ގަތަރު ވޯލްޑް ކަޕް 2022

އެއްޖިންސުން އުޅުން ޕްރޮމޯޓު ނުކުރެވޭތީ ޖަރުމަނުން ދެއްކި މަންޒަރަށް ގަތަރުގެ ރައްދަކީ އޮޒިލްގެ ފޮޓޯ!

އަލީ ރިފްޝާން

އެއްޖިންސުން އުޅުން ޕްރޮމޯޓުކުރުމަށް ބޭނުންކުރާ "ވަންލަވް" ކެޕްޓަން ބޭންޑް އެޅުން މަނާކުރުމުން، ގަތަރު ވޯލްޑް ކަޕް 2022 ގައި ޖަރުމަންގެ ފުރަތަމަ މެޗުގެ ޓީމު ފޮޓޯއިން ފެނިގެންދިޔައީ ކުޅުންތެރިން އަނގަމަތީގައި އަތް އަޅައިގެން ތިބި މަންޒަރެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ޖަރުމަންގެ ޓީމަށް އަމާޒުވިއެވެ.

ޖަރުމަން ޓީމު ފޮޓޯގައި ކުޅުންތެރިން ދެއްކި މަންޒަރަށްފަހު، ޖަޕާނާ ދެކޮޅަށް ކުޅުނު ގްރޫޕު ސްޓޭޖުގެ މެޗުން ބަލިވެ، އެޓީމަށް ވަނީ ވޯލްޑް ކަޕްގެ ފެށުން ވެސް ގޯސްވެފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ބުނެފައިވަނީ ޖަރުމަން ޓީމުން ކުޅިވަރާ ނުގުޅޭ ކަންކަމުގައި ނޫޅެ، އެންމެ ރަނގަޅުވާނީ ނަތީޖާ ރަނގަޅުކޮށް، ފުޓުބޯޅައަށް ފޯކަސްކުރުން ކަމަށެވެ.

ފީފާ އިން މިފަހަރުގެ ވޯލްޑް ކަޕްގައި "ވަންލަވް" އާމްބޭންޑް ބޭނުންކުރުމަށް ހުއްދަދީފައި ނުވަނީ، އެއްޖިންސުން އުޅުމަކީ އިސްލާމް ދީންގައި ހަރާމް ކަމަށްވުމާއެކު، ގަތަރުގެ ސަގާފަތަށް އިހުތިރާމު ކުރުމަށެވެ. "ވަންލަވް" އާމްބޭންޑް ބޭނުންކުރުން މަނާކުރުމުން ހުޅަނގުގެ ގައުމުތަކުން ފީފާއަށް ރައްދުކޮށް ބަހުގެ ހަމަލާތައް ދީފައިވާ އިރު، އެކަމަށް ތާއީދުކުރާ މީޑިއާތަކުން އަދިވެސް ދަނީ އެކަން ފާހަގަކޮށް ގަތަރާ މެދު މީހުންގެ ހިތްތަކުގައި ނަފުރަތު އުފައްދަން ތަފާތު ވާހަކަތައް ފަތުރަމުންނެވެ. އެކަމަށް އެންމެ ބޮޑަށް މަސައްކަތްކުރަނީ އިނގިރޭސި މީޑިއާތަކުންނެވެ.

ގަތަރު ވޯލްޑް ކަޕްގައި އެއްޖިންސުން އުޅުން ޕްރޮމޯޓުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ ޔޫރަޕުގެ ގައުމުތަކުންނެވެ. އެގޮތުން ފީފާގެ އުސޫލުތަކާއި ވޯލްޑް ކަޕް ބާއްވާ ގައުމު ކަމަށްވާ ގަތަރުގެ ގާނޫނުތަކާއި އާދަކާދަތައް މުގުރާލައި ޔޫރަޕުގެ އަށް ޓީމެއްގެ ކެޕްޓަނުން އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދިނުމަށް "ވަންލަވް" ކެޕްޓަން ބޭންޑު އަޅަން ވެސް ކުރިން ނިންމިއެވެ. ނަމަވެސް އެ ބޭންޑް އަޅާ ކެޕްޓަނުންނަށް ކާޑު ދެއްކުން ފަދަ މެޗު ތެރޭގެ އަދަބުތައް ދޭނެ ކަމަށް ބުނުމުން، އެކަން ނުކުރަން އެ ހުރިހާ ގައުމަކުންވެސް ފަހުން ނިންމިއެވެ.

ގަތަރުގެ ސަޕޯޓަރުން އިއްޔެ ވަނީ ޖަރުމަންގެ ޓީމު ފޮޓޯގައި ކުޅުންތެރިން ދެއްކި މަންޒަރު ތަކުރާރުކޮށްފައެވެ. ނަމަވެސް އަނގަމަތީގައި އަތް އެޅުމަށްފަހު، އެމީހުންގެ އަތުން ޖަރުމަންގެ ގައުމީ ޓީމުގެ ކުރީގެ ތަރި މެސުޓް އޮޒިލްގެ ފޮޓޯއެއް ވެސް ފެނިގެންދިޔައެވެ. ބައެއް މީހުން އޮޒިލްގެ ކުރެހުންތައް ހިފަހައްޓައިގެން ތިބި މަންޒަރު ވެސް ފެނެއެވެ.

ޖަރުމަން ގައުމީ ޓީމާއެކު ވޯލްޑް ކަޕް 2014 ގެ ތަށި ހޯދި، ދުނިޔޭގައި އުފެދުނު އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރު އޮޒިލް އަކީ ޖަރުމަނަށް އުފަން ނަމަވެސް، ތުރުކީގެ ދެމަފިރިއެއްގެ ދަރިއެކެވެ. އޭނާގެ މައިންބަފައިން ޖަރުމަނަށް ބަދަލުވީ ރެފިއުޖީންގެ ގޮތުގައެވެ. އޮޒިލް ފާހަގަކޮށްލެވެނީ އިސްލާމްދީނަށް ލޯބިކުރާ މުސްލިމް ކުޅުންތެރިއެއްގެ ގޮތުގައެވެ. އެކަން އޭނާ ކުޅޭ ކޮންމެ މެޗެއްގައި ވެސް ފެނިގެންދެއެވެ.

މިހާރު ތުރުކީގެ އިސްތަންބޫލް ބަސަކްސެހީރަށް ކުޅެމުން އަންނަ އޮޒިލް، ޖަރުމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް 2018 އަށް ފަހުއެވެ. އެ މުބާރާތުގައި ގްރޫޕު ސްޓޭޖުން ޖަރުމަން ކެޓުމާއެކު އޮޒިލަށް ނަސްލީ ތަފާތުކުރުމާއި ފުރައްސާކުރުމާ ކުރިމަތިލާން ޖެހި، ސިޔާސީގޮތުން ވެސް ފިއްތުންތަކެއް ކުރިމަތިވާން ފެށިއެވެ. އެކަމާ ގުޅިގެން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހުނެވެ. އޭނާ ވެގެން ގޮސްފައިވަނީ 2009 ވަނަ އަހަރުން ފެށިގެން ޖަރުމަނަށް ލިބުނު ކޮންމެ ކާމިޔާބީއެއްގެ މުހިންމު ހިއްސާދާރަކަށެވެ.

އޮޒިލް އަކީ އިންސާނީ ހައްގުގައި އަދި މުސްލިމުންގެ ހައްގުގައި ހަރުއަޑުން ބަސްބުނާ ކުޅުންތެރިއެކެވެ. އޮޒިލް، 8 އަހަރު ހޭދަކުރި އާސެނަލުން 2021 ވަނަ އަހަރު ވަކިވާން ޖެހުނު އެއް ސަބަބަކީ ވެސް އެއީއެވެ. އެކަންކަމާ ގުޅިގެން އޮޒިލަށް އާސެނަލްގެ ސްކޮޑުން ފުރުސަތު ލިބުން ވެސް ވީ ދަތި ކަމަކަށެވެ.

ކޮވިޑް 19ގެ ހާލަތުގައި މުސާރަ ކުޑަކުރުމަށް އާސެނަލުން އެދުމުން އޮޒިލް އިންކާރުކުރި ކުރުމާއި، އާސެނަލުން ކްލަބު މެސްކޮޓް ފޮނުވާލަން އުޅުމުން އެކަމުގެ ތެރެއަށް ވަދެ، އާސެނަލަށް ގޮންޖަހާލި ގޮންޖަހާލުމަކީ އޮޒިލް ސްކޮޑުން ބޭރުވުމުގެ ސަބަބުތަކުގައި ހިމެނޭ ކަންތައްތައް ކަމުގައި ބެލެވެއެވެ. އޭގެ އިތުރުން ޗައިނާގެ އުއިގާ މުސްލިމް އާބާދީއަށް ކުރިމަތިކުރަމުން ދިޔަ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލި އުފުލުމުގައި ސާބިތުވެ ހުންނާނެ ކަމަށް އޮޒިލް ބުނުމުން، ޗައިނާ އިން އާސެނަލަށް ފިއްތުންތައް ކުރިމަތިކުރުވުމުން ވެސް އޭނާއަށް ސްކޮޑުން ޖާގަ ލިބުމުގައި ދަތިތަކެއް ކުރިމަތިވިއެވެ.

އޮޒިލް، 2013 ވަނަ އަހަރު އާސެނަލާ ގުޅުމުގެ ކުރިން އޭނާ ވަނީ ރެއާލް މެޑްރިޑުގައި ވެސް ވިދާލައިފައެވެ. އެ ކްލަބަށް އޭނާ ތިން އަހަރު ކުޅުނެވެ. ޖަރުމަން ގައުމީ ޓީމަށް އޮޒިލް ކުޅުނު ނުވަ އަހަރުން އޮޒިލް ވަނީ 92 މެޗު ކުޅެ، 23 ގޯލު ކާމިޔާބުކޮށްދީފައެވެ.