކަލުން ސުލްތާން ހަސަން ނޫރައްދީނު އެއްވަނައިގެ ދައުރުގައެވެ. ދެވަނައަށް ސުލްތާން މުހައްމަދު މުއީނުއްދީނު އެއްވަނައިގެ ދައުރުގައެވެ. ގާޒީ ސިރާޖުއްދީނަކީ ނޫރައްދީނުގެ ރަސްކަމުގައި ނުހަނު ބޮޑު އަދަބެއްވެސް ލިބިވަޑައިގެންނެވި އާލިމެކެވެ.

ގާޒީ އިބްރާހިމް ސިރާޖުއްދީނު އަވަހާރަވެގެން ފަސްދާނުލެވިފައިވަނީ މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައެވެ. އެއީ ގާޒީ ހަސަން ތާޖުއްދީނުގެ ޚަތީބު އަހުމަދު މުހުޔިއްދީނުގެ ދަރިކަލުންނެވެ. ދިވެހި ތާރީޚުގައި ނުހަނު މަޝްހޫރު އާލިމެކެވެ. ދިވެހި ތާރީޚުގެ މުހިއްމު ސަފުހާތަކެއް ލިޔުއްވި ބޭފުޅެކެވެ. ހައްގުނޫން އެތަކެއް ވޭންތައް ތަޖުރިބާކުރެއްވި ބޭފުޅެކެވެ. މާއެނބޫދޫ ކުޑަމިސްކިތުގެ ވަގުތުބަލާ ގަލުގައިވާ ކަށީގައި ގާޒީ ސިރާޖުއްދީނުގެ ނަންފުޅު އޮތުމުގެ ސިއްރަކީ ކޮބައިތޯއެވެ. އެރަށުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ތުއްތު ބިސްތާނުގެ ތެރޭގައިވާ ޚާއްސަ ގާފޮޅުހުރި މަހާނަޔަކީވެސް ގާޒީ ސިރާޖުއްދީނުގެ މަހާނައެވެ. އޭގައިވާ ގަލުގައި އެއީ ސިރާޖުއްދީނުގެ ދަރިކަލުން އައްނާއިބު އަހުމަދުދީދީކަން ބަޔާންވެފައިއޮތުމާވެސް އެކީގައެވެ.

މިކަންކަމުން އެނގެނީ ގާޒީ ސިރާޖުއްދީނާއި މާއެނބޫދޫއާ ގުޅުން އެބައޮތްކަމެވެ. ޔަގީންނުވަނީ އެއީ ކޮންގުޅުމެއް ކަމެވެ. ގާޒީ ސިރާޖުއްދީނުގެ ފުރަތަމަ އަނބިކަނބަލަކީ ކާކުކަމެއް ސާފެއް ނޫނެވެ. ދަނބުގޭ އައްނާއިބު އަހުމަދުދީދީގެ މައިކަނބަލުންނަކީ ކާކުކަމެއް ސާފެއް ނޫނެވެ. މިކަންކަން މިހެން އޮވެފައި ދަނބުގޭ އަހުމަދުދީދީ މާއެނބޫދޫގައި އަވަހާރަވެ އެރަށުގައި އޭނާގެ މަހާނަ ހުރުމާވެސްއެކު އަހުމަދުދީދީގެ ވާހަކަ ނުދައްކައި އެންމެން ސިރާޖުއްދީނުގެ ވާހަކަ ދެއްކުމުގައި ސަބަބެއް އޮންނާނެއެވެ. ކުޑަމިސްކިތުގައިވާ ވަގުތުބަލާ ގަލުގެ ކަށީގައި ސިރާޖުއްދީނުގެ ނަންފުޅު އޮވެފައި އެ މިސްކިތަށް ތަޒުކިރާއޭ ކިޔަނީ ސިރާޖުއްދީނުގެ ހަނދާނުގައިކަމަށްވުމަކީވެސް ދުރުކަމެއް ނޫނެވެ. އެގުޅުމަކީ ސިރާޖުއްދީނު އެރަށަށް ވަޑައިގެން އެރަށުން އަނބިކަނބަލަކު އިޚުތިޔާރު ކުރެއްވުން ކަމަށްވެދާނެއެވެ. ދަނބުގޭ އަހުމަދުދީދީގެ މައިކަނބަލަކީ މާއެނބޫދޫގެ ކަނބަލަކަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

(ނުނިމޭ)