ޚަބަރު

އަނަސްގެ މަރު: ދައުވާ ލިބޭ މީހުންގެ ބަންދަަށް ލުޔެއް ނުދިން، ހުލާސާ ބަޔާން އަންނަ މަހު

އަނިޔާވެރި ގޮތަކަށް މަރާލި، ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުން އަންނަ މަހަށް ތާވަލުކޮށްފިއެވެ.

ޖުލައި 31، 2017ގެ ރޭ 9:15 އެހާކަންހާއިރު، ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އެއީ ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފް އެވެ.

އޭގެ އިތުރުން ޖުވެނައިލް ކޯޓުގައި ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ އުފިލިއެވެ. އެ ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުނުވުމުން ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ، 18 އަަހަރަށް ޖަލަށް ލައިފައެވެ.

އަނަސްގެ މަރުގެ މައްސަލައިގައި މިއަދު އޮތީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. ދައުވާ ލިބޭ އަފްރާހާއި ޖުނައިހު އަދި މަހްފޫޒްގެ ފަރާތުން ބުނެފައި ވަނީ އެ ތިން މީހުން ހާދިސާ ހިނގި ތަނުގައި ތިބިކަން ސާބިތުކުރަން ދައުލަތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ދައުލަތުންނާއި ބާކީ ދެން ތިބި ދައުވާ ލިބޭ މީހުން އެދުނީ ހުލާސާ ބަޔާން އިއްވާއިރު ހެއްކާ ބެހޭ ގޮތުން އެކުއެކީގައި ވާހަކަ ދެއްކުމަށެވެ. އެހެންވެ، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ، އަންނަ މަހުގެ 13 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވާން އަޑުއެހުމެއް ތާވަލުކުރުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާލިބޭ މީހުން ވަނީ ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާތީ ބަންދަށް ލުޔެއް ދޭން އެދިފަ އެވެ. ނަމަވެސް ގާޒީ ނަދީމް ވިދާޅުވީ އެ މީހުން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވައިފާނެތީ އާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށާއި އެ ފުރުސަތު އަދިވެސް އޮތުމުން އެ މީހުންގެ ބަންދަށް ލުއި ދެވެން ނެތް ކަމަށެވެ.