Close
ގޯލްޑަން ފުޓްސަލް ޗެލެންޖް

ގަމުން ތައްޓާއެކު ރަށަށް: ފައިސާ ފައްޗާއި މާފަތިން ސަޕޯޓަރުންގެ ލޯބި!

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ތައްޓާއެކު ލ. ގަމު ޓީމުން އިއްޔެ ރަށަށް ގޮސްފިއެވެ.

ކަނޑުމަގުން ގަމު ޓީމުން އިއްޔެ ހަވީރު އެ ރަށަށް ދިޔައިރު، މުޅި ރަށް މާކުރިންވެސް އޮތީ މަރުހަބާއަށް ތައްޔާރުވެފައެވެ. ގަމު ރައްޔިތުން ނުކުމެ ރަތް ދޫލައިގެ މަރުހަބާއެއް ޓީމަށް ކިޔާފައިވާ އިރު، މަރުހަބާގައި ގަމު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވިސާމާއި ލ. އަތޮޅު ރައީސް އިސްމާއީލް އަލީގެ އިތުރުން ލ. ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީއާއި މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރުން ގަމު ތިން އަވަށުގެ އެތައް ރައްޔިތުންނެއް ބަނދަރު މައްޗަށް ނުކުމެ، ޓީމަށް ހާއްސަ ލޯތްބެއް ދެއްކިއެވެ.

ޓީމަށް މަރުހަބާ ކިޔުމުގެ ހާއްސަ ލަވަ ތަކާއެކު ބޮޑުބެރުގެ ހަރަކާތްތައްވެސް ފެނިގެން ގޮސްފައިވާ އިރު، އަންހެން ވެރިންގެ ހާއްސަ ބޮޑުބެރާއި ނެށުމުގެ ފަރި ހަރަކާތްތައްވެސް އިއްޔެ ގަމުން ފެނިގެންދިޔައެވެ. ލ. އަތޮޅުގެ މަރުހަބާއާ ވަރަށް ބޮޑަށް ގުޅިފައިވާ ފައިސާ ފަތި އެޅުވުމުގެ އިތުރުން މާފަތި އެޅުވުންވެސް އިއްޔެ ފެނުނެވެ. ރައްޔިތުންގެ ހިތްތަކުން ޓީމަށް ދިނީ "ބަތަލުން"ގެ ޝަރަފެކެވެ. ސަޕޯޓަރުންގެ ހިތްވަރާއި ޖޯޝުން އެކަން ދައްކުވައިދިނެވެ.

"މުޅި ގަން އެކުވެރިކޮށްދީިފި. މުޅި އަތޮޅު ފަހުރުވެރިކޮށްދީފި. ތިޔައީ ދެވަނައެއް ނެތް ޓީމެއް. ސާބަހޭ،" ޓީމަށް މަރުހަބާ ކިޔަން ގޮސް ހުރި ސަޕޯޓަރަކު "ވަން"އަށް ބުންޏެވެ.

ޓީމުގެ ފަރާތުންވެސް އުފާވެރިކަމުގެ އިހުސާސުގައި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެއެވެ. ގަމުގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) ތައްޓާ އެކު ބަނދަރަށް ފޭބި ހިސާބުންވެސް އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. މަރުހަބާގެ ފުރިހަމަ ކަމުންނެވެ. އިއްޔެގެ އިވެންޓްގައި ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވެފައިވާ އިރު، ޓީމުގެ ކުޅުންތެރިންގެ ފަރާތުން ރައްޔިތުނަށް ވަނީ ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް އިންތިޒާމުތަކުގައި ދެއްކި އެއްބައިވަންތަކަން ޓީމުން ފާހަގަކޮށްފައިވެއެވެ.

ލ. ގަމުން މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ކާމިޔާބު ކުރީ ފައިނަލުގައި ގދ. ވާދޫ ބަލިކޮށްގެންނެވެ. މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ގަމަށް ލިބުނު ފުރަތަމަ ފަހަރެވެ. މިއަހަރުގެ ކުރިން 2018 ވަނަ އަހަރު ގަމުން ފައިނަލްގައި ކުޅުނު ނަމަވެސް، އެފަހަރު މާފަންނު އަތުން އޮތީ ބަލިވެފައެވެ.