އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތެރެއިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އެ ކޯޓަށް ބަލައިގެންފިއެވެ.
ހައިކޯޓުން ބުނީ އެ މައްސަލަ މިހާރު ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ހިނގި ރިޝްވަރު ނެގުމާއި މާނީލޯންޑާ ކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ، އާރަށް ކުއްޔަށް ދިނުމުގެ ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަންގަވައި، އެ ފައިސާ އެޗްއެސްބީސީއަށް ޖަމާކޮށް، އަދި އިތުރު ފައިސާއާއެކު ބީއެމްއެލަށް ޖަމާކޮށް، އަނެއްކާވެސް އިތުރު ފައިސާއާއެކު އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އަމިއްލަ އެކައުންޓަށް ޖުމުލަ 1،295،000 ޑޮލަރު 21 ފެބްރުއަރީ 2017ގައި ޖަމާކޮށްފައިވާ ކަމަށެވެ.
އޭގެ ފަހުން އިސްލާމިކް ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަށް 14 މާޗް 2021ގައި އިތުރު ފައިސާއާއެކު ޖުމުލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އެ ހިޔާނާތުގެ މައްސަލަތަކުގައި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްވެސް ވަނީ އިސްތިއުނާފަށް ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އަދި ރަޖިސްޓްރީކޮށްފައެއް ނުވެއެެވެ.
ޚަބަރު
ޚަބަރު
ޚަބަރު