Close
ޚަބަރު

ގާސިމް ވަކިން ކެމްޕެއިން ކުރެއްވުމުގެ ތައްޔާރީތައް ފައްޓަވައިފި

މުހައްމަދު އިޝާން

ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުން ތިއްބަވާ ގްރޫޕަކަށް ގާސިމް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމަށް ރިޔާސީ އިންތިހާބާ ގުޅުންހުރި ކަންކަން ކުރެއްވުމުގެ މަސްއޫލިއްޔަތު ހަވާލުކުރައްވާފައިވާތީ ޕާޓީގެ ލީޑަޝިޕާއި ކައުންސިލާއި ސެކްރެޓޭރިއޭޓްގެ ބޭފުޅުންގެ އެއްބާރުލުން އަމީނަށް ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޕާޓީގެ ކައުންސިލާއި ސެކްރެޓޭރިއެޓްގެ މުހިންމު ދައުރެއް އޮންނާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ޖުމްހޫރީ ޕާޓީން ފަށަން ތައްޔާރުވެފައިވާ އިރު، އެ ޕާޓީއަކީ މިހާރުވެސް ސަރުކާރު ކޯލިޝަންގެ ބައިވެރިއެކެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރުގެ މަގާމުތަކާއި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި އިތުރުން ސަރުކާރުގެ މަތީ ފަންތީގައި ބޭފުޅުން އަދިވެސް އެބަތިއްބެވެ.

އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޝާހު ހިމެނިވަޑައިގަންނަވައެވެ.

ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމެވެމުން އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، ހިޔާލުތަފާތުވެފައިވާ ބަޔަކާއެކުގައި މަސައްކަތް ނުކުރެއްވޭނެ ކަމަށާއި އަދި އިންތިހާބާ ހަމައަށް އެކުގައި ނުތިބެވޭނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ. އެމްއާރުއެމްއަކީ ސަރުކާރު ކޯލިޝަނެއްގެ ބައިވެރިއެއް ނަމަވެސް، މި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދުކުރެއްވުމަށް އެމްއާރުއެމުން އަދި ނިންމައިފައެއް ނުވެއެވެ.

އެމްޑީޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ ހިމެނޭ ކޯލިޝަންގެ މަސައްކަތުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.