ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަ ކުރުމަށް ޕާޓީ ކައުންސިލުން ނިންމުމާ ގުޅިގެން، ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ، އެ ޕާޓީގެ އެންމެހާ މެންބަރުންނަށް މިއަދުން ފެށިގެން އެފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޕްރައިމަރީއަށް ކުރިމަތިލެވޭނެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަން ވާނެ ކަމަށް ގާނޫނުއަސާސީ އާއި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތަކެވެ.

އެހެންކަމުން އެ ޝަރުތުތައް ފުރިހަމަވާ މެންބަރުންނަށް، ޕްރައިމަރީގައި ބައިވެރިވުމަށް އެދި ފޮނުވާ ސިޓީއާއެކު އެމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއަކާއި، އެމީހާގެ ވަނަވަރު ޕާޓީ އޮފީސް މ.ކުނޫޒް އަށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް އެދި ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހެއް ކަމަށް ކަނޑައަޅާފައިވަނީ މި މާޗް މަހުގެ 30 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަނަ ދުވަހުއެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޖޭޕީން ނިންމާފައިވާއިރު އެ ޕާޓީން އަންނަނީ އެކި ޕާޓީތަކާއެކު ކޯލިޝަން ހަދަން ވެސް ވާހަކަ ދައްމުންނެވެ. ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަ ކުރަން ނިންމި އިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ހެއްދެވި ކޯލިޝާނާއެކު އަދިވެސް ޖޭޕީ އޮތީ ސަރުކާރު ކޯލީޝަންގައެވެ.