Close
ވޯލްޑް ކަޕް

ހަތަރު ޓީމުގެ ގްރޫޕްތައް، އިތުރު 24 މެޗު ހިމެނޭހެން ވޯލްޑް ކަޕް ފޯމެޓަށް ގޮތް ނިންމަނީ

ކުރިއަށް އޮތް 2026 ގެ ވޯލްޑް ކަޕްގެ ފޯމެޓަށް ގެންނަ ބަދަލުތައް ފާސް ކުރަން ފީފާ ކައުންސިލުން ތައްޔާރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ފީފާއިން ވޯލްޑް ކަޕް ފޯމެޓަށް ބޮޑު ބަދަލެއް ގެންނަން ކުރިންވެސް ނިންމައި އެކަމަށް މަޝްވަރާތައްވެސް ކޮށްފައިވެއެވެ. ފީފާއިން ކުރިންވެސް ކަނޑައަޅާފައި އޮތީ 2026 ވަނަ އަހަރު، އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގައި 48 ޓީމު ވާދަކުރާ ގޮތަށެވެ.

ފީފާއިން މާދަމާ ބާއްވާ ކައުންސިލް ބައްދަލުވުމުގައި 48 ގައުމުގެ ވޯލްޑް ކަޕު ކުރިއަށް ގެންދާނެ އާ ފޯމެޓަށް ވޯޓަށް އެހުން ތާވަލުކޮށްފައިވާ އިރު، ކައުންސިލުން މިހާރު ހުށަހަޅާ ފޯމެޓް ފާސްކޮށްފިނަމަ، މެޗުތަކުގެ އަދަދު ޖުމުލަ 104 އަކަށް އަރާނެއެވެ. މެޗުތައް އިތުރުވުމާއެކު ކުރިއަށް އޮތް ވޯލްޑް ކަޕް 40 ދުވަހުގެ މައްދަތަކަށް ދިގު ދެމިގެންދާނެ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

ކުރިން އޮންނަ ފޯމެޓްގައި 32 ޓީމުން ވާދަކުރި އިރު، ފައިނަލާ ހަމައަށް ދާ ޓީމަކަށް ކުޅެން ޖެހޭނީ ޖުމުލަ ހަތް މެޗެވެ. އެހެން ނަމަވެސް މިހާރު އެކުލަވާލަން މަސައްކަތް ކުރާ އާ ފޯމެޓާއެކު ފައިނަލާ ހަމައަށް ދާ ޓީމަކަށް ޖުމުލަ އަށް މެޗު ކުޅެން ޖެހޭނެއެވެ.

މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި 64 މެޗު ކުޅެފައިވާ އިރު، އެ ވޯލްޑް ކަޕް ވެގެންދިޔައީ އެންމެ ފޯރިގަދަ އެއް ވޯލްޑް ކަޕަށެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައްވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ނިމިދިޔަ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފޯރިއާއެކުވެސް ކުރިން އޮތް ވިސްނުމަށް ބަދަލުތަކެއް ގެންނަން ފީފާއިން ވަނީ ނިންމައިފައެވެ. ވޯލްޑް ކަޕްގައި ބައިވެރިކުރާ ޓީމުތަކުގެ އަދަދު ގިނަކުރަން ފީފާއިން ކުރިން ކުރި މަޝްވަރާގައި ހުށަހަޅާފައި ވަނީ ތިން ޓީމުގެ 16 ގްރޫޕުގެ މެޗުތައް ކުޅުމަށެވެ.

އެ ފޯމެޓަށް ކުރިން ފީފާއިން ވިސްނުން ގެންގުޅުނު ނަމަވެސް، ދާދިފަހުން ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ގަތަރު ވޯލްޑް ކަޕަށް އުފެދުނު ޝައުގުވެރިކަމާއެކު ހަތަރު ޓީމުގެ ގްރޫޕްތައް ހަދަން ފީފާ ކައުންސިލުން ވިސްނުން ގެންގުޅޭ ކަމަށެވެ.

ފީފާ ވޯލްޑް ކަޕްގެ އާ ފޯމެޓަށް ވާހަކަ ދެއްކުމަށް ހަ ބައްރުގެ ކޮންފެޑަރޭޝަންގެ ރައީސުން ރޭގެ ވަގުތެއްގައި ފީފާގެ ރައީސް އިންފަންޓީނޯއާ ބައްދަލުކުރައްވާފައިވާ އިރު، އެ ބައްދަލުވުމުގައި ހަ ބައްރުގެ ރައީސުންވެސް އާ ފޯމެޓަށް ހިތްހަމަ ޖެހިވަޑައިގެން ކަމަށް ނޫސްތައް ބުނެއެވެ.

އެ ބަދަލަށް ބައްރުތަކުގެ ކުދި ގައުމުތަކުން ބޮޑަށް ހިތްހަމަ ޖެހެނީ ކޮލިފިކޭޝަންގެ ފުރުސަތު ބޮޑުވުމުންނެވެ. އަދި މިހާރުވެސް އާންމުކޮށް ވޯލްޑް ކަޕްގައި ކުޅޭ ގައުމުތަކަށްވެސް އެއީ ރަނގަޅު ވިޔަފާރި މޮޑެލެކެވެ. ފީފާއިން އަންދާޒާ ކޮށްފައިވާ ގޮތުގައި ވޯލްޑް ކަޕްގެ ސްޓްރަކްޗާ ބޮޑުކުރުމުން ޖުމުލަ 11 ބިލިއަން ޑޮލަރުގެ ފައިދާއެއް ފީފާއަށް ޖެހޭނެއެވެ. އެއީ މީގެ ކުރިން އެންމެ ފައިދާވި ގަތަރު ވޯލްޑް ކަޕުގެ ޖުމުލަ އަދަދަށްވުރެ ވެސް ހަތަރު ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ.