ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން، ސަރުކާރުގައި ތިއްބެވި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރުން ސަރުކާރުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ސަރުކާރު ކޯލިޝަންގައި އޮވެގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވި މައްސަލައިގައި، ސަރުކާރުގައި ތިބި ޖޭޕީގެ މެންބަރުން އިސްތިއުފާ ދޭންޖެހޭ ކަމަށް ވިދާޅުވެ، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފް މަޖިލިސް ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ސަނީފް ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ގާސިމް ނިންމެވި ނިންމެވުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
ނަމަވެސް "މިއަދުން ފެށިގެން ކޯލިޝަންގެ މަގާމުތަކުގައި ތިބި މެންބަރުން އިސްތިއުފާ ދޭން ޖެހޭނެ،" ކަމަށްވެސް ވިދާޅުވިއެވެ.
ސަނީފް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަކީ ޖޭޕީއަށް ވެސް އޮތް ހައްގެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ކުރާއިރު، ރައީސުލްޖުމްހޫރިއްޔާ އާ ވާދަވެރި ޕާޓީގެ މެންބަރުންތަކެއް މިނިސްޓަރުންނާއި އެނޫންވެސް މަގާމުތަކުގައި ތިއްބަވައިގެންނުވާނެ ކަމަށްވެސް ސަނީފު ވިދާޅުވިއެވެ.
"މީގަ ހަގީގީ މިންގަނޑުން ބަލާއިރު އެފަދަ މީހުންނަށް އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން، އިސްތިއުފާ ނުދޭ ކަމަށްވާނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނަވައިގެން ރައްޔިތުންނަށް ދެން ހިދުމަތް ދެވޭނީ އެބޭފުޅުން މަގާމުތަކުން ވަކި ކޮށްގެން، މިކަން ކުރަން ޖެހޭނެ،" ސަނީފް ވިދާޅުވިއެވެ.
ސަނީފުގެ ވާހަކަތަކާ ގުޅިގެން ގާސިމް ވިދާޅުވީ، ޖޭޕީގެ މެމްބަރުން ސަރުކާރުގެ "މަގާމުތަކުން އިސްތިއުފާ ދިނުމުގެ ވާހަކަ އެއީ ލަދުވެތި ކަމެއް ކަމަށް ފާހަގަ ކުރެވޭ ނަޒަރިއްޔާތަކުން ވާހަކަފުޅު ދެއްކެވީމާ ދަންނަވާލަން އެއީ އެއްގޮތަކަށްވެސް ލަދުވެތިކަމެއް ނޫން،" ކަމަށެވެ
ކޯލިޝަން އެއްބަސްވުމަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ ގޮތަަށް ވެފައިވާ އެއްބަސްވުމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އެއްބަސްވުމެއްގައި އަޅުގަނޑުމެންގައި ސޮއިކޮށްގެން މި ސަރުކާރުގައި ތިބީ އެހެން ކަމަށް ވަންޏާ އަޅުގަނޑުމެން ދަންނަވާނީ އިއްޒަތްތެރި ރައީސުލްޖުމްހޫރިްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ، އިއްޒަތްތެރި ރައީސުލްޖުމްހޫރިްޔާވެސް ޖެހޭނީ އިސްތިއުފާ ދެއްވަން،"
ގާސިމް އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ސަރުކާރުން ދީފައިވާ މަގާމުތަކަކީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލަކުން ދީފައިވާ މަގާމުތަކެއް ނޫން ކަމަށެވެ.
"ވީހިނދު އެއްވެސް ބޭފުޅަކު މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން އިސްތިއުފާދޭން އަޅުގަނޑެއް ނުދަންނަވާނަން، އަޅުގަނޑަށް ފެންނަނީ އެއްގޮތަކަށްވެސް އިސްތިއުފާ ނުދެއްވުމަށް ދައުލަތަށް ހިދުމަތް ކުރުމުގައި އެމްޑީޕީއެއް ޖޭޕީއެއް އަދި އަދާލަތު ޕާޓީއެއް އަދި އެހެންޕާޓީއެއްވެސް، އެއްވެސް ޕާޓީއެއް އިސްތިސްނާނުވެ ކޮންމެ މީހަކުވެސް އެމީހަކާ ހަވާލުވެފައިވާ މަގާމަކާއި ޒިއްމާއެއް އަދާކުރުމުގައި އޭނާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާކަމަށްވާނެ އެމީހަކު އެކަމުގައި ދެމި ހުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އަމިއްލައަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ވަރަށް ރީތިކޮށް ޖާގަ ލިބޭ ކަމަށެވެ. އަދި ގިނަ ޕާޓީތައް ހަދައިގެން ތިބުމުގެ ބޭނުމަކީ ވެސް އެއީ ކަމަށާއި ރައްޔިތުންނަށް މަންފާތަކެއް ހޯދައިދެވޭނެ ގޮތްތަކެއް ހޯދައި ދިނުމަށް ވާދަވެރިކަމެއް އޮންނަންޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު