Close
ޚަބަރު

ވިނަރެސް ފުލެޓް: ޕޮއިންޓު އެއްވަރުވި މީހުންގެ މެދުގައި ގުރުއަތު ނަގަނީ

މުހައްމަދު އިޝާން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ "ވިނަރެސް" އެޕާޓްމަންޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދުކުރި އިއުލާނެއްގައި ބުނީ ހައުސިން މިނިސްޓްރީން ލިސްޓު ތަރުތީބު ކުރުމަށް ނަގާ ގުރުއަތުލުން، އެޗްޑީސީގެ ރަސްމީ "ފޭސްބުކް ޕޭޖް" އިން ލައިވް ކުރާނެ ކަމަށާއި ގުރުނެގުން ކުރިއަށްދާ ގޮތް އޮބްޒާވު ކުރުމަށް، ދެ ކެޓެގެރީއިންވެސް މަދުވެގެން ފަސް ފަރާތަށް ދައުވަތު އަރުވާނެ ކަމަށެވެ.

"މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މުރާޖައުކޮށްފައިވާ ލިސްޓްގައި މިނިސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް ޕޮއިންޓް ދެވިފައިވާއިރު ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ މި ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. މިގޮތުން، ގުރުނެގުން 29 މާރިޗް 2023 ވަނަ ދުވަހު މިކޯޕަރޭޝަނުން ކުރިއަށް ގެންދެވޭނެކަމުގައި ދަންނަވަމެވެ،" އެޗްޑީސީން ބުންޏެވެ.

ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކާއި ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އީމެއިލްކޮށް އަދި އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުގައި ސޮއިކޮށްފައިވާ ފަރާތްތައް ލިސްޓުން އުނިކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ދާއިމީ ލިސްޓް ޝާއިއުކުރުމަށްފަހު އެޕްލިކޭޝަން ދޫކޮށްލުމަށް އެދި އެޗްޑީސީއަށް ހުށަހަޅާފައިވާ ފަރާތަކަށް ދެވަނަ ފަހަރަށް އެޕްލިކޭޝަނާއެކު ކުރިއަށް ދިއުމުގެ ފުރުސަތު ނުދެވޭނޭ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ މަރުހަލާ ފުރިހަމަވުމުން ބުކިން ފީ ނެގުމާއި "ވިނަރެސް" އެޕާޓްމަންޓް އިހުތިޔާރު ކުރުން އެޗްޑީސީން ކުރިއަށް ގެންދާނީ ގުރުނެގުމަށްފަހު ލިސްޓް ތަރުތީބުކޮށް ޝާއިއުކުރާ ލިސްޓާ އެއްގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.