މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް އިންޑިއާގެ ބެންގަލޫރުގައި ހޯސްޓް ކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ ހަބަރުތައް ބުނެފިއެވެ.
އިންޑިއާގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން ނިންމާފައިވާ ކަމަށް ސާފްގެ އެކްސްކޯ ބައްދަލުވުމުގައި ނިންމީ މިދިޔަ މަހުގެ ތެރޭގައެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ ޖޫން މަހުގެ 20 އިން ޖުލައި މަހުގެ ތިނަކަށެވެ.
އިންޑިއާގެ މަގުބޫލު ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގެ ސްޕޯޓްސް އެޑިޓަރު މާކަސް މާގުލުއާއޯ ކުރި ޓުވީޓެއްގައި ބުނީ އިންޑިއާގައި ސާފް ޗެމްޕިއަންޝިޕް އޮންނާނީ ބެންގަލޫރުގައި ކަމަށެވެ. އެހެން ނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.
އެންމެފަހުން 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖޭގައި ބާއްވާފައިވާ އިރު، އެފަހަރުގެ މުބާރާތް ރާއްޖެއަށް ލިބުނީ ބަންގުލަދޭޝްއިން ފުރުސަތު ދޫކޮށްލުމުންނެވެ. އެފަހަރު ބަންގުލަދޭޝްއިން ފުރުސަތު ދޫކޮށްލީ އެގައުމުގެ ކޮވިޑުގެ ހާލަތު އޭރު ގޯސްކޮށް އޮތުމާއެކުގައެވެ.
ރާއްޖޭގައި 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވީ އޮކްޓޯބަރު މަހުގައެވެ. އެ މުބާރާތަށް ތައްޔާރުވާން ރާއްޖެއަށް މަދު ދުވަސްކޮޅެއް ލިބިފައިވީ ނަމަވެސް އިންތިޒާމުތައް ރަނގަޅެވެ. ރާއްޖޭގައި ބޭއްވި މުބާރާތުގައި ސަރަހައްދީ ގައުމުތަކުގެ ތެރެއިން ޕާކިސްތާނާއި ބޫޓާން ބައިވެރިވެފައެއް ނުވެއެވެ. އެފަހަރު ޕާކިސްތާނު ބައިވެރިނުވީ ފީފާ ސަސްޕެންޝަނެއްގައި އޮތުމުންނެވެ. އަދި ބޫޓާން ބައިވެރިނުވީ ރަނގަޅަށް ތައްޔާރުވާން ވަގުތު ނުލިބުމުގެ ސަބަބުންނެވެ.
ރާއްޖޭގައި ބޭއްވި މުބާރާތުގެ ތަށި އިންޑިއާއިން އުފުލައިލި އިރު، ފައިނަލުގައި އިންޑިއާ ވާދަކުރީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖެއަށް ފައިނަލުގެ ފުރުސަތު ގެއްލުނީ ލީގު ބުރުގައި ނޭޕާލާއި އިންޑިއާ އަތުން ބަލިވުމުންނެވެ. މުބާރާތުގައި ރާއްޖެ ވަނީ ބަންގުލަދޭޝްއާއި ސްރީ ލަންކާ ބަލިކޮށްފައެވެ.
މީގެ ކުރިން ރާއްޖެއިން ވަނީ ދެފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަކީ ރާއްޖެއާއި ލަންކާ ކޯ ހޯސްޓް ކުރި މުބާރާތެކެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެއިން އިންޑިއާ ބަލިކުރީ ލަންކާގައެވެ. 2018 ވަނަ އަހަރު ރާއްޖެއިން ދެވަނަ ފަހަރަށް ތަށި ނެގީ ބަންގުލަދޭޝްގައެވެ.