ރާއްޖޭގެ ޒުވާން މުބާރާތްތަކުގައި ގޯލު ޖެހުމުގެ ތަފާތު ހުނަރެއް ދައްކަމުން އަންނަ މުހައްމަދު އިލާން އިމްރާނަށް ޔޫއޭއީގެ ވަރުގަދަ ކްލަބެއް ކަމަށްވާ އަލް އައިންގެ ޔޫތު ޓީމުގެ ޓްރަޔަލެއްގެ ފުރުސަތު ލިބިއްޖެއެވެ.

އަލް އައިންއަކީ ޔޫއޭއީގެ ޕްރޯ ލީގުގައި ފާހަގަކޮށްލެވޭ ވަރުގަދަ ކްލަބެކެވެ. މިވަގުތުވެސް ލީގުގެ ދެވަނައިގައި އަލް އައިން އޮތް އިރު، އިލާންއަށް ލިބުނު ފުރުސަތަކީ އެ ކްލަބުގެ ޔޫތު ޓީމާއެކު އިންޓަނޭޝަނަލް ޗެލެންޖް ކަޕްގައި ކުޅުމަށް ލިބުނު ފުރުސަތަކެވެ. އެ މުބާރާތުގައި އިލާން ދައްކާ ކުޅުމަކީ ކްލަބުގެ ކޮންޓްރެކްޓަކެއްގެ ކުރިން ލިބޭ ޓްރައިލްއެކެވެ. އެ މުބާރާތުގައި އިލާން ދައްކާ ކުޅުން ރަނގަޅުނަމަ، އަލް އައިންއިން އިލާނަށް ޔޫތު ކޮންޓްރެކްޓެއް ދޭނެއެވެ.

އިލާނަށް ލިބުނު ފުރުސަތުގެ މައުލޫމާތު މީޑިއާއާ ހިއްސާ ކޮށްފައި ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިދިޔަ އަހަރު 14 އަހަރުން ދަށުގެ ޔޫތު މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާއިން ހޯދި އިރުވެސް އިލާންގެ ތަފާތު ވަރަށް ބޮޑަށް ފެނުނެވެ. އަދި މިމަހު އެފްއޭއެމް އިންޓަ ސްކޫލް 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައިވެސް އިލާން ވަނީ ގިނަ ގޯލު ތަކެއް ޖަހައިފައެވެ. އިސްކަންދަރާއެކު އިލާން އިންޓަ ސްކޫލް ތަށި ހޯދި އިރު، އޭނާ ވަނީ ގިނަ ގޯލުތަކެއް ޖަހައިފައެވެ.

އެ ގޮތުން އިލާން، ވެލެންސިއާ ޓީމަށް 8 މެޗުން 35 ގޯލު ޖެހިއިރު، މިފަހަރު އިސްކަންދަރު ޓީމަށް އޭނާ ވަނީ ހަ މެޗުން 38 ގޯލު ޖަހައިދީފައެވެ. ޔޫތު ލެވަލްގައި އާލީ ޓަޗް ފުޓްބޯލް އެކެޑަމީ (އީޓީއެފްއޭ) އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބްގައި ވެސް ކުޅެ، އިލާން ފަހުން ފެނުނީ ވެލެންސިއާގައެވެ.

ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ ޑިސެމްބަރު މަހު ސިންގަޕޫރާއި މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުތަކަށް ޕްރެކްޓިސް ކުރިއިރު، އިލާނަށް ވަނީ ސީނިއާ ޓީމާއެކު ޕްރެކްޓިސް ކުރަން ފުރުސަތު ދީފައެވެ.