އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރެއިން، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވިފަހުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ސަރުކާރާ ދެކޮޅަށް މަޖިލީހަށް ގަރާރު ހުށަހެޅުމަށް ކުރިއަށް ގެންދާ ސިލްސިލާގެ ދަށުން މިއަދުވެސް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި މި ގަރާރަކީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ގަރާރެކެވެ.
މި ގަރާރުގައި ސަރުކާރަށް ތުހުމަތު ކޮށްފައިވަނީ، އިންތިހާބުތަކަށް ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމަށެވެ.
މި ގަރާރުގައި ބުނެފައި ވަނީ، މިނިވަކަމާއި އިންސާފުވެރިކަމާއެކު އިންތިހާބުތައް ހިންގުމަކީ ގާނޫނުއަސާސީން ލާޒިމްކުރާ ކަމެއްކަމަށެވެ. އެހެންކަމުން އެކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށްވެސް ބުނެފައިވެއެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކާއި އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުތައް އެއްކޮށްލައިގެން އެކަމަށް ދައުލަތުގެ ފައިސާއާއި ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރަމުންދާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
ހަމަ އެގޮތަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ މަގާމުތައް އެތައް ގުނައަކަށް އިތުރުކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެތަންތަނުން ވަޒީފާ ދެމުންދާ ކަމަށާއި ސަރުކާރުން ބޭނުންވާ ކެންޑިޑޭޓަކަށް ކެމްޕެއިން ކުރުމަށް މަޖުބޫރު ކުރުވުމާއި، އަންގާގޮތަށް އަމަލުނުކޮށްފި ނަމަ ސިޔާސީ މަގާމުގައި ދެމިނުތިބެވޭނެ ކަމުގެ އިންޒާރު ދެމުން ދާ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.
ސަރުކާރަށް ތާއީދުކުރާ ފަރާތަށް ވޯޓު ނުދީފި ނަމަ ޕްރޮޖެކްޓުތައް އަތުލާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށާއި، އެ ކަންކަމުގެ ސަބަބުން އިންތިހާބުތަކުގެ ސައްހަކަން ގެއްލި އިތުބާރު ކުޑަވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލައި އިންތިހާބު މިނިވަން ކުރުމަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް ސާފު ސިޔާސަތެއް ގެންގުޅުމަށް އެ ގަރާރުގައި ވަނީ ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.