އާސެނަލްއަށް ކުޅެމުން އަންނަ މިސްރުގެ މިޑްފީލްޑަރު މުހައްމަދު އެލްނެނީ ފަލަސްތީނުގެ ދިފާއުގައި ބަސް ބުނުމުން އާސެނަލްގެ ސްޕޮންސަރެއް ކަމަށްވާ އިޓަލީގެ ލަވާޒާ ގްރޫޕުން މައްސަލަ ޖައްސައިފިއެވެ.

މުސްލިމް އެތައް ކުޅުންތެރިންނެއް ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލައި އެކިއެކި ގޮތްގޮތުން އިސްރާއީލް ލާއިންސާނީ އަމަލުތައް ކުށްވެރި ކުރަމުން އަންނައިރު، އެލްނެނީ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އޭނާގެ ހިތާއި ޖާނުން މުޅީން ހުރީ ފަލަސްތީނާ އެކުގައި ކަމަށެވެ. އަދި ފަލަސްތީނުގެ ހައްގުގައި ތިބިކަން ދައްކުވައިދޭ ފޮޓޯތަކެއްވެސް އެ ކެޕްޝަން އާއެކު ހިމަނާފައިވެއެވެ.

އެލްނެނީގެ މި ޓުވީޓުގެ މައްސަލައިގައި ލަވާޒާއިން ރަސްމީކޮށް އާސެނަލްއާ ވާހަކަ ދައްކާފައިވާއިރު، އާސެނަލްއިން ވަނީ އެ މައްސަލަ ސީރިއަސް ކަމަށް ބުނެ އެލްނެނީއާ ވާހަކަ ދައްކައިފައެވެ. އެލްނެނީއަށް އެއްވެސް ކަމަކަށް މަޖުބޫރު ކުރި ކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެމުން ކްލަބުގެ އިސް އޮފިޝަލަކު ބުނެފައި ވަނީ އެލްނެނީއަށް ސްޕޮންސަރުންގެ މުހިއްމު ކަމާއެކު ހާލަތު ބަޔާން ކޮށްދިނުން ނޫން އިތުރު ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އާސެނަލްގެ ބައެއް ސްޕޮންސަރުންގެ ފަރާތުން ދީނީ ތަފާތުކުރުންތަކެއް މީގެ ކުރިންވެސް ވަނީ ފާހަގަ ވެފައެވެ. އެގޮތުން ކުރިން ކްލަބަށް ކުޅުނު މެސުޓް އޮޒިލް، ޗައިނާގެ އުއިގާ މުސްލިމުންގެ ދިފާއުގައި ވާހަކަ ދެއްކުމާއެކު އާސެނަލްއިން ވަނީ އޮޒިލްއަށް ނުސީދާކޮށް އަދަބުތަކެއް ދީފައެވެ. އެ އަދަބުތައް ދޭން ކްލަބަށް މަޖުބޫރުވީ ޗައިނާގެ ސްޕޮންސަރު ކުންފުނިތަކުން އިސްނަގައިގެން އާސެނަލްއަށް ފިއްތުންތައް ކުރިމަތިކުރުވުން ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ.

އެލްނެނީ އާސެނަލްއަށް ގޮސްފައި ވަނީ ކުރިން ބާސެލްގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް ރަނގަޅު ކުޅުމެއް އެލްނެނީ ދައްކާފައިވާއިރު، އެލްނެނީ ވަނީ މި ސީޒަންގައި 22 މެޗު ކުޅެދީފައެވެ.