އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތެރެއިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ހަމަޖައްސައިފިއެވެ.
ހައި ކޯޓުން ވަނީ، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދޭން ޔާމީންގެ ފަރާތްޕުޅުން އެ ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ބަލައިގަތުމަށްފަހު އަންނަ ބުދަ ދުވަހުގެ ހެނދުނު 10:15 ގައި އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސައިފައެެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ހިންގި ރިޝްވަތު ނެގުމާއި މަނީލޯންޑާ ކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ، އާރަށް ކުއްޔަށް ދިނުމުގެ ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަންގަވައި، އެ ފައިސާ އެޗްއެސްބީސީއަށް ޖަމާކޮށް، އަދި އިތުރު ފައިސާއާއެކު ބީއެމްއެލަށް ޖަމާކޮށް، އަނެއްކާވެސް އިތުރު ފައިސާއާއެކު އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އަމިއްލަ އެކައުންޓަށް ޖުމުލަ 1،295،000 ޑޮލަރު 21 ފެބްރުއަރީ 2017 ގައި ޖަމާކޮށްފައިވާ ކަމަށެވެ.
އޭގެ ފަހުން އިސްލާމިކް ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަށް 14 މާޗް 2021 ގައި އިތުރު ފައިސާއާއެކު ޖުމުލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އެ ހިޔާނާތުގެ މައްސަލަތަކުގައި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްވެސް ވަނީ އިސްތިއުނާފަށް ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އަދި ރަޖިސްޓްރީކޮށްފައެއް ނުވެއެެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު