ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރަން ނިންމުމުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ ސްލޮޓްތަކުގެ ބޭފުޅުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ބައެއް މަޖިލިސް މެންބަރުން ގޮވާލައްވައިފިއެވެ.
ސަރުކާރު ކޯލިޝަންގައި އޮވެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރަން ނިންމުމުން ރައީސް ސޯލިހަށް ތާއީދުކުރައްވާ ބައެއް މެންބަރުން ގެންދަވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވަމުންނެވެ.
އެކަމަށް ނުރުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާާޅުވީ، ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ނިންމެވުމުން، ކޯލިޝަންގެ މަގާމުތަކުގައި ތިބި ޖޭޕީގެ މެންބަރުން އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ.
ސަނީފް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމަކީ ޖޭޕީއަށްވެސް އޮތް ހައްގެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތްކުރާއިރު ރައީސުލްޖުމްހޫރިއްޔާއާ ވާދަވެރި ޕާޓީގެ މެންބަރުންތަކެއް މިނިސްޓަރުންނާއި އެ ނޫންވެސް މަގާމުތަކުގައި ތިއްބަވައިގެންނުވާނެ ކަމަށް ވިދާޅުވިއެވެ.
"މީގައި ހަގީގީ މިންގަނޑުން ބަލާއިރު އެފަދަ މީހުންނަށް އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން، އިސްތިއުފާ ނުދޭ ކަމަށްވާ ނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނަވައިގެން ރައްޔިތުންނަށް ދެން ހިދުމަތް ދެވޭނީ އެ ބޭފުޅުން މަގާމުތަކުން ވަކިކޮށްގެން، މިކަން ކުރަންޖެހޭނެ،" ސަނީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ސޯލިހު އައްޔަންކުރައްވާ ވަޒީރުންނަކީ ރައްޔިތުންނަށް ހިދުމަތް ދޭން އައްޔަންކުރާ ބައެއް ކަމަށެވެ.
"ރައީސް ބަލިކޮށްލައި ރައީސް ނިކަމެތިކޮށްލުމަށްޓަކައި ކެމްޕެއިން ފަށައި، ޕާޓީއެއްގައި ތިބޭ މިނިސްޓަރުންތަކެއް މިވަގުތު ސަރުކާރުގައި ތިބޭކަށް ނުޖެހޭނެ، އެއީ ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިދުމަތް ދެވިގެންނުދާނެތީ، އެ މީހުން ކުރާނެ ކަަމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް ތާއީދު ގެއްލުވާލުން، މިއަދު ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނަވާ އޮނަރަބަލް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ކުރައްވާނެ ކަމަކީ އިތުރަށް ޑްރައިވަރުން ނުރުހުން ކުރުވުން، މީގެކުރިންވެސް ކަންތައް ކުރެއްވި ގޮތް، އެއާ ގުޅިގެން މައުސޫމުވެސް ކުރައްވާނީ އެކަން، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ފަންޑު އަތުލައި އެ ބޭފުޅުންގެ ކެމްޕެއިން ހިންގަވާނީ،" ސަނީފު ވިދާޅުވިއެވެ.
އޭނާގެ ވާހަކައަށް ތާއީދުކުރައްވައި މަކުނުދީ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، ސަނީފު ވިދާޅުވި ގޮތަށް ޖޭޕީ ސްލޮޓްތަކުގައި ތިބި އެންމެން އިސްތިއުފާ ދޭން ގޮވާލާ ކަމަށާއި އެ ފަރާތްތައް އިސްތިއުފާ ނުދީފި ނަމަ ސަރުކާރު ތެރެއިން އެ މީހުން ވަކިކުރުވާނެ ކަމަށެވެ.
"އަޅުގަނޑުމެން މި އޮތްހާ ދުވަހު ސަރުކާރުން ބޮޑު ޕޯޝަނެއްދީ، މިތާ ތިބި މެންބަރުން އެއްޗެކޭ ނުބުނެ މިއަދު ރައީސް ސޯލިހަށް ދޯކާދީފަ އެގޮތަކަށް އެކަމެއް ނުކުރެވޭނެ އަޅުގަނޑުމެން އެކަން ކުރިއަކަ ނުދޭނަން،"
ރާއީ ވިދާޅުވީ، އިސްތިއުފާ ނުދީފި ނަމަ، ޖޭޕީ ސްލޮޓްތަކުގައި ތިބީ މީހުން މަޖިލީހަށް ގެނަސް ނޯ ކޮންފިޑެންޓް ވޯޓު ނަގައި ވަކި ކުރާނެ ކަމަށެވެ. އަދި އެ މީހުން އިސްތިއުފާ ދިނުމަށް އެންގުމަށް ޖޭޕީގެ ލީޑަރު ގާސިމުގެ އަރިހުން އޭނާ އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑު މި ގޮވާލަނީ ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވާށޭ، ރައީސް ސޯލިހުގެ ސަރުކާރު ތެރޭގައި ތިބެގެން ފަނިފަކުސަ އަޅުވައިގެން ބަލި ކުރިއަކަ އަޅުގަނޑުމެން ނުދޭނަން، އަޅުގަނޑުމެން ގަބޫލެއް ނުކުރަން އިހުލާސްތެރި ކަމަކަށް، މިދިޔަ ހަތަރު އަހަރު މިތަނުން ކޮން މެންބަރެއްތޯ ހުރީ އެއްޗެކޭ ބުނެލި، އެއްވެސް މެންބަރަކު ނުބުނޭ، އޭގެ ބޭފުޅަކު މަޖިލީހަށް ހާޒިރުވެސް ނުކުރޭ، ސުވާލެއްވެސް ކޮށްލަން ނުގެނޭ، ޗުއްޕު ކިޔައިގެން އަޅުގަނޑުމެން ތިބީ، އެހެންވީމަ މިއަދު ދޯކާދޭ ފާޑަށް ނުކުމެ ކުއްލިއަކަށް ފާޅުވެފަ ތިމަންނަ ވެރިކަންކުރާނަމޭ ބުންޏަސް އެ މަގަކުން ނުގެންދެވޭނެ އަޅުގަނޑުމެން މިތާ ތިއްބަކާ، އެހެންވީމަ ވަރަށް ލަދުހަޔާތް ކުޑަކޮށް މިތަނަށް ގެނެސް ފަހަރަކު މީހަކު ކަންބަޅި ކަތިލާ އުސޫލުން ވަކި ކުރުމުގެ ކުރިން އިސްތިއުފާ ދޭށޭ މި ބުނަނީ،"
ޚަބަރު
ޚަބަރު
ޚަބަރު