ކޯޗު އެންޓޯނިއޯ ކޮންޓޭ ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތް ނަމަވެސް، އެ ވާހަކަތައް ދެއްކުމުގައި ސަމާލުވާން ޖެހޭ ކަމަށް ޓޮޓެންހަމްގެ މިޑްފީލްޑަރު ޕިއޭ-އެމީލް ހޮއިބިއާ ބުނެފިއެވެ.
ޓޮޓެންހަމްއިން ލީގުގައި ސައުތެމްޓަންއާ ދެކޮޅަށް އެންމެފަހުން ކުޅުނު މެޗު 3-3 އިން އެއްވަރުވީ ދެ ގޯލުގެ ލީޑެއް ގެއްލުވާލައިގެންނެވެ. މި މަސް ވެގެން ގޮސްފައި ވަނީ ޓޮޓެންހަމްއަށް އުނދަގޫ މަހަކަށެވެ. ލީގުގެ ހަތަރު ވަނައިގައި އެ ކްލަބު އަދި އޮތް ނަމަވެސް، މިމަހު ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އޭސީ މިލާން އަތުން ކަޓައި، އެފްއޭ ކަޕުންވެސް ކަޓައިފައެވެ. އެފްއޭ ކަޕުން ޓޮޓެންހަމް ކެޓީ ދެވަނަ ޑިވިޝަންގެ ޝެފީލްޑް ޔުނައިޓެޑް އަތުން ބަލިވެގެންނެވެ.
ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ކޮންޓޭ ވަނީ ފާޅުގައި ކުޅުންތެރިންނަށް "އަމިއްލަ އެދުން ބޮޑުކަމަށް،" ބުނެ، ކްލަބުގެ ހައިރާކީއަށް ވަރަށް ބޮޑަށް އެއްޗެހި ކިޔައިފައެވެ. ކުޅުންތެރިންގެ ފަރުވާކުޑަކަމަށް ކޮންޓޭ ފާޑު ކިޔާފައިވާ އިރު، އޭނާ ބުނީ ޓޮޓެންހަމްއަކީ މޮޅުވުމަށް ގެންގުޅޭ މެންޓާލިޓީ ގޯސް ކްލަބެއް ކަމަށެވެ. ކޮންޓޭ ބުނީ ޓޮޓެންހަމްއަށް މިދިޔަ 20 އަހަރު ތަށްޓެއް ނުލިބި އޮތީ ކްލަބުގެ ވެރިން އެކަމަށް ބޭނުންވެ މަސައްކަތް ނުކުރާތީ ކަމަށާއި، އެތައް ކޯޗުންނެއް ގެނައި ނަމަވެސް ވިސްނުން ބަދަލުނުކޮށް ތަށި ހޯދެން ނެތް ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ޑެންމާކު ޓީމާއެކު މިވަގުތު ހުރި ހޮއިބިއާ ބުނީ ވާހަކަތަކަކީ ހަގީގަތް ކަމަށާއި، ކޯޗު ފާޅުކުރީ އޭނާގެ ވިސްނުން ކަމަށެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ވާހަކަތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ.
"ކޯޗުގެ ކޮމެންޓްތައް އެންމެންނަށްވެސް މިހާރު ވާނީ އެނގިފައި. ކޯޗު ވަރަށް އޯޕަންކޮށް، ހަގީގަތަށް އެ ބުނީ. އެއީ ކޯޗު ހިތްހަމަ ނުޖެހޭތީ. ޗެމްޕިއަންސް ލީގު ކުއާޓާއިން ކެޓިނަމަ އެހެން ނުބުނާނެކަން ޔަގީން. ނޫނީ އެފްއޭ ކަޕް ސެމީން ކެޓި ނަމަ އެހެން ނުބުނާނެ. އެހެންވީމަ އެއީ ކޯޗު ދާން ބޭނުންވި ހިސާބަށް ނުދެވުނީމަ ބުނި ވާހަކައެއް. ކޯޗުގެ ވާހަކައިގައި ބުނިހެން ކާމިޔާބުވާން ބޭނުންވާނަމަ ދަނޑުމަތީގައި ތިބެން ޖެހޭނީ ކްލަބުގެ ކާމިޔާބީއަށް ބުރަކޮށް މަސައްކަތް ކުރާ 11 ކުޅުންތެރިން. ކޯޗު އެވާހަކަތައް ބުނިގޮތް އެންމެ ރަނގަޅު ނުވެދާނެ. އެވާހަކަތައް ދައްކާއިރު ކޯޗު ސަމާލުވާން ޖެހޭ،" ހޮއިބިއާ ބުންޏެވެ.
ހަބަރުތައް ބުނާ ގޮތުގައި އުމުރުން 53 އަހަރުގެ ކޮންޓޭ ކްލަބު މެނޭޖުމަންޓަށް ފާޑު ކިޔުމާއެކު މެނޭޖުމަންޓުން ވަނީ އެކަމާ ހިތްހަމަ ނުޖެހިފައެވެ. އިންޓަނޭޝަނަލް ބްރޭކަށް މިވަގުތު ކޮންޓޭ އިޓަލީގައި ހުރި އިރު، ބައެއް ނޫސްތައް ބުނާ ގޮތުން ޓޮޓެންހަމް ބޯޑުން އަންނަނީ ކޮންޓޭ ވަކިކުރަން ވާހަކަތައް ދައްކަމުންނެވެ.