Close
ޓޮޓެންހަމް ހޮޓްސްޕާ

ދެ ފަރާތް އެއްބަސްވެ، ޓޮޓެންހަމްގެ ކޯޗުކަމާ ކޮންޓޭ ދުރަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮސްޓްސްޕާސްގެ ކޯޗުކަމުގެ މަގާމުގައި ހުރި އެންޓޯނިއޯ ކޮންޓޭ، މަގާމު ދޫކޮށްލައިފިއެވެ.

ޓޮޓެންހަމުން ރޭ އިއުލާނު ކުރީ 16 މަހަށްފަހު ކޮންޓޭ ޓޮޓެންހަމްގެ ކޯޗުކަމުން ދުރަށް ގޮސްފައިވާ ކަމަށާއި ނިންމުން ނިންމާފައިވަނީ ދެ ފަރާތް އެކުގައި ވާހަކަ ދެކެވި އެކަމަށް އެއްބަސްވެވިގެން ކަމަށެވެ. އެފަދަ ގޮތަކަށް ޓޮޓެންހަމުން ބުނެފައިވާ އިރު، މިދިޔަ ހަފުތާއިން ފެށިގެން ކޮންޓޭއާއި ޓޮޓެންހަމްގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެއީ ލީގުގައި ކުޅުނު މެޗަކަށްފަހު ޓޮޓެންހަމްގެ ބޯޑާއި ކުޅުންތެރިންނަށް ކޮންޓޭ ވަރަށް ބޮޑަށް ފާޑުކިޔުމުގެ ސަބަބުންނެވެ.

ޓޮޓެންހަމުން ލީގުގައި ސައުތެމްޓަންއާ ދެކޮޅަށް އެންމެފަހުން ކުޅުނު މެޗު 3-3 އިން އެއްވަރުވީ ދެ ގޯލުގެ ލީޑެއް ގެއްލުވާލައިގެންނެވެ. މި މަސް ވެގެން ގޮސްފައިވަނީ ޓޮޓެންހަމަށް އުނދަގޫ މަހަކަށެވެ. ލީގުގެ ހަތަރު ވަނައިގައި އެ ކްލަބު އަދި އޮތް ނަމަވެސް، މި މަހު ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި އޭސީ މިލާން އަތުން ބަލިވެ، އެފްއޭ ކަޕުންވެސް ކަޓައިފައެވެ. އެފްއޭ ކަޕުން ޓޮޓެންހަމް ކެޓީ ދެވަނަ ޑިވިޝަންގެ ޝެފީލްޑް ޔުނައިޓެޑް އަތުން ބަލިވެގެންނެވެ.

ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ކޮންޓޭ ވަނީ ފާޅުގައި ކުޅުންތެރިންނަށް "އަމިއްލަ އެދުން ބޮޑުކަމަށް،" ބުނެ، ކްލަބުގެ ހައިރާކީއަށް ވަރަށް ބޮޑަށް އެއްޗެހި ކިޔައިފައެވެ. ކުޅުންތެރިންގެ ފަރުވާކުޑަކަމަށް ކޮންޓޭ ފާޑު ކިޔާފައިވާ އިރު، އޭނާ ބުނީ ޓޮޓެންހަމަކީ މޮޅުވުމަށް ގެންގުޅޭ މެންޓާލިޓީ ގޯސް ކްލަބެއް ކަމަށެވެ.

ކޮންޓޭ ބުނީ ޓޮޓެންހަމަށް މިދިޔަ 20 އަހަރު ތައްޓެއް ނުލިބި އޮތީ ކްލަބުގެ ވެރިން އެކަމަށް ބޭނުންވެ މަސައްކަތް ނުކުރާތީ ކަމަށާއި އެތައް ކޯޗުންނެއް ގެނައި ނަމަވެސް ވިސްނުން ބަދަލުނުކޮށް ތަށި ހޯދެން ނެތް ކަމަށެވެ.

ކޮންޓޭ މަގާމުން ދުރަށް ޖެހުމާއެކު މި ވަގުތު ކޯޗުގެ ޒިންމާ ހަވާލުވެ ހުރީ ކޮންޓޭގެ އެސިސްޓެންޓް ކޯޗު ކްރިސްޓިއަން ސްޓެލީނީއެވެ. އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކުރިން ކްލަބަށް ކުޅުނު މިޑްފީލްޑަރު ރަޔަން މޭސަންއެވެ.

ކުރިން ޗެލްސީ އާއެކު ޕްރިމިއާ ލީގު ހޯދައި، ޔުވެންޓަސްއާއި އިންޓަ މިލާން އާއެކު އިޓަލީ ލީގު ހޯދާފައިވާ ކޮންޓޭ ޓޮޓެންހަމްއާ 2021 ވަނަ އަހަރު ހަވާލުވީ އޭގެ ކުރިން ހުރި ނޫނޯ އެސްޕިރިޓޯ ސަންޓޯ ފޮނުވާލުމުންނެވެ. ޓޮޓެންހަމަށް ކޮންޓޭ ކޯޗުކަން ކޮށްދިން 76 މެޗުގެ ތެރެއިން އެ ޓީމު ވަނީ 40 މެޗުން މޮޅުވެފައެވެ. ބަލިވީ 23 މެޗުންނެވެ.

ކޮންޓޭ ވަކިކުރުމާއެކު ކްލަބުގެ ޗެއާމަން ޑެނިއަލް ލެވީ ބުނީ މިހާރު ފޯކަސް އޮތީ ޕްރިމިއާ ލީގުގައި ކުރިއަށް އޮތް މެޗުތަކުން މޮޅުވެ، ގަދަ ހަތަރެއްގައި ހިމެނުމަށް ކަމަށެވެ. ޓޮޓެންހަމްގެ އާ ވެރިން 2001 ވަނަ އަހަރު ކްލަބާ ހަވާލުވި ފަހުން އެ ޓީމަށް ހޯދުނު ކާމިޔާބީއަކީ 2008 ވަނަ އަހަރުގެ ލީގު ކަޕެވެ. އޭގެ ފަހުން ތައްޓެއް ލިބިފައިނުވާ އިރު، 11 ކޯޗުން ފެނިގެން ގޮސްފައިވެއެވެ.