Close
ޚަބަރު

ނަޝީދުގެ ތައުރީފު އަމްރުއަށް

މުހައްމަދު އިޝާން

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުސެއިން އަމްރު ހުންނަވައިގެން ކުރެއްވި މަސައްކަތައް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަަޝީދު ތައުރީފު ކުރައްވައިފިއެވެ.

އެސްޓީއޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު، އެ މަގާމުތަކުން އިއްޔެ ވަނީ ވަކިކޮށްފައެވެ.

އެމްޑީޕީ ތެރެއިން ރައީސް ނަޝީދު އުފައްދަވައިގެން އުޅޭ ''ފިކުރެއްގެ ދިރުން'' ފެކްޝަންގައި އިސްކޮށް މަސައްކަތް ކުރައްވަމުން އަންނަ އަމްރުއަށް ތައުރީފު ކުރައްވައި ރައީސް ނަޝީދު ރޭ ކުރެއްވި ޓުވީޓުގައި ވަނީ އަމްރު، އެސްޓީއޯގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.

''މިދިޔަ ހަތަރު އަހަރަކީ އެސްޓީއޯ ރަނގަޅު ނަތީޖާއެއް ނެރުނު އަހަރުތަކެއް. ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާ އަޅާކިޔާލުމުން ސާފުވާނެ. ކުންފުނީގެ ފައިދާ ބޮޑު އެހެނަސް ތަކެތީގެ އަގު އުފުލަނުދީ ހިފެހެއްޓި. ކޮވިޑުގެ ހާލަތުގައިވެސް ރަށްރަށް ކާޑަށް ނުޖެހި ހިފެހެއްޓި. ހުސެއިން އަމްރުއަށް މަރުހަބާއާއި ޝުކުރު،'' ނަޝީދު ވިދާޅުވިއެވެ.

އަމްރުގެ ބަދަލުގައި އެސްޓީއޯގެ ވަގުތީ މެނޭޖިން ޑިރެކްޓަރަށް ހަމަޖައްސާފައިވަނީ އެ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމްއެވެ.