Close
މެންޗެސްޓާ ޔުނައިޓެޑް

ރެޓްކްލިފާއި ޝެއިހް ޖަސީމަށް އިތުރު ފުރުސަތެއް ދޭން ޔުނައިޓެޑް ގަތުމުގެ ބިޑުގެ ވަގުތު އިތުރުކޮށްފި

އިނގިރޭސި ބިލިއަނަރު ސާ ޖިމް ރެޓްކްލިފާއި ގަތަރުގެ ބޭންކަރު ޝެއިހް ޖަސީމް ބިން ހަމަދު އަލް ސާނީގެ ބިޑަށް އިތުރު ފުރުސަތެއް ދިނުމަށް މެންޗެސްޓާ ޔުނައިޓެޑަށް ބިޑް ކުރުމަށް ކަނޑައަޅާފައިވާ ވަގުތު ދިގު ދައްމާލައިފިއެވެ.

ޔުނައިޓެޑް ވިއްކާލުމާ ހަވާލުވެފައިވާ ރެނިއޭ ގްރޫޕުން ޔުނައިޓެޑަށް ބިޑް ކުރުމަށް ފުރަތަމަ ދިން މުއްދަތަކީ އިއްޔެގެ ނިޔަލަށް ދިން މުއްދަތެކެވެ. ޔުނައިޓެޑް ބިޑަށް އެންމެ ބޮޑަށް ތައްޔާރުވެ ފާޅުގައި މަސައްކަތް ކޮށްފައި ވަނީ އިނިއޯސް ކުންފުނީގެ ވެރިޔާ ރެޓްކްލިފާއި ގަތަރުގެ އެންމެ ބޮޑު ބޭންކްގެ ޗެއާމަން ޖަސީމެވެ. އެ ދެފަރާތުންވެސް މިދިޔަ ހަފުތާ ތެރޭގައި ޔުނައިޓެޑަށް ގޮސް، އެ ކްލަބުގެ ހިއްސާދާރުންނަށް ހާއްސަ ޕްރެސެންޓޭޝަންތަކެއްވެސް ވަނީ ހުށަހަޅައިފައެވެ.

ޔުނައިޓެޑް ވިއްކާލުމުގެ ކަންތައް އެންމެ ފަހު މަރުހަލާއަށް ގޮސްފައިވާ އިރު، ދެން އޮތީ ފައިނަލް ބިޑެއްގެ މަރުހަލާއެވެ. ކުރިން އިނިއޯސްއާއި ގަތަރުގެ ޖަސީމްވެސް ބިޑެއް ކުރި ނަމަވެސް، އަދަދު މަތިކޮށް އިތުރު ބިޑެއް ފަހުން ކުރަން އޮތީ ނިންމައިފައެވެ. އެ ބިޑުގެ އިންތިޒާރުގައި ގިނަ ބަޔަކު ތިއްބައި ރޭ ވަގުތު ހަމަވި އިރުވެސް ރެޓްކްލިފާއި ޖަސީމްގެ ބިޑް ހުށަހަޅައިފައެއް ނުވެއެވެ.

ޖަސީމްއާއި ރެޓްކްލިފްގެ ފައިނަލް ބިޑް ރޭ ގަޑިއަށް ހުށަހަޅާފައި ނުވަނީ ވާހަކަ ދެއްކުމުގައި ދިމާވި އޮޅުމެއްގެ ސަބަބުން ކަމަށް ނޫސްތަކުން ބުނެފައިވާ އިރު، އެ ވަގުތަށް އެހެން ބައެއް ކުދި ކުންފުނިތަކުން ޔުނައިޓެޑް ގަންނަން ބިޑް ހުށަހެޅިއެވެ. އެހެން ނަމަވެސް އެ ކުންފުނިތަކަށް މާ ބޮޑަށް ބެލުމެއް ނެތި، ރެނިއޭ ގްރޫޕުން ނިންމީ ޖަސީމްއާއި ރެޓްކްލިފަށް ފުރުސަތެއް ދިނުމުގެ ގޮތުން ވަގުތު އިތުރު ކުރުމަށެވެ. މިހާރު އާ މުހުލަތެއް ކަނޑައަޅާފައިވާ އިރު، ހަބަރުތައް ބުނާ ގޮތުން ޖަސީމްއާއި ރެޓްކްލިފްވެސް ފައިނަލް ބިޑެއް ހުށަހަޅައިފިއެވެ.

އެ ބިޑުގެ އަދަދު ސިއްރުކޮށްފައިވާ އިރު، ބައެއް އިނގިރޭސި މީޑިއާތައް ބުނާ ގޮތުގައި ޔުނައިޓެޑް ގަންނަން ރެޓްކްލިފާއި ޖަސީމްވެސް ހުށަހަޅާފައި ވަނީ ރެކޯޑު ބިޑުތަކެކެވެ.

މިވަގުތު ޔުނައިޓެޑްގެ ވެރިންގެ ގޮތުގައި ތިބި ގްލޭޒާސް އާއިލާއިން މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަން ނިންމާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހަރު ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ކޯ ޗެއާމަނުން ކަމަށްވާ ޖޯލް ގްލޭޒާ އަދި އަވްރަމް ގްލޭޒާ ވިދާޅުވެފައި ވަނީ ކްލަބުގެ ހިންގުމަށް ވިޔަފާރީގެ ބަދަލުތަކަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އާ އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށް، ކްލަބު ވިއްކާލުމަށްވެސް ބަލަމުން އަންނަ ކަމަށެވެ.