ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) ގެ މުވައްޒަފަކު ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ރުފިޔާ ނެގުމަށްފަހު، ވަގަށް އަމިއްލަ ފަރާތަކަށް ކ. ތިލަފުށިން ބިމެއް ވިއްކި މައްސަލައެއް އެ ކޯޕަރޭޝަނުން ބަލަން ފަށައިފިއެވެ.
އެޗްޑީސީގެ އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރު އަލީ މަޝާރް މުސްތަފާ "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައުމާއެކު، މައްސަލައިގައި ތުހުމަތު ކުރެވޭ އެކުންފުނީގެ މުވައްޒަފު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
މަޝާރް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިންޓާނަލް އޮޑިޓެއް އެކުންފުނިން މިހާރު ކުރިއަށްގެންދާ ކަމަށެވެ. އެހެންވެ މައްސަލައާ ގުޅޭ އިތުރު ތަފްސީލް މިވަގުތު ހާމަކުރެވެން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޝާރް ވިދާޅުވީ މި މައްސަލައިގައި އިތުރު މުވައްޒަފެއްގެ ބައިވެރިވުން އަދި ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށްވެސް މަޝާރް ވިދާޅުވިއެވެ. އަދި އެމައްސަލަ ވަނީ އެޗްޑީސީގެ ފަރާތުން ފުލުހަށްވެސް ހުށަހަޅައިފައެވެ.
އެނގިފައިވާ ގޮތުގައި އެ ބިން ރަޖިސްޓްރީކޮށްދީފައި ވަނީ މި އަހަރުގެ ކުރީކޮޅެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ ބިމެއް ކަމެއް އެޗްޑީސީން ހާމައެއް ނުކުރެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކުމަށް އެޗްޑީސީން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން 25،000 އިން ފެށިގެން 35،000 އަކަފޫޓުގެ 50 ބިން ވިއްކުމަށް އެ ކޯޕަރޭޝަނުން މިދިޔަ މަހު ވަނީ އިއުލާންކޮށްފައެވެ.
އެޗްޑީސީން ބުނީ ބިން ގަތުމަށް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކަށްވެސް ހުށަހެޅޭނެ ކަމަށާއި ބޭރުގެ ކުންފުންޏަކުން ބިން ގަންނަން ހުށަހަޅައިގެން ބިޑް ކާމިޔާބުކޮށްފިނަމަ، އެ ފަރާތަކަށް ބިން ވިއްކުމުގެ ބަދަލުގައި ހަމަޖެހިފައިވަނީ ބިން 99 އަހަރަށް ކުއްޔަށް ދިނުން ކަމަށެވެ. އަދި ބިޑް ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެނަމަ، ބިން މިލްކުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ބިން ގަންނަން ހުށަހެޅޭނީ 18 އަހަރުން މަތީގެ މީހުންނަށް ކަމަށާއި ބިން ލިބޭނީ އެންމެ މަތިން ބިޑް ހުށަހަޅާ ފަރާތަކަށް ކަމަށެވެ. އަދި ތިލަފުށި ފޭސް ދޭކުން ބިން ވިއްކަނީ އަކަފޫޓަކަށް 1700 ރުފިޔާގެ މަގުން ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު