މެންޗެސްޓާ ޔުނައިޓެޑުގައި ކުރިމަތިވީ ކެރިއަރުގެ ދަތި ހާލަތެއް ކަމަށާއި އެ ހާލަތުން އަރައިގަތުމުގައި ހެޔޮ އެދޭ ރަހުމަތްތެރިންގެ ތަފާތު އެނގުނު ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
މިދިޔަ ހަ ވަރަކަށް މަސް ވެފައިވަނީ އުމުރުން 38 އަހަރުގެ ރޮނާލްޑޯގެ ކެރިއަރުގެ އުނދަގޫ ދުވަސްތަކަކަށެވެ. ވޯލްޑް ކަޕް 2022ގެ ކުރިން ރޮނާލްޑޯ އޭރު ހުރި ކްލަބު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގާއި އެ ކްލަބުގެ ބޯޑާވެސް މައްސަލަ ގޯސްވިއެވެ. ނުތަވަސްކަމުގައި ރޮނާލްޑޯ ވޯލްޑް ކަޕަށް ދިޔައީ ކްލަބުގެ ހާލަތާ ގުޅޭ ގޮތުން ދިން ވަރުގަދަ އިންޓަވިއު އަކަށްފަހުއެވެ. އިންޓަވިއުގައި ކްލަބުގެ ހިންގުމަށް ރޮނާލްޑޯ ވަރަށް ބޮޑަށް ފާޑު ކިޔައި، ވެރިންނަށް ނުރުހުން ފާޅުކޮށްފައިވެއެވެ.
ރޮނާލްޑޯގެ އިންޓަވިއުގެ ސަބަބުން ވޯލްޑް ކަޕް ފެށުމުގެ ކުރިން ޔުނައިޓެޑުން އޭނާ އާއެކު ވެފައި އޮތް އެއްބަސްވުން ބާތިލުކުރިއެވެ. ޕޯޗުގަލް އާއެކު ވޯލްޑް ކަޕްގައިވެސް ރޮނާލްޑޯއަށް މާޔޫސްކަން ކުރިމަތިވިއެވެ. ހާއްސަކޮށް އޭރު ޕޯޗުގަލްގެ ކޯޗުކަމުގައި ހުރި ފެނާންޑޯ ސަންޓޯސް އޭނާ ބެންޗު ކުރުމުން ރޮނާލްޑޯ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.
ހާލަތުން އަރައިގަތުމަށް ރޮނާލްޑޯ މި އަހަރު ފެށީ ސައުދީ އަރަބިއާގެ ފުރަތަމަ ޑިވިޝަން ކްލަބު އަލް ނަސްރަށް ސޮއިކޮށްގެންނެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ރޮނާލްޑޯ އެ ކްލަބަށް ސޮއިކުރީ އަހަރަކު 177 މިލިއަން ޕައުންޑްގެ މުސާރައެއްގައެވެ. އެއީ މި ވަގުތު ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ބޮޑު މުސާރަވެސް މެއެވެ.
ޕޯޗުގަލްއާ އަލަށް ހަވާލުވި ކުރީގެ ބެލްޖިއަމް ކޯޗު ރޮބާޓޯ މާޓިނޭޒް، މި އިންޓަނޭޝަނަލް ބްރޭކުގައި އެ ގައުމުން ކުޅޭ މެޗުތަކަށް އިއުލާންކުރި ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައިވާ އިރު، ގައުމީ ޓީމާއެކު ހުރެ ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ ޔުނައިޓެޑްގައި ދިމާވީ އުނދަގޫ ހާލަތެއް ކަމަށާއި އެ ވާހަކަ ދައްކަން ޖެހިލުމެއްވެސް ނުވާ ކަމަށެވެ.
" ޔުނައިޓެޑް؟ ފަރުބަދައެއްގެ އެންމެ އުހުގައި ތިބޭއިރު ތިރީގައި ހިނގާ ކަންކަން އާންމުކޮށް ނުފެންނާނެ. ޔުނައިޓެޑަށް އަނބުރާ ގޮސް ދިމާވީ އަހަރެން ކެރިއަރުގައި އުނދަގޫ ހާލަތެއް. އަހަރެން އެކަން ގަބޫލުކުރަން އިންކާރެއްވެސް ނުކުރަން. އަހަންނަށް އެކަމުގެ އެއްވެސް ޝަކުވާއެއް ނެތް. ދިރިއުޅުން ކުރިއަށްދާނެ. އެ ދަތި ހާލަތުގައި އަހަންނަށް ހަގީގާ ރައްޓެހިން އެނގުނު،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯއާއި ޔުނައިޓެޑް ޖެހުނު މައްސަލަތަކުގެ ތެރެއިން އޭނާގެ ދިފާއުގައި ބައެއް ކުރީގެ ކުޅުންތެރިން ވާހަކަ ދައްކާފައިވާ އިރު، ރޮނާލްޑޯ އާއެކު ޔުނައިޓެޑަށް ކުޅުނު ވޭން ރޫނީ ފަދަ ކުޅުންތެރިން ދިފާއު ކުރީ ކޯޗު ޓެން ހާގާއި ޔުނައިޓެޑެވެ. ބެލެވޭ ގޮތުގައި ރޮނާލްޑޯ ރަހުމަތްތެރިންނަށް އަމާޒުކޮށް ވާހަކަ ދައްކާފައި ވަނީ ކުރިން އެކުގައި ކުޅުނު ބައެއް ކުޅުންތެރިން އޭނާއަށް ކިޔާފައިވާ ފާޑުކިޔުންތަކުގެ ސަބަބުންނެވެ.
ގައުމީ ޓީމާ އެކު ހުރެ ދިން ޕްރެސްގައި ރޮނާލްޑޯ ވަނީ ގައުމީ ޓީމުން ރިޓަޔާކުރަން ވިސްނި ކަމަށްވެސް ބުނެފައެވެ. ރޮނާލްޑޯ ބުނީ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އާއިލާ އާއެކު ވާހަކަތައް ދެކެވުނު ނަމަވެސް މިއީ ހުއްޓާލަންޖެހޭ ވަގުތު ނޫން ކަމަށް ގަބޫލުކުރެވުނު ކަމަށެވެ.