އިނގިރޭސިވިލާތުގެ އާސެނަލް ދޫކޮށް، ތުރުކީގެ ފެނަބާޗޭއަށް ބަދަލުވުމަށް މެސުޓް އޮޒިލް އެގައުމަށް ގޮސްފިއެވެ.
ޖަރުމަނަށް ނިސްބަތްވާ މިޑްފީލްޑަރު އޮޒިލް ތުރުކީއަށް ދިޔަކަން އޭނާގެ މީސް މީޑިއާ މެދުވެރިކޮށް ޔަގީން ކޮށްދީފައިވާއިރު، ޕޯސްޓް ކޮށްފައިވާ ފޮޓޯގައި ވަނީ އަންހެނުންނާއި ދަރިފުޅާވެސް އެކުގައި ދަތުރު ކުރާ މަންޒަރެވެ.
އާސެނަލްއާއެކު އޮޒިލް ހަދާފައިވާ އެއްބަސްވުމުގައި އަދި ދުވަސް ކޮޅެއް ބާކީ އޮތް ނަމަވެސް، އޭނާ އާސެނަލް ދޫކޮށްލީ މާޔޫސް ކަމުގައެވެ. އުމުރުން 32 އަހަރުގެ އޮޒިލް ކްލަބު ދޫކޮށްލުމުގެ ކުރިން އެންމެފަހުން އޮތް ތަމްރީނުތަކުގައި ޓީމުގެ ކުޅުންތެރިންނާ ސަލާމް ކޮށްފައިވާއިރު، އޭނާ ކްލަބު ދޫކޮށްލަން ދިމާވި އެންމެ މައިގަނޑު ސަބަބީ މި ސީޒަންގެ ސްކޮޑުން ބޭރު ކުރުމެވެ.
އޮޒިލްގެ އުފަން ގައުމު ތުރުކީއާއެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން އޭނާ ޖަރުމަނު ސްކޮޑުންވެސް ބޭރުކޮށްފައިވާއިރު، މިދިޔަ މަހު މާޗު މަހަށްފަހު އޮޒިލް ވާދަވެރި މެޗެއްގައި ކުޅެފައެއް ނުވެއެވެ. ގިނަ ބަޔަކު ބުނެފައި ވަނީ އާސެނަލްގެ ސްކޮޑުން އޮޒިލް ބޭރުކޮށްފައި ވަނީ ސިޔާސީ ބައެއް ހިޔާލުތަކުގެ ސަބަބުންނާއި، މުސްލިމުންގެ ދިފާއުގައި ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ކަމަށެވެ.
ތުރުކީގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއު އެއްގައި އޮޒިލް ބުނެފައި ވަނީ ދެނަބާޗޭއަށް ދެވުމަކީ ވަރަށް އުފާވެރި އަދި ވަރަށް ހިތްހަމަ ޖެހޭ އިހުސާސެއް ކުރެވޭ ކަމެއް ކަމަށެވެ.
އޮޒިލްއަކީ މުސްލިމުންގެ ދިފާއުގައި އަޑު އުފުލުމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ހާއްސަކޮށް ޗައިނާގައި އަނިޔާ ލިބެމުންދިޔަ އުއިގާ މުސްލިމުންގެ ދިފާއުގައި އޮޒިލް ދެއްކި ވާހަކައިގެ ސަބަބުން މީޑިއާގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ހިނގާފައިވެއެވެ. އޮޒިލްގެ ވާހަކަތަކާ ގުޅިގެން ކްލަބުން ވަނީ އޭނާއަށް އިންޒާރުވެސް ދީފައެވެ. އެހެން ނަމަވެސް އޮޒިލް ބުނެފައި ވަނީ މުސްލިމް އާބާދީއަށް ކުރިމަތިކުރަމުން ދިޔަ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް އޭނާ އަޑު އުފުލި އުފުލުމުގައި ސާބިތުވެ ހުންނާނެ ކަމެވެ.
ޖަރުމަނާއެކު 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި އޮޒިލް 2018 ވަނަ އަހަރު ގައުމީ ޓީމުން ރިޓަޔާކުރީ ތުރުކީގެ ދަރިކޮޅަށް ނިސްބަތްވާތީ ކުރާ ފުރައްސާރައާއި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު