ދިވެހިރާއްޖޭގެ ތާރީޚު

އައްޝައިޚު އަލްފަގީހު މުހައްމަދު ޖަމާލުއްދީނުގެ ހަނދާނަށް ހައްގު މަގާމުދިނުން - 4

އިމާދު ލަތީފު

ކުރީގައިވެސް ބަޔާންކުރެވުނު ފަދައިން ޝައިޚު ޖަމާލުއްދީން މިނިވަންކުރެވުނީ ސުލްތާން އިބްރާހިމް ނޫރައްދީނު އަވަހާރަވެ ރަސްކަން ބަދަލުވުމުންނެވެ. ފެހެންދޫގައި ހުންނަވައިފައި އަލުން މާލެއަށް ވަޑައިގެންނެވި ދުވަސްވަރު ވަރަށް ގާތްގާތުގައި ދެ ރަސްކަލުން ބަދަލުވިއެވެ. ސުލްތާން އިބްރާހިމް ނޫރައްދީނު އަވަހާރަވެގެން ތަޚުތަށް އިސްކުރެވުނު ސުލްތާން މުހައްމަދު އިމާދުއްދީނު ފަސްވަނައިގެ ރަސްކަމަށްވީ އެންމެ އަހަރެކެވެ. ތަޚުތުން ބާލައިފައި ދެން އިސްކުރީ ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނައެވެ. އަހަރުވެސް ނުވަނީސް އެރަދުން ބާލައިފައި ދެން އިސްކުރީ ސުލްތާން މުހައްމަދު އިމާދުއްދީނު ހަވަނައެވެ. ރަސްކަން ގަރާރުވީ އެހިސާބުންނެވެ. މިރަދުން 1893 ވަނަ އަހަރުން ފެށިގެން 1902 ވަނަ އަހަރާ ހަމަޔަށް ނުވަ އަހަރު ރަސްކަން ކުރެއްވިއެވެ.

ޝައިޚު ޖަމާލުއްދީނުގެ ނަސީބުގެ ތަރި އަނެއްކާވެސް މެދުއުޑަށް އުފުލުނީ ސުލްތާން މުހައްމަދު އިމާދުއްދީނު ހަވަނައިގެ މިދައުރުގައެވެ. މިރަދުން ބޮޑަށް މަޝްހޫރުވެފައިވަނީ ހާޖީ އިމާދުއްދީނުގެ ނަންފުޅުންނެވެ. މި ރަސްކަމުގައި އިލްމުވެރީންނަށް ކަމޭހިތުން ބޮޑެވެ. އިންސާފުގެ މަގުން ކަންކަން ހިންގުމަށް އިސްކަން ދެވުނެވެ. ޝައިޚު ޖަމާލުއްދީނު ދެވަނަ ފަހަރަށް އުއްތަމަ ފަނޑިޔާރުކަމަށް ވަޑައިގެންނެވި ކަމަށްވިޔަސް ދުވަސްކޮޅަކުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައި ހައެއްކަ މަސްވަންދެން ފާދިއްޕޮޅު ނައިފަރުގައިވެސް ހުންނެވިއެވެ. އެކަމަކު އޭނާގެ ހައިސިއްޔަތާއި ގަދަރަށް އުނިކަމެއް ނުގެނެއެވެ. އުއްތަމަ ފަނޑިޔާރުކަށް އައްޑޫ މީދޫ ޝައިޚު އަލިދީދީ ގެންނެވިއަސް ޝައިޚު ޖަމާލުއްދީނު ހުންނެވީ ހަމަ އެދަރަޖައިގައެވެ. އެހެންވީމާ އެއީ އެއްވަރެއްގެ ދެފަނޑިޔާރުން ތިއްބެވި ދުވަސްވަރެކެވެ.

ދިވެހި ތާރީޚުގައި މަޝްހޫރު ސުވޭހު ކައިވެނިފުޅަށް ހާޖީ އިމާދުއްދީނު މިސްރަށް ފުރައިވަޑައިގެންނެވީ މިދުވަސްވަރުގެ ތެރޭގައެވެ. މިސްރުގެ ސުވޭހުގައި ހުންނެވި ކަނބަލެއްކަމަށްވާ ޝަރީފާ ހާނިމާ ކައިވެނިބައްލަވައިގަތުމަށްޓަކައި ހާޖީ އިމާދުއްދީނު މާލެއިން ފުރާވަޑައިގެންނެވީ 1902 ގައެވެ. އޭރު ވަރަށް ގިނަ ސަބަބުތަކާހެދި އަތިރީގޭ ބޭފުޅުން ތިއްބެވީ ހާޖީ އިމާދުއްދީނު ދެކެ ނުރުހިފައެވެ. އެހެންވެ އެރަދުން ފުރާވަޑައިގެންނެވިތާ ގިނަދުވަސްތަކެއްނުވެ އަތިރީގޭ ބޭފުޅުން އިސްކޮށް ތިއްބަވައިގެން ރަސްކަން އިންގިލާބު ކުރައްވައިފިއެވެ. ތަންކޮޅެއްކުރީގައި ރަސްކަމުން ބޭލުނު ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނަ، ނުވަތަ މުލީގޭ މަނިއްޕުޅު އަލުން ތަޚުތުގައި ވަޑުވައިފިއެވެ. އެއްރޭ ދަންވަރު ހޭލާތިބެގެން މިސަކަރާތެއް ޖެހީމާ އިލްމުވެރިން މިކަމާ ދެކޮޅަށް ބަސްވިދާޅުވެއްޖެއެވެ.

އިލްމުވެރިންގެ ތެރެއިން މިކަމާ ދެކޮޅަށް ބަސްވިދާޅުވި ދެބޭފުޅުންނަކީ ޝައިޚު ޖަމާލުއްދީނާއި ޝައިޚު އަލިދީދީއެވެ. ފަނޑިޔާރުންގެ ހައިސިއްޔަތުން ބަސްވިދާޅުވާން ތިއްބެވީވެސް އެބޭފުޅުންނެވެ. ޝައިޚު ޖަމާލުއްދީނު ވިދާޅުވީ މިފަދައިންނެވެ. މިއީ އިސްލާމީ ދައުލަތެކެވެ. އިސްލާމުންގެ ދުސްތޫރަކީ މާތްވެގެންވާ ކަލާމްފުޅެވެ. އިސްލާމީ ދައުލަތެއްގެ ތަޚުތުގައި ހާކިމަކު ހުންނަވަނިކޮށް، އަދި އެ ތަޚުތު ހުސްވުމަކާނުލައި އެހެން ބޭފުޅަކު ވެޑުވުމަކީ އިސްލާމްދީން ދަންނަ ކަމެއް ނޫނެވެ. ތަބާވެގެން މިތިބަ ފޮތް ހުއްދަކުރާ ކަމެއްވެސް ނޫނެވެ. އިސްލާމުންގެ މަތިވެރިވެގެންވާ ފޮތް ހުއްދަނުކުރާ ބީދަޔަކުން ވެރިކަން ބަދަލުކުޅައުމަކީ ބަޣާވާތެކެވެ. ފަހެ ބަޣާވާތަކީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. އޭގެ ނުބައިކަން ދީނުގައި ވަނީ ވަރަށް ސާފުކޮށް ބަޔާން ވެގެންނެވެ.

ޝައިޚު ޖަމާލުއްދީނު މިބީދައިން ވާހަކަފުޅު ދެއްކެވިއިރު އަތިރީގޭ ފަރާތަށް ވެރިކަން އޮތީ ފުރޮޅައިލެވިފައެވެ. އެދަނޑިވަޅުގައި ހައްގު ބަސް ވިދާޅުވުމުގެ ނަތީޖާ އަންނާނީ ކޮންގޮތަކަށްކަން އޭނާއަށް އެނގިވަޑައިގަންނަވައެވެ. އެކަމަކުވެސް ބިރުފުޅުގަތުމެއް ޖެހިލުންވެވަޑައިގަތުމެއް ނެތެވެ. އަނެއްކޮޅުން ޝައިޚު ޖަމާލުއްދީނަކީ ކުރީއްސުރެވެސް އަތިރީގޭ ބޭފުޅުން ރުޅިއަރާ އިލްމުވެރިއެކެވެ. އޭގެ ސަބަބުތައް އިސްވެ ބަޔާންކުރެވިއްޖެއެވެ. އެހެންވީމާ ތިޔަކަމަކީ އިސްލާމުންގެ ފޮތް ހުއްދަކުރާ ކަމެއްނޫނޭ ޝައިޚު ޖަމާލުއްދީނު ވިދާޅުވީމާ އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު ޖަވާބުދެއްވިއެވެ. އޭބަލަ މިހިރަ ތުއްތޫއެވެ. ތިޔަފޮތް ދުށީ ކަލޭ އެކަންޏެއް ނޫނެވެ. އަހަރެމެންވެސް ދުށީމެވެ. އޭ ރައްޔިތުންނޭވެ. މިކަލޭގެ ހިފައި ހައްޔަރުކޮށް އޮޑިއަށްލާށެވެ.

އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު އެންގެވި ގޮތަށް ޝައިޚު ޖަމާލުއްދީނު ހިފައި ހައްޔަރުކޮށް ތަޅައި އަނިޔާވެސް ކުރުމަށްފަހު އޮޑިޔަކަށްލައި ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫއަށް ފޮނުވައިލެވުނީ ޝައިޚު ހުސައިން ސަލާހުއްދީނު ލިޔުއްވާފައިވާގޮތުން 1904 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާއެނބޫދޫއަކީ ޝައިޚު ޖަމާލުއްދީނަށް އައު ރަށެއް ނޫނެވެ. އޭނާގެ ދޮންބަފައިކަލުން އަދި ފުރަތަމަ އުސްތާޒު ދަނބުގޭ އައްނާއިބު އަހުމަދުދީދީ އަވަހާރަވެ ފަސްދާނުލެވިފައިވަނީވެސް މާއެނބޫދޫގައެވެ. ރާއްޖެބަލީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް އައްނާއިބު އަހުމަދުދީދީ އެރަށުގައި ހުންނެވި ދުވަސްވަރު ޝައިޚު ޖަމާލުއްދީނު ވަނީ ޒުވާން އުމުރުފުޅެއްގައި އޭނާގެ އަރިހަށް ޒިޔާރަތްވެސް ކުރައްވައިފައެވެ. ކޮންމެއަކަސް ޝައިޚު ޖަމާލުއްދީނު މާއެނބޫދޫއަށް އަރުވައިލެވުނީ އައްނާއިބު ދަނބުގޭ އަހުމަދުދީދީ އެރަށުގައި އަވަހާރަވިތާ ބަރާބަރު ސާޅީސްއަހަރު ފަހުންނެވެ.

(ނުނިމޭ)