ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) ގެ ޓާމިނަލް 1 ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި 15 ބިލިއަން ސްރީލަންކާ ރުޕީސް އިންވެސްޓްކުރުމަށް އެ ގައުމުގެ އެއާޕޯޓް އެންޑް އޭވިއޭޝަން ސާވިސަސް (އޭއޭއެސްއެލް) އިން ނިންމައިފިއެވެ.
މި މަޝްރޫއުގެ ދަށުން ޓާމިނަލް 1 ގެ ޑިޕާޗާ ހޯލް ބޮޑުކުރުމާއި، ސެކިއުރިޓީ އަދި އިމިގްރޭޝަންގެ ކަންކަން އަވަސްކުރުމާއި، އެރައިވަލް ސަރަހައްދު އަލުން ފަރުމާކުރުމުގެ އިތުރުން ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޒަމާނީކުރުން ހިމެނެއެވެ.
ސްރީލަންކާގެ ޑެޕިއުޓީ މިނިސްޓާ އޮފް ޕޯޓްސް އެންޑް ސިވިލް އޭވިއޭޝަން ޖަނިތަ ރޫވަން ކޮޑިތުވަކޫ ވިދާޅުވި ގޮތުގައި، މި މަޝްރޫއު ކުރިއަށްގެންދާނީ ބޭރުގެ އެއްވެސް ލޯނަކާ ނުލައި، ސީދާ ސަރުކާރުގެ އަމިއްލަ ބަޖެޓުންނެވެ.
މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލް 1 ފަރުމާކޮށްފައިވަނީ އަހަރަކު 6 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. ނަމަވެސް މިހާރުވެސް އަހަރަކު 10 މިލިއަން ފަސިންޖަރުން އެ އެއާޕޯޓު ބޭނުންކުރަމުން އަންނަކަން ފާހަގަކުރައްވައި، ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ މި މަޝްރޫއު ނިމުމުން އެއާޕޯޓުގެ ކެޕޭސިޓީ 10 މިލިއަނާއި 15 މިލިއަނާ ދެމެދުގެ އަދަދަކަށް އިތުރުވެގެންދާނެ ކަމަށެވެ. މިއީ ސަރަހައްދީ ފެންވަރުގައި ވާދަވެރި އޭވިއޭޝަން ހަބަކަށް ސްރީލަންކާ ހެދުމަށާއި، ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތަށް އެއްބާރުލުން ދިނުމަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ލަންކާގެ ހަބަރުތައް ބުނާ ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ޑިޒައިންތައް ފާސްކޮށްފައިވާއިރު، ބައެއް މަސައްކަތްތައް މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. އަދި ޓާމިނަލް 2 ގެ މަސައްކަތް ލަސްވަމުންދާތީ، ވަގުތީ ހައްލެއްގެ ގޮތުން ޕްރައިވެޓް ސެކްޓާގެ އެހީތެރިކަމާއެކު 14 ޗެކިން ކައުންޓަރު ހިމެނޭ ވަގުތީ މާކީއެއް މިހާރު ވަނީ ގާއިމުކޮށްފައެވެ. މީގެ ސަބަބުން ދުވާލެއްގެ މައްޗަށް އިތުރު 10 ނުވަތަ 20 ފްލައިޓަށް ހިދުމަތް ދެވޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ކޮމެންޓް