މި މަހުގެ ކުރީކޮޅު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ހަތަރު ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފަސް މީހަކު ހައްޔަރުކުރި ނަމަވެސް އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ ރާއްޖޭގެ ގާނޫނުގައި ކަނޑައަޅާފައިވާ ބާވަތަކަށް ނުވާތީ އެ މީހުން ދޫކޮށްލައިފި އެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިމަހުގެ ހަތަރު ވަނަ ދުވަހު މާލޭގެ ދިހަ ތަނެއް ބަލައި ފާސްކޮށް ހަތަރު ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށެވެ. އެ މައްސަލައި ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި، އެ މީހުން އަތުން ފެނުނީ ހެރޮއިންނެއް ނޫނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި މީހުން އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މީހުން ދޫކޮށްލީ އެ މީހުން އަތުން ފެނުނު މަސްތުވާތަކެއްޗަކީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު ލިސްޓުކޮށްފައިވާ މަސްތުވާތަކެތީގެ އެއްޗަކަށް ނުވުމުން ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސިކުއުޓާ ޖެނެރަލްގެ އޮފީހުން އެންގުމުން ކަމަށެވެ.
ރާއްޖޭގެ ގާނޫނުގެ ދަށުން "މަސްތުވާތަކެތި" ކަމަށް ބެލެވޭނީ "މަނާކޮށްފައިވާ މަސްތުވާތަކެތި" އަދި "ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި" ގެ ގޮތުގައި ކަނޑައަޅާފައިވާ ދެ ލިސްޓުގައި ހިމެނޭ ތަކެއްޗެވެ.
އެ ގާނޫނުގައި ނުހިމެނޭ މަސްތުވާތަކެތި ނަމަވެސް މަސްތުވުމަށް އެއްވެސް އެއްޗެއް ބޭނުންކުރުމަކީ ގާނޫނުގައި ކުށެކެވެ. އޭގެ އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ.