މިފަހަރުގެ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ކުޅުންތެރިޔާ، ކިންގްގެ މަގާމަށް ގަމުގެ ހުސައިން ޝަރީފް (އޮންލީ) ހޮވިއްޖެއެވެ.
ފޯރިގަދަ ކުޅުމަކަށްފަހު ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ޗެމްޕިއަންކަން ލ. ގަމުން މިރޭ ހޯދާފައިވަނީ ހުޅުމާލެ ރެހެންދި ދަނޑުގައި ކުޅުނު ފައިނަލު މެޗުގައި 8-4 ގެ ނަތީޖާއަކުން ގދ. ވާދޫ ބަލިކޮށްގެންނެވެ. މިއީ މުބާރާތުގެ ތާރީހުގައި ގަމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ކިންގްގެ މަގާމު ހޯދި އޮންލީއަކީ ގަމަށް ތަށި ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. އޭނާ ވަނީ މުބާރާތުގައި ގަމުގެ ކެޕްޓަން ބޭންޑްގައި ތަފާތު ލީޑާޝިޕެއް ދައްކައި، ޓީމު ލައްވައި ކުޅުވުމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ. އޮންލީއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާވެސް މެއެވެ. އޮންލީގެ ފުޓްސަލް ކެރިއަރުގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ އިރު، ގޯލްޑަންގެ ތަށްޓާއެކު އޮންލީ ވަނީ ކެރިއަރު ފުރިހަމަކޮށްފައެވެ.
މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް އަލީ ޝާމިސް (ތޮއްޕެ) ހޮވިފައިވާ އިރު، ބެސްޓް ސަޕޯޓިން ޓީމަކަށް ހޮވިފައިވަނީ ހދ. ނައިވާދޫއެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ދ. ކުޑަހުވަދޫއެވެ. އެންމެ މޮޅު ކޯޗަކީ ކުޑަހުވަދޫގެ ކޯޗު، އަހުމަދު ރިލުވާން (ރިލޭ) އެވެ. އޭނާ ވަނީ ކުޑަހުވަދޫއާއެކު މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
މިފަހަރުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ރެފްރީއަކަށް ހޮވުނީ އަހުމަދު މުނީރެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ވާދޫގެ ޒުވާން ތަރި މުހައްމަދު އިޔާދު އަލީއެވެ. އިޔާދު ވަނީ މުބާރާތުގައި 15 ގޯލު ޖަހައިފައެވެ. މިރޭގެ ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށްވެސް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ.
މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކާމިޔާބު ހަތްވަނަ މުބާރާތެވެ. މިފަހަރުގެ މުބާރާތުގައި 102 ރަށެއްގެ ޓީމުތައް ވާދަކޮށްފައިވާ އިރު، އަތޮޅު ބުރާއި ޒޯން ބުރުގެ އިތުރުން ފައިނަލް ބުރުގައިވެސް އާދަޔާހިލާފު ފޯރިގަދަ މެޗުތަކެއް ފެނިގެން ގޮސްފައިވެއެވެ. މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެވެސް މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.