ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ ހިމަނައިގެން ޕޯޗުގަލްގެ ސްކޮޑު އިއުލާނު ކޮށްފި

ޕޯޗުގަލްއިން ޔޫރޯ 2024ގެ ކޮލިފިކޭޝަން މެޗުތަކަށް އިއުލާނުކުރި ސްކޮޑުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފިއެވެ.

އުމުރުން 38 އަހަރުގެ ރޮނާލްޑޯ، މިދިޔަ ވޯލްޑް ކަޕު ނިންމާލީ އޭރު ޕޯޗުގަލްގައި ހުރި ކޯޗު ފެނާންޑޯ ސަންޓޯސްއާ މައްސަލަތަކެއް ޖެހިގެންނެވެ. ރޮނާލްޑޯ އޭރު ކުޅެމުންދިޔަ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގާވެސް ރޮނާލްޑޯ މައްސަލަތަކެއް ޖެހިފައިވާ އިރު، ވޯލްޑް ކަޕަށްފަހު ރޮނާލްޑޯ ކުޅެމުން އަންނަނީ ސައުދީ އަރަބިއާގެ ކްލަބު އަލް ނަސްރަށެވެ.

ޕޯޗުގަލްއިން ވޯލްޑް ކަޕަށްފަހު އޭރު ހުރި ސަންޓޯސް މަގާމުން ވަކިކޮށް، މަގާމު ހަވާލުކުރީ ކުރިން ބެލްޖިއަމްގެ ކޯޗުކަން ކުރި ރޮބާޓޯ މާޓިނޭޒާ އެވެ. މިފަހަރު ޕޯޗުގަލްއިން ކުޅޭ ކޮލިފިކޭޝަން މެޗުތައް ވެގެންދާނީ މާޓިނޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅޭ ފުރަތަމަ މެޗުތަކަށެވެ.

ރޮނާލްޑޯއާ ގުޅޭ ގޮތުން މާޓިނޭޒް ބުނީ "އޭނާއަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް،" ކަމަށާއި ސްކޮޑު ނެގުމުގައި އުމުރަށް ނުބަލާނެ ކަމަށެވެ. ރޮނާލްޑޯ އަކީ ޓީމަށް ބަދަލެއް ގެނެސްދެވޭނެ ކުޅުންތެރިއެއް ކަމަށްވެސް މާޓިނޭޒް ވިދާޅުވިއެވެ.

ޔޫރޯ ކޮލިފިކޭޝަންގައި މިމަހުގެ 23 ވަނަ ދުވަހު ޕޯޗުގަލްއިން ލެއިސްޓެންޓެއިންއާ ދެކޮޅަށް ނުކުންނަ އިރު، އޭގެ ތިން ދުވަސް ފަހުން ދެން ކުޅޭނީ ލަކްޒަމްބާގާ ދެކޮޅަށެވެ.

ރޮނާލްޑޯއަކީ ޕޯޗުގަލްގެ، އަދި ދުނިޔޭގެވެސް އިންޓަނޭޝަނަލް ގޯލް ޖެހުމުގެ ރެކޯޑު އޮންނަ ކުޅުންތެރިޔާއެވެ. ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުނު 196 މެޗުން 118 ގޯލު ޖަހައިދީފައިވެއެވެ.