ލ. ގަމުގައި މިއަދު ކުޅުނު ފީފާ އެކުވެރިކަމުގެ މެޗުގައި 1-0 ގެ ނަތީޖާއަކުން ރާއްޖެއިން ޕާކިސްތާނު ބަލިކޮށްފިއެވެ.
މިއަދު މެޗަކީ ގައުމީ ޓީމުން މާލެ އާއި އައްޑޫ ފިޔަވައި އެހެން ތަނެއްގައި ކުޅުނު ފުރަތަމަ ފީފާ އެކުވެރިކަމުގެ މެޗެވެ. ގަމު ޒޯން ސްޓޭޑިއަމްގައި މިއަދުގެ މެޗު ކުޅެފައިވާ އިރު، އެތައް ބަޔަކު ވަނީ ސަޕޯޓްކުރުމަށް ސްޓޭޑިއަމްއަށް ވަދެފައެވެ. ސްޓޭޑިއަމް ވަށައިގެންވެސް ރަތް ކުލައިގައި ސަޕޯޓަރުން ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ގައުމީ ޓީމުގައި ހިމެނޭ ލ. އަތޮޅު ކުޅުންތެރިންނަށް ހާއްސަ ސަޕޯޓެއް ދިންތަން ފެނިގެން ގޮސްފައިވެއެވެ.
މިއަދުގެ މެޗަށް ރާއްޖޭގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ނެރުނު ފުރަތަމަ 11 ގައި ހިމެނުނީ މާޒިޔާ ސްޕޯޓްސް ކްލަބަށް ނިސްބަތްވާ 11 ކުޅުންތެރިންނެވެ. ސީޒަނަށް އެންމެ ފުރަތަމަ ތައްޔާރުވާން ފެށި މާޒިޔާއިން ސައުދީ އަރަބިއާގައި ތަމްރީނު ކޭމްޕެއް ނިންމައި، މީގެ ހަފުތާއެއްހާ ދުވަސްކުރިން މާލެ އައިސްފައިވާ އިރު، އެޓީމުގެ އިތުރުން ކްލަބު އީގަލްސްވެސް މިހާރު އަންނަނީ ސީޒަނަށް ތައްޔާރުވަމުންނެވެ.
ޕާކިސްތާނުން މެޗަށް ނުކުތީ ކުރިން ރާއްޖޭގެ ގިނަ ކްލަބުތަކަކަށް ކުޅެފައިވާ ގޯލްކީޕަރު ސާގިބު ހަނީފްގެ ކެޕްޓަން ކަމުގައެވެ. އެޓީމުން މިއަދު ލ. ގަމުގައި ކުޅުނު މެޗަކީ މިދިޔަ އަހަރު ފީފާ ސަސްޕެންޝަނުން ސަލާމަތްވިފަހުން ކުޅޭ ދެވަނަ އިންޓަނޭޝަނަލް ފީފާ އެކުވެރިކަމުގެ މެޗެވެ. މިއަދުގެ ކުރިން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ޕާކިސްތާން ބަލިވެފައި އޮތް އިރު، މިހާލަތަކީ އެގައުމުގެ ފުޓުބޯޅަ އާ ފެށުމަކުން ފަށައިގެން މަސައްކަތް ކުރަމުންދާ ހާލަތެކެވެ.
އިދާރާ ކަންކަމާ ހުރެ ޕާކިސްތާން ފެޑަރޭޝަނަށް ފީފާ ސަސްޕެންޝަން އައުމުގެ ކުރިން އެންމެފަހުން ރާއްޖެއާ އެގައުމުން ވާދަކޮށްފައި ވަނީ 2013 ވަނަ އަހަރުއެވެ. އެފަހަރު ރާއްޖޭގައި ކުޅުނު މެޗުން ރާއްޖެ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
މިއަދު މެޗުވެސް ރާއްޖެއިން ފެށީ ވަރުގަދަ ކޮށެވެ. ހަލުވި އެޓޭކް ލައިނެއްގައި ނާއިޒް ހަސަން (ދާދު) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އަދި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ނުރައްކާ ޕާކިސްތާނަށް ކުރިމަތިވެފައިވާ އިރު، ރާއްޖެއިން ކުޅެމުންދިޔައީ ރަނގަޅު ޕާސިން ގޭމެކެވެ.
ހަމްޕުގެ ހަމަލާއެއް މެޗުގެ ކުރީކޮޅުގައި ސާގިބު މަތަކޮށް ބޭރުކޮށްލި އިރު، ދާދުއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ ބޭރަށެވެ. ރާއްޖެއިން މެޗުގެ ލީޑު ނެގީ 20 ވަނަ މިނެޓުގައެވެ. ހަމްޕުގެ ރީތި ކޯނަރަކަށް އަރައި އިބްރާހީމް އައިސަމް ބޮލުން ޖެހި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ދުރު ކަނަށެވެ.
ދެވަނަ ހާފުގައި ޕާކިސްތާނުން ނުކުތީ ކުޅުން ރަނގަޅު ކޮށްގެންނެވެ. ހާފުގެ ކުރީކޮޅުގައި އެޓީމުގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައިވާ އިރު، މަމޫން މޫސާ ހާން ބޮލުން ޖެހި ބޯޅަ މަތަކޮށް ގޯލު މަތިން ޕަންޗު ކޮށްލީ ރާއްޖޭގެ ގޯލްކީޕަރު ހުސައިން ޝަރީފެވެ.
އޭގެ އިތުރުންވެސް މެޗުގެ 58 ވަނަ މިނެޓުގައި ޕާކިސްތާނުގެ އަބްދުލް ސަމަދު ޝަހްޒާދު އަރިމަތިން އަރައި އެތެރެއަށް ވަދެ ފޮނުވާލި ހަމަލާ ނުރައްކާކޮށް ފެނިގެން ދިޔަ އިރު، އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ރާއްޖެއިން ދެވަނަ ހާފަށް ބަދަލަކާއެކު ނުކުމެފައިވާ އިރު، ދާދުގެ ބަދަލުގައި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ) އިއްބެ ވަނީ ކުޅެން ނުކުމެފައެވެ. އަދި އޭގެ ފަހުން 69 ވަނަ މިނެޓުގައި ޑިފެންޑަރު ހުސައިން ޝިފާޒް (ޑުންގާ)ގެ ބަދަލުގައި ހައިޝަމް ހަސަން (ބިޑި) ވަނީ ކުޅެން ނުކުމެފައެވެ.
ދެވަނަ ހާފުގެ ފުރަތަމަ 15 ވަރަކަށް މިނެޓުގައި ޕާކިސްތާނުން މެޗު ޑޮމިނޭޓްކޮށް ކުޅެފައިވާ އިރު، ރާއްޖެއިން ފެނުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުތަނެވެ. އެހެން ނަމަވެސް ކައުންޓާގައި ނުރައްކާ ކުރެވޭތޯ ރާއްޖޭގެ ފޯވަޑް ލައިނުން މަސައްކަތް ކުރިކަން ފާހަގަވެފައިވެއެވެ.
ޕާކިސްތާނުގެ އެޓޭކްތައް ދެވަނަ ހާފުގައި ވަރަށް ބޮޑަށް ނުރައްކާކޮށް ފެނުނު އިރު، 70 ވަނަ މިނެޓުގައި ސަލްމާނުލް ހައްގު ކުރިއަށް ޖެހި ގޯލްކީޕަރު ކަޓުވާލައި ޖެހި ބޯޅަ ބްލޮކްކޮށް ބޭރުކޮށްލީ ޑިފެންޑަރު، ކެޕްޓަން ސަމޫހު އަލީ (ސަމުއްޓު) އެވެ،
ދެވަަނަ ހާފުގައި ރާއްޖޭގެ ފަރާތުން ފެނުނު އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. ޕާކިސްތާނުގެ ޑިފެންޑަރުން އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައި ހަމްޕު ހޯދި ބޯޅަ އޭރިއާ ތެރެއިން ހަންނަ، ފޭދޫ އިއްބެއަށް ދިން ބޯޅައިގައި އޭނާ ފޮނުވާލި ބޯޅަ ތިރިތިރީން ދިޔައީ ބޭރަށެވެ.
މިއަދުގެ މެޗުގެ ފަހު ވަގުތުކޮޅަށް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މެޗަށް ނުކުމެފައިވެއެވެ. ދަގަނޑޭ ގައުމީ ޓީމަށް 100 މެޗު ހަމަކުރަން މަސައްކަތް ކުރަމުންދާ އިރު، މިހާރު ބާކީ އަދަދު ހަމަނުވެ އޮންނާނީ މަދު މެޗެކެވެ.
މެޗުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ހިނގި ނުތަވަސްކަމުގެ ތެރޭގައި ރާއްޖޭގެ އައިސަމްއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލައިފައެވެ. މެޗުގައި މޮޅަށް ކުޅުނު އައިސަމްއަށް ރެފްރީ ރަތް ކާޑު ދެއްކީ ބޯޅަ ނެތި ޕާކިސްތާނު ކުޅުންތެރިޔަކު ކޮއްޕާލުމުންނެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު