Close
ޚަބަރު

ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިނުވުމަށް ގާސިމް އިލްތިމާސްކުރައްވައިފި

1

ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިވެވަޑައިނުގަތުމަށް ގާސިމް އިބްރާހިމް އިލްތިމާސް ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީން އިސްވެ އޮވެ ރިޔާސީ އިންތިހާބަށް ނުކުތުމަށް ނިންމާފައިވާއިރު، ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގާސިމާއި އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ޕާޓީގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން މިއަދު ވަނީ ބައްދަލުކުރައްވައިފައެވެ.

މައުމޫން ފައުންޑޭޝަންގެ އޮފީސް ހުންނަ ހ. ފުލިދޫގައި ބޭއްވި އެ ބައްދަލުވުމަށްފަހު ނުކުމެވަޑައިގަތުމުން "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ، ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި މެންބަރުން އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށާއި ކޯލިޝަންގެ އެއްބަސްވުމުގައިވާ ގޮތުން އެކަން ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ކޯލިޝަން ދެމި އެބަ އޮތް ކަމަށާއި ކޯލިޝަން ނެތް ނަމަ ސަރުކާރެއްވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަނުކުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވަނީ ސަރުކާރުގެ މަގާމުތަކުން ޖޭޕީގެ މެންބަރުން ވަކިކުރަންޖެހޭ ކަމަށާއި ކަންބަޅި ކަތިލާ އުސޫލުން އެ މެމްބަރުން ވަކިކުރާތަން ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދުދެއްވަމުން ގާސިމް ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކޮށް މަގާމުތަކުން ޖޭޕީގެ މެންބަރުން ދުރުކުރެވިދާނެ ކަމަށާއި ނަމަވެސް އެކަންކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ ޖޭޕީގެ ސްލޮޓެއްގައި ހުރި އެއްވެސް ބޭފުޅަކު އަމިއްލަ ސަބަބެއް އޮވެގެން މެނުވީ ވަކިވެވަޑައިނުގަންނަވާށޭ. އިސްތިއުފާ ނުދެއްވާށޭ، އެއްވެސް ޕްރެޝަރަކާ ހުރެ ވަކިވެވަޑައިނުގަންނަވާށޭ،" ގާސިމް ވިދާޅުވިއެވެ.

އޭނާ ވަނީ ރައްޔިތުންނަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ހިދުމަތްކުރުމަށް ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުންނަށް އިލްތިމާސް ކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟