Close
މެސުޓް އޮޒިލް

އޮޒިލް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ޖަރުމަނު ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރި ހުނަރުވެރި މިޑްފީލްޑަރު މެސުޓް އޮޒިލް ފުޓުބޯޅަ ހުއްޓާލިކަން އިއުލާނުކޮށްފިއެވެ.

އުމުރުން 34 އަހަރުގައި އޮޒިލް ރިޓަޔާކުރިކަން މިއަދު އިއުލާނުކުރީ ދެންމެ އޭނާ ކުރި ޕޯސްޓެއްގައެވެ. އޮޒިލް ޕޯސްޓްގައި ބުނީ 17 އަހަރު ދުވަހު ޕްރޮފެޝަނަލް ފުޓުބޯޅައިގައި ހޭދަކުރެވުނީ ކާމިޔާބު ދުވަސްތަކެއް ކަމަށާއި އެތައް ބަޔަކަށް ކެރިއަރުގައި ޝުކުރު ހައްގުވާ ކަމަށެވެ. އޮޒިލް ބުނީ މިދިޔަ މަހެއްހާ ދުވަހު އޭނާއަށް ބައެއް އަނިޔާތަކާ ކުރިމަތިވެފައިވާ ކަމަށާއި އެކަންކަމުން ދައްކުވައިދިނީ މިހާރު ފުޓުބޯޅަ، ޕްރޮފެޝަލް މައިދާނުގައި ކުޅުމާ ދުރަށް ޖެހިފައިވާކަން ކަމަށެވެ.

އޮޒިލް ވަނީ އޭނާ ކުރިން ކުޅުނު ހުރިހާ ކްލަބަކަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން ޝާލްކޭ އާއި ވާޑާ ބްރެމެން، ރެއާލް މެޑްރިޑްގެ އިތުރުން އާސެނަލް އާއި ފެނަބާޗޭ އަދި އިސްތަމްބޫލް ބަސަކްޝެހީރަށް އޮޒިލް ޝުކުރު އަދާކުރިއެވެ. އޭގެ އިތުރުން އެކުގައި ކުޅުނު ކުޅުންތެރިންނަށާއި އިރުޝާދު ދިން ކޯޗުންނަށްވެސް އޮޒިލް ޝުކުރު އަދާކުރިއެވެ.

އޭގެ އިތުރުން އޮޒިލް ވަނީ އާއިލާގެ މެމްބަރުންނާއި ދަރިންގެ އިތުރުން އަނބިމީހާއަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް އާއިލާގެ ސަޕޯޓަރަކީ ކެރިއަރުގައި ކުރިއަށް ދާން ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށް އޮޒިލް ފާހަގަކޮށްފައިވެއެވެ،

އޮޒިލްގެ ކެރިއަރުގައި އޭނާއަށް ވަނީ ބައެއް އުނދަގޫ ހާލަތްތައް ކުރިމަތިވެފައެވެ. 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ޖަރުމަނު ގައުމީ ޓީމަށް 92 މެޗު ކުޅެދިން އޮޒިލް، ހަގު އުމުރުގައި ގައުމީ ޓީމުން ރިޓަޔާކުރީ ސިޔާސީ ނުފޫޒުގެ ތެރެއިން ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. އޮޒިލްއަކީ ތުރުކީ ނަސްލަށް ނިސްބަތްވާ ކުޅުންތެރިޔަކަށްވީ އިރު، އޭނާ އަބަދުހެން ތުރުކީއާ ބާއްވާ ގާތްކަމުގެ ސަބަބުން ޖަރުމަނުގެ އެކިއެކި ސިޔާސީ ފަރާތްތަކުގެ ފާޑު ކިޔުމާވެސް ކުރިމަތިލާން ޖެހިފައިވެއެވެ.

އޭގެ ފަހުން މުސްލިމުންނާ އެއްކޮށް އެކިއެކި ކަންކަމުގައި އަޑު އުފުލުމުން، އޭނާއަށް ކްލަބު ފުޓުބޯޅައިގައިވެސް ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

އޮޒިލްއަކީ މި ފަހުގެ ފުޓުބޯޅައިގައި ފެނުނު އެންމެ މޮޅު އެއް ކްރިއޭޓިވް މިޑްފީލްޑަރެވެ. ގޯލު ޖެހުމަށް ފުރުސަތު ފަހިކޮށްދިނުމުގައި އޮޒިލްގެ ތަފާތު އަބަދުވެސް ފެނިގެންދާ އިރު، ފުޓުބޯޅައިގައި އޭނާއަށް ހާއްސަ ނަމަކީ "އެސިސްޓް ކިންގް" އެވެ.

އޮޒިލް ވަނީ ރެއާލްއާއެކު ލީގު ހޯދައި، އާސެނަލްއާއެކު އެފްއޭ ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕްގައި އޮޒިލް ވަނީ މޮޅަށް ކުޅެ ޖަރުމަނާއެކު ތަށި އުފުލާލައިފައެވެ.