ވޯލްޑް ކަޕް 2026 ގައި ރޭ ކެނެޑާއިން ކުޅުނު މެޗުގެ ތެރެއިން ގަތަރު ކުޅުންތެރިޔަކު ކުރި ޓެކުލަކުން އިސްމާއީލް ކޯނޭގެ ފައިގެ ކަށިމަތިން ބިންދައިގެން ގޮސްފައިވާކަން ކެނެޑާއިން ޔަގީން ކޮށްދީފިއެވެ.

ކެނެޑާއިން ރޭ 6-0 އިން ގަތަރު ބަލިކުރި އިރު، އެމެޗުގައި ގަތަރުގެ ދެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ކޯނޭގެ ފަޔަށް ޓެކުލް ކުރި އާސިމް މަދީބޯއެވެ. މެޗުގެ 54 ވަނަ މިނެޓުގައި މަދީބޯ ކުރި ޓެކުލާއެކު ކޯނޭ ފައިގެ ކަށިމަތީގެ މައި ދެ ކަށިގަނޑުވެސް ބިންދައިގެން ގޮސް، މިހާރު ހޮސްޕިޓަލުގައި ސާޖަރީއަށް ތައްޔާރުވަމުންދާ ކަމަށް ކެނެޑާ ޓީމުން ބުނެފައިވެއެވެ.

އުމުރުން 24 އަހަރުގެ ކޯނޭޑަށް ދަނޑުމަތީގައި އަވަސް ފަރުވާ ދިނުމަށްފަހު އަށިގަނޑުގައި ވަގުތުން އެމްބިއުލައިންސަށް ގެންގޮސްފައިވާ އިރު، އޭނާ ވަނީ ވަކި ހިސާބަކަކުން އަށިގަނޑުގައި އިށީންދެ ސަޕޯޓަރުންނަށް އަތް ހޫރުވައިފައެވެ.

"އެކަން ހިނގީ ސީދާ ބެންޗު ކުރިމަތީގައި. އަހަރެމެން އެންމެންނަށް އަޑުވެސް އިވުނު،" ކެނެޑާގެ ކޯޗު ޖެސޭ މާޝް މެޗަށްފަހު ބުންޏެވެ.

ކޯނޭއަށް އެކަން ދިމާވުމާއެކު ދެޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް އަވަހަށް މެޑިކަށް ގޮވިތަން ފެނުނެވެ. އަދި އަނިޔާގެ ސީރިއަސްކަން ދެ ޓީމުގެ ކުޅުންތެރިންގެ މޫނުމަތިންވެސް ފެނުނެވެ. މަދީބޯއަށް ރެފްރީ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ފަހުން އެއީ ރަތް ކާޑަކަށް ބަދަލުކުރިއެވެ.

އެ ފައުލާ ގުޅިގެން ދެޓީމުގެ ބެންޗުވެސް ކޮންމެވެސް ވަރަކަށް ނުރުހުން ފާޅުކޮށްފައިވާ އިރު، މާޝްއާއެކު ކެނެޑާއިން 2024 ވަނަ އަހަރު ކޮޕާ އެމެރިކާ ތަމްރީނުތަކުގައި އުޅެނިކޮށް ތާޖޮން ބުޗަނަންގެ ފައިވެސް ބިންދައިގެން ދިޔައެވެ. މާޝް ބުނީ ކޯނޭގެ ފައި ބިންދައިގެން ދިޔަ ހިސާބުން އޭރުގެ ހަނދާންތައް އާވި ކަމަށާއި، އެހިސާބުން ވަގުތު ފިޔަވަޅު އަޅަން ޖެހޭކަން އޭނާއަށް އެނގުނު ކަމަށެވެ.

މާޝް އިތުރަށް ބުނީ މަދީބޯ ފަހުން ކެނެޑާ ޑްރެސިން ރޫމަށް ގޮސް ކުޅުންތެރިންނަށް މައާފަށް އެދުނު ކަމަށާއި، އެއީ ކުޅުންތެރިޔާގެ މައްސަލައެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ކެނެޑާއިން ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު ރޭ ހޯދި އިރު، ސަސުއޯލާއަށް ކުޅޭ ކޯނޭއަކީ މުހިއްމު ކުޅުންތެރިއެކެވެ. އޭނާގެ ބަދަލުގައި ރޭ ކުޅެން ނުކުތް ނަތަން ސަލީބާ ވަނީ މެޗުގައި ގޯލް ޖަހައި ކޯނޭގެ ޖާޒީއާއެކު އުފާފާޅުކޮށްފައެވެ.