ފީފާ ވޯލްޑް ކަޕަށް ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކުރުމުން ކްލަބުތަކަށް ދޭ ފައިސާގެ އަދަދު ފީފާއިން ބޮޑުކޮށްފިއެވެ.
ކުރިއަށް އޮތް ފިރިހެން ދެ ވޯލްޑް ކަޕް ކަމަށްވާ، 2026 އަދި 2030ގެ ވޯލްޑް ކަޕަށް ފީފާއިން ވަނީ ކޮންމެ ވޯލްޑް ކަޕަކަށް ކްލަބުތަކަށް ދޭން 355 މިލިއަން ޑޮލަރުގެ ފައިސާގެ އަދަދެއް ކަނޑައަޅައިފައެވެ. އެއީ ގަތަރު ވޯލްޑް ކަޕަށް ކުޅުންތެރިން ދޫކުރުމުން ކްލަބުތަކަށް ދިން ފައިސާއާ އަޅާ ބަލާއިރު، ބޮޑުތަނުން އިތުރު އަދަދެކެވެ. ގަތަރު ވޯލްޑް ކަޕަށް ކުޅުންތެރިން ދޫކުރުމުން އެކި ކްލަބުތަކަށް ފީފާއިން ދިނީ 209 މިލިއަން ޑޮލަރެވެ.
ފީފާއިން އެގޮތަށް ފައިސާގެ އަދަދު އިތުރުކުރަން ނިންމާފައި ވަނީ އެ އިދާރާއާއި ޔޫރަޕްގެ ކްލަބުތަކާ ބެހޭ މައި ޖަމިއްޔާ، ޔޫރަޕިއަން ކްލަބްސް އެސޯސިއޭޝަން (އީސީއޭ) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި ޔޫއެފާގެ ރައީސް އެލެކްސެންޑާ ސެފެރިންވެސް ދާދިފަހުން ހަންގޭރީގެ ބުޑަޕެސްޓްގައި ބޭއްވި އީސީއޭ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާ އިރު، ކްލަބުތަކަށް ދޭ ފައިސާ އިތުރުކުރިކަން އިންފަންޓީނޯ އިއުލާނުކުރެއްވީ އެ ބައްދަލުވުމުގައެވެ.
އީސީއޭގެ އާންމު ބައްދަލުވުމުގައި އިތުރު ބައެއް މުހިންމު ކަންކަންވެސް ނިންމާފައިވެއެވެ. އެގޮތުން 32 ޓީމުގެ ކްލަބު ވޯލްޑް ކަޕަށްވެސް އީސީއޭއިން ފީފާއަށް ތާއިދުކޮށްފައިވާ އިރު، ދެން 2025 ވަނަ އަހަރު ބާއްވާ އާ ފޯމެޓްގެ ކްލަބު ވޯލްޑް ކަޕްގައި ޔޫރަޕްގެ 12 ޓީމު ވާދަކުރާނެއެވެ. އެ ވޯލްޑް ކަޕްގެ ސަބަބުން ކުޅުންތެރިންނަށް ބުރަބޮޑުވާތީ ކުޅުންތެރިންގެ ޔޫނިއަންތަކުން ޝަކުވާ ކޮށްފައިވާ ނަމަވެސް، ފީފާގެ ވިސްނުން ހުރީ ފިރިހެން އަދި އަންހެން ކްލަބު ވޯލްޑް ކަޕްވެސްއާ ގޮތަކަށް ފަރުމާކުރުމަށެވެ.
ކުޅުންތެރިންގެ މައްސަލަތަކަށް ހައްލު ހޯދުމަށްވެސް ފީފާ އާއެކު އީސީއޭ އިން މަޝްވަރާކޮށްފައިވާ އިރު، އީސީއޭ އިން ވަނީ ފީފާގެ ޕްލޭޔާ ވެލްފެއާ ޓާސްފޯހަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އެއީ ޝެޑިއުލަށް އަންނަ ބުރަކަމާއި ކުޅުންތެރިންގެ ދަތިތަކަށް ހައްލު ހޯދަން ދިރާސާކުރަން ފީފާއިން އުފައްދާ ހާއްސަ ޓާސްކް ފޯހެކެވެ.
އީސީއޭއަކީ މި ވަގުތު ޔޫއެފާއާ ގާތުން މަސައްކަތްކުރާ ފުޓުބޯޅައިގެ ނުފޫޒުގަދަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ޗެއާމަނަކީ ޕީއެސްޖީގެ ރައީސް، ނަސޭރު އަލް-ހެލައިފީއެވެ.