ޚަބަރު

ނަޝީދު ފެކްޝަނުން ޖޭޕީއާ ގުޅިއްޖެ، މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

މުހައްމަދު އިޝާން

އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ޖުމްހޫރީ ޕާޓީއާއެކު މެނިފެސްޓޯއެއް ތައްޔާރުކުރުމާ ގުޅޭ މަސައްކަތްތައް ފަށައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކުނޫޒުގައި މިރޭ ވަނީ ނަޝީދުގެ ފެކްޝަންގެ މެމްބަރުން ކަމަށްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އަދި ޖޭޕީގެ ލީޑަރުގެ ނައިބު އަމީން އިބްރާހީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އަދި ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ރިޔާސީ އިންތިހާބާ ބެހޭ ގޮތުންނާއި ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެވޭނެ ސިޔާސަތުތަކެއް ކަނޑައެޅުމާ ބެހޭގޮތުން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ދެބައި މީހުން ގުޅިގެން އެކުއެކީގައި މަސައްކަތްކުރާ ކަމަށްވަންޏާ ރައްޔިތުންނާ ހަމައަށް ރައްޔިތުންގެ މަގުސަދުތައް ހާސިލުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ގެންނާނެ ސިޔާސަތުތަކެއް، އަޅުގަނޑުމެން ގެންނާނެ ޕްރޮގްރާމްތަކާ އެކަންކަމާ ބެހޭގޮތުން އަޅުގަނޑުމެން ހިޔާލު ބަދަލުކުރީ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރުމާ ބެހޭގޮތުން އެ ޕާޓީއާ އެކު އަންނަ ހަފުތާގައި އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކު ކުރަމުންދަނީ އެމްޑީޕީއަށް ހެޔޮގޮތް ހޯދުމުގެ މަސައްކަތް ކަމަށެވެ.