(18 މާޗުގެ އަދަދާ ގުޅޭ)
ޝައިޚު ޖަމާލުއްދީނު އަވަހާރަވީ ވަގުތު އަރިހުގައި ތިބިކަމަށް އެނގިފައިވަނީ ފަސް މީހެކެވެ. އެއީ އޭނާގެ އެއްބަނޑު ދޮންތުއްތު އާއި އާއިލީގޮތުން ތިމާގެ ބޭފުޅެއް ކަމުގައިވާ ފުވައްމުލަކު އެޅަތޮށިގޭ މުހައްމަދުދީދީގެ ތުއްތުދީދީ އާއި މާއެނބޫދޫގެ ތިން މީހެކެވެ. އެންމެފަހު ވަގުތުވެސް ހެއިފުޅުހުރެގެން ވަރަށް ރީއްޗަށް ވާހަކަފުޅު ދައްކަވައި ވަސިއްޔަތް ކުރައްވައި ޝަހާދަތްކިޔުއްވައި ހެއްދެވިކަމަށް އެމީހުންގެ ފަރާތުން އެނގިފައިވެއެވެ. ދުނިޔޭގެ ވާހަކަޔަކުން އެންމެފަހުން ވިދާޅުވި ވާހަކަފުޅަކީ މިއެވެ. އަހަރެންގެ އަޖަލު ހަމަވަނީއެވެ. މަރުވީމާ އަހަރެންގެ ލިޔާ ގަލަންދާނާއި ދަވާދު ގެންގޮސް މާލޭ ދަރަވަންދޫގޭ ތުއްތުދީދީގެ އަތްޕުޅަށް އަރުވާށެވެ. ދަރަވަންދޫގޭ ތުއްތުދީދީއޭ އެ ވިދާޅުވީ ޝައިޚު ޖަމާލުއްދީނުގެ އެންމެ ތޫނުފިލި ދަރިވަރު ދަރަވަންދޫގޭ ހުސައިންދީދީއަށެވެ. ޝައިޚު ހުސައިން ސަލާހުއްދީނަށެވެ.
ޝައިޚު ޖަމާލުއްދީނުގެ އެންމެ މުހިއްމު އެއްތަރިކަޔަކީ އޭނާގެ ގަލަންދާނެވެ. އެ އެއްޗަކާމެދު ފިިކުރު ހިންގަވައި ވަސިއްޔަތް ކުރެއްވި ހަމައެކަނި އެއްޗަކީވެސް އެއީއެވެ. ގަލަންދާން ދޭން ވަސިއްޔަތް ކުރެއްވި ބޭފުޅަކީ އެފަދަ އެއްޗަކާ އެންމެ ލާއިގުކަން ބޮޑު ފަރާތެވެ. އޭގެ އެހީގައި އިލްމީ، އަދަބީ އެތަކެއް ލިޔުންތައް ލިޔުއްވާނޭކަން ޔަގީންކުރެވޭ ފަރާތެވެ. ޝައިޚު ޖަމާލުއްދީނު އަވަހާރަވުމަށްފަހު ޝައިޚު ހުސައިން ސަލާހުއްދީނު މި ގަލަންދާން ބޭނުން ކުރައްވައިގެން ލިޔުއްވައިފައިވެއެވެ. ޝައިޚު ޖަމާލުއްދީނަކީ ހެދިހުރި ހަށިގަނޑު މެދުމިން، އިސްކޮޅު ތެދު، އުނަގަނޑަށް ހިމަ، ހިމަތޮޅި، ބައިމަތިފުޅައު، އަތްފައިރީތި، ކުލަދޮން، ކަޅިރަވަ ތޫނު ބޭފުޅެކެވެ. ހުންނަވަނީ ތުނބުޅި ދިގުކުރައްވައިގެންނެވެ. ފަރީއްކުޅުއްވުން މަދެވެ. އަވަހާރަފުޅުލެއްޕެވުންވެސް ނުހަނު މަދެވެ.
އެ އެއްޗަކާމެދު ޝައިޚު ޖަމާލުއްދީނު އެންމެފަހު ވަގުތު ވަސިއްޔަތް ކުރެއްވި ގަލަންދާނަކީ ކޮންއެއްޗެއް ބާވައެވެ. އެދުވަސްވަރު އާލިމެއްގެ އެންމެ އަގުހުރި މުދަލަކީ އެ ބެއިކަލެއްގެ ގަލަންދާނެވެ. އެ ބެއިކަލެއްގެ މީރާސް ދެމިގެންދަނީވެސް އޭގެ މައްޗަށެވެ. ގަލަންދާނަކީ ލިޔުމުގެ ސާމާނާއި އަތްމަތީ ގެންގުޅޭ ކުދިކުދި ސާމާނު އަޅައިފައި ހުންނަ ހަނިދިގު ލަކުޑި ފޮށްޓެކެވެ. މަތިގަނޑާއި ވަތްގަނޑު ދެމޭގޮތަށް ހަދައިފައެވެ. މަތީބައިގައި ގަލަންތަކާއި ދަވާދެވެ. ދަށުވަތްގަނޑުގައި ފޮތާއި ކަރުދާހެވެ. ޝައިޚު ޖަމާލުއްދީނު އަވަހާރަވުމުން އޭނާ ފަސްދާނުލެވުނީ މާއެނބޫދޫ ހުކުރުމިސްކިތާ ޖެހިގެން އޮންނަ ގަބުރުސްތާނުގައި އޭނާގެ ދޮންބަފައިކަލުން ދަނބުގޭ އައްނާއިބު އަހުމަދުދީދީގެ އަރިހުގައެވެ. އޭރުވެސް އަހުމަދުދީދީގެ މަހާނައިގެ ވަށައިގެން އުސްކޮށް ހިރިގަލުން ރީތިކޮށް ގާފޮޅު ރާނައިފައިވެއެވެ.
އައްނާއިބު ދަނބުގޭ އަހުމަދުދީދީގެ އަރިހުގައި ޝައިޚު ޖަމާލުއްދީނު ފަސްދާނުލުމަކީ ދައުލަތުގެ ވެރީންގެ ނިންމުމެއް ނޫނެވެ. އެއީ މާއެނބޫދޫ ރައްޔިތުންގެ ނިންމުމެކެވެ. މައިގަނޑު ސަބަބަކީ އެއީ ޝައިޚު ޖަމާލުއްދީނުގެ ދޮންބަފައިކަލުން ކަމަށްވުމެވެ. ދަނބުގޭ އަހުމަދުދީދީ ފަދައިން ޝައިޚު ޖަމާލުއްދީނުގެ ސަންދޯއްވެސް ނެރުނީ ދަހަރާގެއިން ކަމަށްވުމެވެ. ދަނބުގޭ އަހުމަދުދީދީގެ މަހާނައިގައި ހިރިގަލުން ބޮޑު މަހާނަގަލެއް ޖަހައި ވަށައިގެން ރީއްޗަށް ގާފޮޅެއް ރާނައިފައިވަނީ ދައުލަތުގެ އެންގެވުމަކަށެވެ. އެ އެންގެވުމެއްގެ ސިއްރަކީ އޭނާ ނާއިބުކަން ކުރެއްވުމެއް ނޫނެވެ. އަހުމަދުދީދީ އަވަހާރަވީ މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައެވެ. އަހުމަދުދީދީގެ ދަރިކަނބަލުން ދަނބުގޭ ދޮންދީދީއަކީ މުސްކުޅި ބަންޑާރައިންގެ އެންމެ ހަގު އަނބިކަނބަލުންނެވެ. އެހެންވީމާ މަހާނައިގެ ހައިބަތު ބޮޑުވީއެވެ.
ޝައިޚު ޖަމާލުއްދީނަކީ އިލްމުވެރިކަމާއި ޚިދުމަތުގެ ގޮތުންވެސް އަދި އަދާކުރެއްވި މަގާމުތަކުގެ ގޮތުންވެސް އައްނާއިބު ދަނބުގޭ އަހުމަދުދީދީއަށްވުރެ ދަރަޖަ އުފުލިގެންވާ ބޭފުޅެކެވެ. މީސްތަކުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ. އެހެންނަމަވެސް ޝައިޚު ޖަމާލުއްދީނު އަވަހާރަވީ އަރުވައިލެއްވިފައި ހުންނަވަނިކޮށެވެ. ސިޔާސީ ކުށްވެރިއެއްގެ ގޮތުގައެވެ. އޭރު ހުންނެވި ރަދުން ޝަމްސުއްދީނު ތިންވަނަޔާއި ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ. އެހެންވީމާ ޝައިޚު ޖަމާލުއްދީނުގެ މަގުބަރާއަށް އެއްވެސްކަހަލަ ހައިސިއްޔަތެއް ލިބުމަކީ ވެރިކަމުގެ ފަރާތުން ބޭނުންވިކަމެއް ނޫނެވެ. އޭރުވެސްމެއެވެ. އަދިފަހުންވެސްމެއެވެ. ވަރަށް ފަހަކާ ހަމައަށްވެސް ފާހަގަކުރެވޭ ކަހަލަ މަހާނަގަލެއްވެސް ޖަހައިފައެއް ނުވެއެވެ. އެކަންކުރީވެސް މާފަހަކުންނެވެ.
އެހިސާބަށް މާއެނބޫދޫ މީހުން ތުއްތު ބިސްތާނޭ ކިޔައި އުޅުނަކަސް ދާދިފަހަކާ ހަމައަށްވެސް ބިސްތާނެއްގެ ސިފައެއް ނެތެވެ. އަހުމަދުދީދީ އާއި ޝައިޚު ޖަމާލުއްދީނާއި އަދިވެސް އިތުރު ދެތިން މަހާނައެއް ހިމެނޭނެހެން ވަށައިގެން އުސްފާރެއް ރާނައި ބިސްތާނެއްގެ ސިފަ ގެނެސްފައިވަނީ ވަރަށް ފަހަކުން މާއެނބޫދޫ އަހުމަދު އާދަނެވެ. އޭނާގެ އަމިއްލަ އިސްނެންގެވުމަކަށް އަމިއްލަ ޚަރަދުގައެވެ. އެކަން އެހެން ކުރެއްވީމާ މިހާރު ތުއްތު ބިސްތާނު އެބަފެނެއެވެ. ފާހަގަކުރެވެއެވެ. އެކަމަކު އެތަނުގެ ތެރެއަށްވަދެ ބެލީމާ އެންމެންގެ ލޮލުގައިވެސް އަޅައިގަންނަނީ ދަނބުގޭ އަހުމަދުދީދީގެ މަހާނައެވެ. ޝައިޚު ޖަމާލުއްދީނުގެ މަހާނައިގެ ހައިސިއްޔަތު ފެންނަނީ ނުހަނު ކުޑަކޮށެވެ. އެހެންވީމާ ގިނަބަޔަކު ހީކުރަނީ އަހުމަދުދީދީގެ މަހާނަޔަކީ ޝައިޚު ޖަމާލުއްދީނުގެ މަހާނަކަމުގައެވެ. (
ނުނިމޭ)