Close
ޚަބަރު

އިންތިހާބާ ހަމައަށް އެކުގައި ނުތިބެވޭނަމަ، ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަންޖެހޭ: ރައީސް

މިހާރު ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ހަމައަށް އެކުގައި ސަރުކާރާ އެކު ނުތިބެވޭނަމަ، ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ އަދި އެމްޑީއޭގެ އިސްވެރިންނާ މުލިއާގޭގައި މިއަދު ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަށް މިހާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއަކަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި އެ ސިޓީއަށް ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރްއެމުން ރަސްމީކޮށް ޖަވާބު ދީފައިނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޖޭޕީން އިންތިހާބުގައި ވަކިން ނުކުންނަން ނިންމާފައިވާ ކަމަށާއި މަޑުކުރައްވަނީ ރަސްމީކޮށް އެޕާޓީން އެމަނިކުފާނަށް އަންގަންދެން ކަމަށެވެ. އަދި އުންމީދަކީ އެމްއާރްއެމާއި ޖޭޕީ އެމަނިކުފާނާ އެކުގައި ތިބުން ކަމަށާއި އޭރުން އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެއްވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިޔާލުތަފާތުވާ ބަޔަކާއެކު އެކީގައި ކެމްޕެއިން ނުކުރެވޭނެ ކަމަށާއި އެއީ ވަރަށް ސާފުކަމެއް ކަމަށެވެ. އަދި މިހާރުގެ ކޯލިޝަން އޮއްވައި އަންނަ ރިޔާސީ އިންތިހާބަށް އިތުރު ކޯލިޝަނެއް މިހާރު ހައްދަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެގްރީމެންޓެއް އެބައޮތް، އެ އެގްރީމެންޓްގައި މި އޮންނަނީ ދައުރު ނިމެންދެން އެކީގައި ތިބެން. އެއީ އަކުރުން އަކުރަށް މާނަކުރީމަ އޮތްގޮތް، އެހެން ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިއަށް ދާއިރު އަޅުގަނޑުމެންނަށް އެކީގަ ނުތިބެވޭ ކަމަށް ވަންޏާ، އޭގައި އެއޮތީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއޮތީ އެ އެގްރީމެންޓު ނިމުމަކާ ހިސާބަށް ގެންނަން ޖެހިފައި،"

ރައީސް ވިދާޅުވީ އޭގެ މާނައަކީ މިހާރު ކޯލިޝަނެއް ނެތުން ނޫން ކަމަށާއި ނަމަވެސް އެއްބަސްވެވޭ އެއްބަސްވުމަކީ ތަންފީޒުކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމަށެވެ. އަދި އެއްބަސްވުން ތަންފީޒުނުކުރެވޭ ކަމަށްވާނަމަ، އޭގެ ބޭނުމެއް ނޯންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެން މިދެންނެވީ އަޅުގަނޑުމެން ކޯލިޝަންގައި ތިބި ހަތަރު ޕާޓީން ރިޔާސީ އިންތިހާބަށް، މި ވިދާޅުވީ އަޅުގަނޑުމެންނާއި އަދާލަތު، ޖުމްހޫރީ ޕާޓީ، އެމްއާރްއެމް، ކޮންމެ ޕާޓީއަކުން ކެނޑިޑޭޓަކު ނެރޭކަމަށްވަންޏާ، ކެމްޕެއިން ކުރިއަށްދާއިރު، ހިޔާލުތަފާތުވުންތައް އޮންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ކުރިއަށްދާނެ ގޮތަކާމެދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ނަމަވެސް އަދި ވަކި ގޮތެއް ނިންމަވާފައިނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ކޯލިޝަން ނިންމަވާފައިވާ ޕާޓީތަކާއެކުވެސް މަޝްވަރާ ކުރައްވަމުންގެންދަވާ ކަމަށާއި ކަންކަން ނިންމަވާނީ ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.