ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ސްރީ ލަންކާގެ ފުޓުބޯޅަ ފެޑަރޭޝަން (އެފްއެފްއެސްއެލް) ސަސްޕެންޑްކޮށްފައި އޮތް އޮތުން އިއްޔެގެ އާންމު ބައްދަލުވުމުގައި ދަމަހައްޓައިފިއެވެ.
މިދިޔަ ޖެނުއަރީ މަހު ފީފާއިން ލަންކާގެ ފުޓުބޯޅަ ސަސްޕެންޑް ކުރީ ތިންވަނަ ފަރާތެއްގެ ނުފޫޒު، އެގައުމުގެ ފުޓުބޯޅަ އިދާރާއަށް ވަދެފައިވާތީއެވެ. ލަންކާގެ ކުޅިވަރު އިދާރާތަކުން އެގައުމުގެ އެފްއޭއިން އެންމެފަހުން ބޭއްވި އިންތިހާބުގެ ތެރެއަށް ނުފޫޒު ފޯރުވި ކަމަށް ނޫސްތަކުގައި ބުނެފައިވާ އިރު، އެ އިންތިހާބަކީ ޖެނުއަރީ 14 ވަނަ ދުވަހު ބޭއްވި އިންތިހާބެކެވެ.
ލަންކާގެ އެފްއޭ އިންތިހާބާ ގުޅިގެން ފީފާގެ ސެކްރެޓަރީ ޖެނެރަލް ފާތިމާ ސަމޫރާ ސޮއިކުރައްވައި ލަންކާ އެފްއޭއެއަށް ފޮނުއްވި ސިޓީގައި ވަނީ ފީފާގެ މެންބަރެއްގެ ގޮތުގައި ދެމި އޮތުމަށް ފުރިހަމަވާން ޖެހޭ ޝަރުތުތައް ސްރީ ލަންކާ ފެޑެރޭޝަނުގައި ހަމަވެފައި ނެތް ކަމަށާއި މުއްދަތެއް ނެތް ގޮތަށް ލަންކާ އެފްއޭ ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.
ސިޓީގައިވާ ގޮތުން ހާލަތު ބަދަލުކޮށް، ސަސްޕެންޝަން އުވާލުމަށް ފީފާއިން ނިންމާނީ ލަންކާއިން ކަންކަން ރަނގަޅު ކުރުމުން ކަމަށެވެ.
ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސަކަށް އެންމެފަހުން އިންތިހާބުވެވަޑައިގަތީ ކުރީގެ މެންބަރު އަދި ފުޓްބޯޅަ ކުޅުންތެރިޔާ ޖޭ ސްރީ ރަންގާއެވެ. އޭގެ ކުރިން ރައީސަކަށް ހުންނެވި ޖޭސްވަރު އުމަރަށް މިފަހަރު އިންތިހާބުގައި ވާދަކުރެވިފައިނުވާ އިރު، އޭނާއަށް އިންތިހާބުގައި ވާދަނުކުރެވުނީ ސިޔާސީ ނުފޫޒާ ހެދި ކަމަށް ސްރީ ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސަސްޕެންޝަނުގެ މުއްދަތުގައި ލަންކާގެ ގައުމީ ޓީމުތަކާއި ކްލަބްތަކަށް ފީފާ އާއި އޭއެފްސީގެ ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ވާދައެއް ނުކުރެވޭނެއެވެ. އަދި ސަސްޕެންޝަން އުވާލުމަށްފަހު ނޫން ގޮތަކަށް ފީފާގެ އެއްވެސް އެހީތެރިކަމެއް ލަންކާގެ ފުޓްބޯޅައަށް ނުލިބޭނެ ކަމަށްވެސް ފީފާއިން ވަނީ އަންގައިފައެވެ.
އެ ސަސްޕެންޝަނާ ގުޅިގެން އިއްޔެ ފީފާގެ އާންމު ބައްދަލުވުމުގައި ވޯޓަށް އަހާފައިވާ އިރު، ރުވާންޑާގައި އިއްޔެ ނެގި ވޯޓުން، 197 ގައުމުގެ ތާއީދާއެކު ފީފާއިން ވަނީ ލަންކާގެ ސަސްޕެންޝަން ދަމަހައްޓައިފައެވެ. ވޯޓުގައި ބައިވެރިވީ ޖުމުލަ 198 ގައުމެކެވެ.
ލަންކާގެ ސަސްޕެންޝަން އިތުރަށް ދެމިގެން ދިއުމާއެކު މިއަހަރު މާޗު މަހުގެ ފަހުކޮޅުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައިވެސް އެގައުމު ފެނުން ދުރެވެ. ލަންކާއަށް ސަސްޕެންޝަން އުވާލެވެން އޮތީ ފީފާއިން އަންގާފައިވާ ކަންކަން އިސްލާހުކޮށްގެންނެވެ. އެގޮތުން ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލުކުރަން އެއްބަސްވާ ކަމަށް ސްރީ ލަންކާގެ ޔޫތު މިނިސްޓްރީން ފީފާއަށް އަންގަން ޖެހޭ އިރު، ފީފާއާއެކު އާ އިންތިހާބެއް ބާއްވަން މަޝްވަރާ ކުރުންވެސް ހިމެނެއެވެ. އަދި އާ އިންތިހާބާއެކު އިންތިހާބުވާ މެންބަރުންގެ ދައުރު ހަތަރު އަހަރަށް ކަނޑައެޅުމަކީވެސް ފީފާގެ އެންގުމެކެވެ.